ލޯންޗު ހާދިސާ: ތުއްތު ކުއްޖާ ކަނޑުމަތިން އެއްފަހަރު ފެނުނު!

ލޯންޗު ހާދިސާގައި ނިޔާވި ނާހިދާއާއި ގެއްލުނު ދަރިފުޅު ޖުވެލް --

މިދިޔަ ހޮނިހިރު ދުވަހު މާލޭން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ލޯންޗެއް އަނބުރާލަން އުޅުމުގެ ތެރޭގައި ތިން މީހަކު ކަނޑަށް ވެއްޓުނެވެ. ވެއްޓުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ފިރިހެނެކެވެ.

ކަނޑަށް ވެއްޓުނު 33 އަހަރުގެ މަރިޔަމް ނާހިދާ ފެނުނު އިރު ވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭނާގެ އުމުރުން ހަތަރު އަހަރުގެ ތުއްތު ދަރިފުޅު އަދިއަދަށް ދާންދެން ވެސް ނުފެނެއެވެ.

ހުރިހާ ކަމެއް ވެސް ވީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އެ ވަގުތު ކޮންމެ މީހަކު ވެސް މަސައްކަތް ކުރީ އެ މީހެއްގެ އަމިއްލަ ސަލާމަތްތެރިކަން ހޯދާށެވެ. އެންމެން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

"ދުވަހަކު ވެސް އެހާ ބިރެއް ނުގަނޭ. ހިތަށް އެރީ ދެން މި މަރުވަނީއޭ. ދެން ސަލާމަތެއް ނުވާނެޔޭ. އެންމެން ވެސް ރޮވިފަ ތިބީ ހަމަ،" އެ ވަގުތު ކޮޅު ސިފަކޮށްދިނުން މުހައްމަދު އާދަމް (އަސްލު ނަމެއް ނޫން)އަށް ވެސް ވީ ފަސޭހަ ކަމަކަށް ނޫނެވެ.

ދިރިއުޅުމުގައި ދިމާވި އެންމެ ބިރުވެރި އަދި ހިތާމަވެރި ހާދިސާ މުހައްމަދު "ސަން"އާ ހިއްސާކުރިއެވެ.

އަނބުރާލީ ނުދުއްވޭނެކަން ޔަގީންވުމުން!

މާލޭން ލޯންޗު ފުރީ ވެސް ކަނޑު ވަރަށް ގަދަކަން އެނގި ތިބެއެވެ. މުޅި ރާއްޖެއަށް އޮތީ ރީނދޫ ސަމާލު ނެރިފައެވެ. އެހެން ނަމަވެސް ކަނޑުގެ ރާޅުތައް އެހާ ބޮޑުވާނެކަމެއް ވިސްނައެއް ނުލެވެއެވެ.

މުހައްމަދު ވެސް ލޯންޗަށް އެރީ ކޮންމެހެން ކުރަން ޖެހޭ ދަތުރަކަށް ވާތީއެވެ. އޮފީހުގެ ޕްރޮޖެކްޓަކަށް ފުލިދުއަށް ދާން ޖެހޭތީއެވެ.

ލޯންޗު މާ ކަނޑަށް ނުކުތުމާއެކު ނަގަން ފެށީ ބިޔަ ރާޅުތަކެެވެ. ލޯންޗުގެ މަތިން ވެސް ބައެއް ފަަހަރަށް ރާޅުތައް ނަގަން ފެށިއެވެ.

އޮޅުވެލި ރިސޯޓް ކައިރިން ޖެހި ތިން ރާޅާއެކު ދެން ކުރިއަށް ނުދެވޭނެ ކަން ކެޕްޓަނަށް ވިސްނުނެވެ. އެއާއެކު އަނބުރާ މާލެއަށް ދިއުމަށް ނިންމިއެވެ.

"ކައްޕިއަށް ނުދުއްވޭނެކަން ޔަގީން ވީމަ ކައްޕި އަނބުރާލީ މާލެ އަންނަން. އަންނަން ވެގެން އަނބުރާލި ގަޑިއާ ފަހަތުން އައި ރާޅު ލޯންޗު ހަމަ ކޮއްޕާލި ކަހަލަ،" މުހައްމަދު ކިޔައިދިނެވެ.

ހާދިސާ ހިނގި ލޯންޗު -- ސަން ފޮޓޯ

އެ ރާޅު ފައިބައިގެން ދިޔައީ ތިން މީހުން ގޮވައިގެން!

ލޯންޗުގެ ކުރީކޮޅު އަޑިއަށް ދިއުމާއެކު ބިޔަ ރާޅެއް ލޯންޗަށް އެރިއެވެ. އެ ރާޅު ލޯންޗުގެ ފަަހަތްކޮޅުން ފައިބައިގެން ދިޔައީ ސަތަރިގަނޑުތައް ވެސް ފަޅައިލައިފައެވެ. އަދި ލޯންޗުގައި ތިބި ތިން މީހަކު ގޮވައިގެންނެވެ.

"ކުޑަކުއްޖާއާއި މަންމައާ އިތުރު ފިރިހެނަކާ. އަޅުގަނޑު ފަހަތުގައި އިން ސޮރު އެއީ. އަޅުގަނޑުގެ ބޯ މަތިން އޭނަ ކަނޑަށް ދިޔައީ،" މުހައްމަދު ކިޔައިދިނެވެ.

