ގުޑުގުޑާ ދޫނީގެ އިންތިޒާރުގައި ތިބި ކެނދިކުޅުދޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް!

ކެނދިކުޅުދޫ ކުޅިއަށް ޒިޔާރަތްކުރި ގުޑުގުޑާ ދޫންޏެއް -- ފޮޓޯ/ މުހައްމަދު ތަހުލީލް

ގުޑުގުޑާ ދޫނި ރާއްޖެ އައިސް، އެ ދޫނިތަކުގެ ނަލަނަލަ ފޮޓޯތައް މުޅި މީސްމީޑިއާގައި އާއްމުވުމާއެކު ކެނދިކުޅުދޫ ރައްޔިތުން އިންތިޒާރުގެ ދުވަސްތައް ގުނަން ފަށައިފިއެވެ.

އެ ރަށު ރައްޔިތުން ތިބީ، ކެނދިކުޅުދޫގެ ކުޅިތަކަށް އެ ޗާލޫ ދޫނިތައް އަންނާނެކަން ޔަގީން ކޮށްގެންނެވެ. އަދި ކެނދިކުޅުދުއަށް ނާރާ ރާއްޖެ ދޫކޮށް އެ ދޫނިތައް ނުދާނެކަން ވެސް އެ ރައްޔިތުން ޔަގީން ކުރިއެވެ.

އިންތިޒާރުގެ ދުވަސްތައް ގުނަން ތިބި، ކެނދިކުޅުދޫ ރައްޔިތުންގެ އިންތިޒާރަށް މިއަދު ނިމުން އަތުވެއްޖެއެވެ. މިއަދު ހެނދުނު 11 ޖަހާކަށްހާއިރު އެ ރަށު ކުޅިއަށް ގުޑުގުޑާ ދޫނިތައް ވަނީ ޒިޔާރަތް ކޮށްފައެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި ފޮޓޯގްރަފަރު މުހައްމަދު ތަހްލީލް ބުނީ ރަށުގެ އެކި ސަރަހައްދުތަކުން މިއަދު ގުޑުގުޑާ ދޫނި ފެނިފައިވާ ކަމަށެވެ. އަދި ގުޑުގުޑާ ދޫނި ބަލާލަން ރަށުގެ ކުދިބޮޑު ރައްޔިތުން ނުކުތް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"ދޫނިތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ފުރަތަމަ ލީމަ ވެސް މި ރަށަށް އެ ދޫނިތައް އަންނާނެ ކަން އޮތީ ޔަގީންވެފަ. އެއީ މި ރަށަކީ ގުދުރަތީގޮތުން ބައިވަރު ކުޅިތަކެއް އޮތް ރަށަކަށް ވެފައި މީގެ ކުރިން ވެސް ރާއްޖެއަށް އެގޮތަށް އަންނަ ގިނަ ދޫނިތައް މި ރަށަށް އަންނާތީ،" ތަހްލީލް ބުންޏެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ ދޫނިތައް ފެނުނީ އެ ރަށު ކުޅުދޫ އަވަށުގައި އޮންނަ "މައި ފަޅުން" ކަމަށެވެ. އެންމެ ފުރަތަމަ ފެނުނުއިރު 10 ވަރަކަށް ދޫނި ފެނުނު ކަމަށް ވެސް ތަހްލީލު ބުންޏެވެ.

"ފަހުން ދޫނިތައް އެކި ކުޅިތަކަށް ބެހުނީ. ކެނދިކޮޅު އަވަށު ހިންނާ ބުރިޖު އޮންނަ ދިމާފަޅުން ވެސް ފެނުނު'" އޭނާ ބުންޏެވެ.

ކެނދިކުޅުދޫ ކުޅިއަށް ޒިޔާރަތް ކުރި ގުޑުގުޑާ ދޫންޏެއް -- ފޮޓޯ/ މުހައްމަދު ތަހުލީލް

ދޫނިތައް ފެނުމާއެކު ރައްޔިތުން ހައްޓަކު ހެޔެއް ނެތެވެ. ރަށުގެ ކުދިބޮޑު ރައްޔިތުން ނުކުތީ ގުޑުގުޑާ ދޫނިތައް ބަލާލުމަށެވެ. ސައިކަލުގައި އުޅުނު މީހުން އެއް ކުޅިން އަނެއް ކުޅިއަށް ދުއްވަމުން ދިޔައެވެ.

އެހެން ނަމަވެސް ގުޑުގުޑާ ދޫނި ފެނުމުގެ ނަސީބު ބައެއް މީހުންނަކަށް ނުލިބުނެވެ. ސަބަބަކީ ދޫނިތައް އެއްކުޅިން އަނެއް ކުޅިއަށް ދަތުރު ކުރުމެވެ.

"މިއަދު ދޫނިތައް ނުފެނުނު މީހުން ތިބީ މާދަމާ ވެސް ދޫނިތައް އަންނާނެކަން ޔަގީންކޮށްގެން،" ތަހުލީލް ބުންޏެވެ.

ތަހުލީލު ބުނީ އެ ރަށުގެ އެއްވެސް މީހަކު އެ ދޫނިތަކަށް ގޯނާކުރަން، ނުވަތަ ހިފަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ރަށު ރައްޔިތުން އެ ދޫނިތަކަށް ރަނގަޅު މެހެމާންދާރީއެއް ދިން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ހަތްވަރަކަށް އަހަރު ކުރިން ވެސް ކެނދިކުޅުދުއަށް ވަނީ ގުޑުގުޑާ ދޫންޏެއް ޒިޔާރާތް ކޮށްފައެވެ.

ކެނދިކުޅުދޫ ކުޅީގައި އެ ރަށު ޒުވާނުން ވަނީ ޕާކެއް ހަދައިފައި --

ގާތްގަނޑަކަށް 1900އެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ރަށް ހިތްގައިމުވެފައި ވަނީ ރަށުގައި އޮންނަ ގުދުރަތީ ކުޅިތަކުގެ ސަބަބުންނެވެ. އެއްރަށެއްގައި ގިނަ ކުޅިތައް ހުރުމަކީ ރާއްޖޭގައި އާއްމުކަމެއް ނޫނެވެ. ނަމަވެސް ކެނދިކުޅުދޫގައި ގުދުރަތީގޮތުން އުފެދިފައިވާ ނުވަ ކުޅި އެބައޮތެވެ. އެގޮތުން، 400ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިނެއްހުރި ތިން ކުޅި ރަށުގައި އޮވެއެވެ.

comment ކޮމެންޓް