ރައީސް އޮފީސް ކައިރިއަށް ކުޑަކަމުދިޔަ މައްސަލައާ ގުޅިގެން ސެކިއުރިޓީ ޓީމު ބަދަލުކޮށްފި

ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އޮފީސް ކައިރިއަށް މީހަކު ކުޑަކަމުދިޔަ މައްސަލައެއްގައި އެ އޮފީހުގެ ސެކިއުރިޓީ ޓީމާއި ސެކިއުރިޓީ އިންޗާޖު ބަދަލުކޮށްފިއެވެ.

"ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ނިންމުން ނިންމިތާ މިހާރު ވަނީ 10 ވަރަކަށް ދުވަސް ވެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން، ހަނާ މުހައްމަދުއާ "ސަން"އިން ގުޅުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެއީ އާއްމުކުރާ ފަދަ މައުލޫމާތެއް ނޫންކަމަށާއި އެ މައުލޫމާތު ސާފު ކުރުމަށް ލިޔުމަކުން ހުށަހެޅުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

އެ މީހާ ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ. ހަމަ އެ ރޭ މަޣްރިބް ނަމާދުގެ ޖަމާއަތުގައި މީހުން ނަމާދު ކުރަން ތިއްބާ އޭނާވަނީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)އަށް ވަދެ ވެސް ކުޑަކަމުގޮސްފައެވެ. އަދި މީގެ އިތުރުން ހުކުރު މިސްކިތަށް ވެސް އޭނާ ހަމަ އެ ރޭ ކުޑަކަމު ގޮސްފައިވެއެވެ.

އޭގެ ޖެހިގެން އައި ދުވަހު ފުލުހުންވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އަދި އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ޝޭޑީ ހޯމް، އުމުރުން 40އަހަރުގެ ހަސަން ޒިޔާދެވެ. އޭނާގެ ބަންދަށް މިދިޔަ މަހުގެ 21ވަނަ ދުވަހު ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއެވެ. އޭނާ ބަންދުކުރީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.

comment ކޮމެންޓް