އަށް މަހަށް ފަހު ރިޒޭ އެނބުރި ފަރިތަކުރުންތަކަށް

އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން ބޯޅައާ އެކު --- ފޮޓޯ// އެފްއޭއެމް

ކުލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) މިދިޔަ ސީޒަނުގެ ކުރީކޮޅު ލިބުނު އަނިޔާއިން ރަނގަޅުވެ ތަމްރީންތައް ހަދަން ފަށައިފިއެވެ.

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ލީގުގެ ފުރަތަމަ ދެ މެޗު ރިޒޭ ކުޅެފައެއް ނުވެއެވެ. އޭރު ރިޒޭއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން ޔަގީން ނުވާތީ ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ނޭންގޭ ކަމަށް ޓީމުން ބުނި ނަމަވެސް، ލީގުގެ ތިންވަނަ މެޗުގައި ރިޒޭ ވަނީ ކުޅެ ގޯލެއް ވެސް ޖަހައިފައެވެ.

އެކަމަކު އެއަށްފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް އަނިޔާވުމުން ރިޒޭ އަށިގަނޑުގައި ދަނޑުން ވަނީ ބާލަން ޖެހިފައެވެ. އެއާ ގުޅިގެން ރިޒޭ ވަނީ މީގެ އަށް މަސް ދުވަސް ކުރިން ކަކުލުގެ ސާޖަރީއެއްކޮށްފައެވެ.

ސާޖަރީ ކުރިތާ އަށް މަސްފަހުން ރިޒޭ އިއްޔެ ވަނީ ދަނޑުގައި ތަމްރީންތަކެއް ހަދައިފައެވެ. އޭނާގެ ފިޒިއޯތެރަޕިސްޓް މުއީނާ މުހައްމަދު "ސަން"އަށް ބުނީ ރިޒޭގެ އަނިޔާއަށްފަހު މިހާރު އޭނާ ގައިގަނޑަކަށް ރިކަވާ ވެއްޖެ ކަމަށާއި، ބޯޅައާ އެކު ފަރިތަކުރުންތަކެއް މީގެ ދެ ދުވަސް ކުރިން އޭނާ ފަށާފައިވާ ކަމަށެވެ.

"އީގަލްސްގެ ޕްރެކްޓިސް އަންނަ މަހު ފަހުކޮޅު ފަށަން ތައްޔާރުވާއިރު، އެ ޕްރެކްޓިސްތައް ފަށާނީ ރިޒޭއާ ވެސް އެކު. މީގެ ދެ ދުވަސް ކުރިން ބޯޅައާ އެކު ތަމްރީންތައް ފަށައިގެން ކުރިއަށްދަނީ،" މުއީނާ ބުންޏެވެ.

މުއީނާ ބުނީ ރިޒޭގެ ރިކަވަރީ ލަސްވެގެން ދިޔައީ ކޮވިޑްގެ ސަބަބުން އައި ލޮކްޑައުންއާ އެކު ރިޒޭ އޭނާގެ ރަށުގައި ތާށިވުމުން ކަމަށެވެ.

"ލޮކްޑައުންއާ ހެދި ރަށުގައި ތާށިވެގެން އަސްލު ރިކަވަރީ ލަސްވީ. އެހެން ނޫން ނަމަ މިހާރު އޭނާ ކުޅެން ފަށާނެ."

ރިޒޭ ވަނީ 2019-2020 ވަނަ ސީޒަނުގައި އީގަލްސް އިން ޕްރިމިއާ ލީގު ދެ ވަނަ އާ އެކު ކުލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕް ކޮލިފައިން އިން ޖާގަ ހޯދި އިރު ލީގުގައި 28 ގޯލު ޖަހައި، ފަސް މެޗެއްގައި ހެޓްރިކް ހަދައިފައެވެ.

comment ކޮމެންޓް