ތަފާތު ފަންނުތަކުގެ އިލްމީ، ގާބިލު މީހުން ބޭނުންވޭ: ކޮމިޝަނަރު

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ---

މުވައްސަސާގައި ތައުލީމީ ގާބިލުކަން އިތުރު ކުރަންޖެހިފައިވާއިރު، ތަފާތު ދާއިރާތަކުގެ އިލްމީ، ގާބިލު މީހުން ބޭނުންވާ ކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

ފުޅު މިހެން ވިދާޅުވީ އެމްސީއެސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުން ތާޒާ ކުރުމަށް ކުރިއަށްގެންދިޔަ "މިޑްލް މެނެޖާސް ރިފްރެޝާ” ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުހޯދޭނެ ގާބިލު މުވައްޒަފުންތަކެއް މުވައްސަސާގައި ތިބުމަކީ ކޮންމެހެން ވެސް ބޭނުން ތެރިކަމެއް ކަމަށެވެ.

އަދި މުވައްޒަފުންގެ މެދުގައި ހެޔޮގޮތުގައި ކުރިއަރާ ދިއުމުގެ ވާދަވެރި ރޫހެއް އުފަންކުރަންޖެހޭ ކަމަށާއި ލިބެން ހުރި ވަސީލަތްތަކާއި، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެންމެ ފުރިހަމަ ނަތީޖާ ނެރެ، ދެއްކުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ފުޅު ވިދާޅުވިއެވެ.

ފުޅު ވިދާޅުވީ މިވަގުތު މުވައްސަސާގައި މަސައްކަތް ކުރާ މެނޭޖިރިއަލް މަގާމުތަކަށް ބަލާއިރު 22.7 ޕަސެންޓަކީ ގުރެޖުވޭޓުން ކަމަށާއި، އަދި މިޑްލް މެނޭޖްމެންޓުގެ މަގާމުތަކުގައި ގްރެޖުވޭޓުންގެ އަދަދު ހުރީ 4.3 ޕަސެންޓުގައި ކަމަށެވެ.

މީގެ އިތުރުން ޖޫނިއާ ލެވަލްގެ މަގާމްތަކުގައި ގްރެޖުވޭޓުންގެ ނިސްބަތް ހުރީ ދެ ޕަސެންޓުގައި ކަން ފާހަގަ ކުރައްވައި ފުޅު ވިދާޅުވީ އެ އަދަދުތަކަށް ބެލުމުން މުވައްސަސާގެ ލޭބާ ފޯސް އިތުރަށް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ދޭހަވާކަމަށެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ވެސް ތަޖުރިބާއަކީ ދެގޮތަކަށް ވަޒަން ކުރާ ކަމެއްކަމަށެވެ. އެގޮތުން ކަމެއްގެ ފަންނުވެރިކަން ކިޔަވާ އަދި ފުރިހަމަ މައުލޫމާތާއި އިލްމު ހޯދައިގެން ކުރާ މަސައްކަތުގެ ނަތިޖާއިން އައު ހިޔާލުތަކާއެކު ކަންކަމަށް އަވަސް ހައްލު ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

ފުޅުގެ ވާހަކައިގައި ކަރެކްޝަންގެ މަސައްކަތްތަކަށް ފާރަވެރިވުމަށް ގިނަ ވުޒާރާތަކާއި ނިޒާމުތައް އުފެދިފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ ނިޒާމް ތަކަށް ޖަވާބުދާރީވުމާއެކު ގާއިދީންނާއި ބަންދު މީހުންގެ ކަންކަން ހަމަޖެއްސުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ދެގުނަވެގެން އަންނަކަމަށެވެ.

އެހެންކަމުން މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ހަލުވި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދިނުމަށާއި، ކަންކަމުގެ ހައްލު ކޮންމެ ފަހަރަކު، މަތިން ތިރިއަށް ދާނެ ކަމަށް ނުބަލާ ތިރިން މައްޗަށް ވެސް ކަންކަމުގެ ހައްލު ފޮނުވައިދިނުމަށް ކޮމިޝަނަރު އެދިވަޑައިގަތެވެ.

comment ކޮމެންޓް