ދަނގެތީ ގެއަކުން 9000 ޑޮލަރުގެ އަގުހުރި ސާމާނު ވަގަށް ނަގައިފި

އދ. ދަނގެތީގައި މީހަކު މަރާލުމާއެކު ވަނީ ބިރުވެރިކަން އުފެދިފައި --

މިދިޔަ ބުރާސްފަތި ދުވަހު މީހަކު މަރާލުމުން ބިރުވެރިކަން އުފެދިފައިވާ އދ. ދަނގެތީ ގެއަކުން 9000 ޑޮލަރުގެ އަގުހުރި ސާމާނު ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ އެ ރަށު ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް އޮކްޓޯބަރު 19ވަނަ ދުވަހު ހުށަހަޅައިފައިވާ ކަމަށެވެ.

އެ ގެއިން ވަގަށް ނަގައިފައިވަނީ ފަރުމަސްވެރިކަމުގައި ބޭނުންކުރާ ސާމާނުތަކެއް ކަމަށެވެ. އަދި އެ ތަކެތީގެ އަގު 9000 ޑޮލަރަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަހުމޫދު މަރާލުމުގެ ހަފްތާއެއްހާ ދުވަސްކުރިން އޭނާގެ ކޮއްކޮ އަންވަރު ސޯލިހުގެ ފިހާރަ ވެސް އެ ރަށުގައި ފަޅާލިއެވެ. އެ ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރު ވައްބުރަކަށް ކަނޑާލުމަށްފަހު އެތެރެއިން ހުޅުވައިގެންނެވެ. އޭރު އެ ފިހާރައިގައި އިންނަނީ އެތެރޭން ހުޅުވޭ ތަޅެކެވެ.

އެ މައްސަލައިގައި ވެސް ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރާ މީހުންނަށެވެ. އެއީ އއ. ތޮއްޑޫން އެ ރަށަށް ގޮސް އުޅޭ ދެމީހެކެވެ. އެ ދެމީހުން މިހާރު ތިބީ ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެެ.

comment ކޮމެންޓް