ތިން މީހުން ކަނޑަށް ވެއްޓުނީ އެއްކޮށް ކަމެއް އޭނާއަކަށް ވެސް ޔަގީނެއް ނޫނެވެ. ހަމަ ޖެހިލައިފައި ބަލާލިއިރު ނާހިދާއާއި އޭނާގެ ތުއްތު ދަރިފުޅު ޖުއެލް ފެންނާކަށް ނެެތެވެ.

"ވަގުތުން އިންޖީީނު ވެސް ނިވިއްޖެ." މުހައްމަދު ކިޔައިދިނެވެ.

އެކަކު އަނެކަކަށް އެހީތެރިވި!

މި ހާދިސާގައި ލޯންޗުގައި ތިބި ފިރިހެނުން އެހެން މީހުންނަށް އެހީތެރިކަން ފޯރުނުކޮށްދޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ މުހައްމަދު ވަނި އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެއީ "ހުސް ދޮގު" ކަމަށް މުހައްމަދު ކިޔައިދިނެވެ.

އަރައި ފައިބައިގެން ދިޔަ ރާޅަށްފަހު ހަމަޖެހިލެވުމާއެކު މުހައްމަދު މަސައްކަތްކުރީ ލޯންޗުގައި ހުރި އުމުރުން ދުވަސްވީ ފިރިހެނަކަށް އެހީވުމަށެވެ.

"ފްރެންޑެއްގެ ބައްޕަ އެއީ. އޭނަ ނަގަންވެގެން ދިޔައީ. ދިޔައިރު ރިޝްމީ ދަރިފުޅު ހުރި އެތާ ދަގަނޑުގައި ހިފަހައްޓައިލައިގެން،" މުހައްމަދު ކިޔައިދިނެވެ.

މުހައްމަދު ބުނީ އޭނާ ދުވެފައި ގޮސް އުމުުރުން ދުވަސްވީ އެ މީހާ ނެގި ކަމަށެވެ. އަދި ނެގުމަށްފަހު އޭނާއަށް ލައިފްޖެކެޓެއް މުހައްމަދު ދިނެވެ.

"އެއަށްފަހު އަޅުގަނޑު ލައިފްޖެކެޓް އެޅީ. އެ މީހާއަށް ވެސް ލައިފްޖެކެޓެއް ދިނިން. ރިޝްމީ ދަރިފުޅަށް ވެސް ލައިފްޖެކެޓެއް ދިނިން. ލައިފްޖެކެޓް ދަމާދަމާ އިންފްލޭޓެއް ނުވި. އަނގައިން ފުމެން ޖެހުނީ،" މުހައްމަދު ކިޔައިދިނެވެ.

"މަގޭ ނާހިދާއާއި ޖުވެލް"

ލޯންޗު ނައްޓާލައިގެން ދަތުރުކުރި އިރު ނާހިދާ އިނީ އޭނާގެ ދަރިފުޅު ޖުވެލް އުނގަށް ލައިގެންނެވެ. ކައިރީގައި އޭނާގެ ފިރިމީހާ ޖިނާހު އިނީ ދޮށީ ދަރިފުޅު ޖައިޝް ކައިރީގައި ބައިންދައިލައިގެންނެވެ.

ޖެހި ރާޅާއެކު ނާހިދާއާއި ޖުވެލް ކަނޑަށް ވެއްޓުނީއެވެ. އެ ހިނދުކޮޅަށްފަހު ތެދުވުމަށްފަހު ޖިނާހުއަށް ބުނެވުނީ އެންމެ ބަހެކެވެ.

"މަގޭނާހިދާއާއި ޖުވެލް އެ ދިޔައި،" ޖިނާހު ބުނި ކަމަށް މުހައްމަދު ކިޔައިދިނެވެ.

އޭރުގައި އޭނާގެ ކައިރީގައި ދޮށީ ދަރިފުޅު "ޑެޑީ،ޑެޑީ ކޮބާ މަންމަ؟." އެހެން ކިޔަމުން ދިޔަކަމަށް މުހައްމަދު ކިޔައިދިނެވެ.

ވަގުތުން މުހައްމަދުއާއި ޖިނާހު ކުރީކޮޅަށް ނުކުތެވެ. އެވަގުތު ވެސް ޖިނާހު ދިޔައީ ކަރުނައަޅާ ރޮމުންނެވެ. ކުރިމަތީގައި ކަނޑަށް ފައިބައިގެން އެ ދިޔައީ ލޯބިވާ އަނބިމީހާއާއި ދަރިފުޅެވެ.

އޭރު ލޯންޗުގެ ކައްޕި މަސައްކަތް ކުރަމުންދިޔައީ އިންޖީނު ސްޓާޓު ކުރެވޭތޯއެވެ. ނަމަވެސް އެކަންވެސް މާ ފަސޭހަ ކަމަކަށް ނުވިއެވެ.

"15 މިނެޓަށްވުރެ އަވަހެއް ނުވާނޭ އަޅުގަނޑު ބުނާނީ. ދެން އޭގެ ކުރިން ގުޅޭތޯ ވެސް އުޅުނިން. ރިޝްމީ ފޯނު އެކަނި މަސައްކަތް ކުރަނީ. އެހެން އެއްވެސް ފޯނެއް ޓަޗު ވާ ގޮތެއް ނުވި.،" މުހައްމަދު ކިޔައިދިނެވެ.

ލޯންޗު ސްޓާޓުވުމާއެކު ނާހިދާއާއި ޖުވެލްގެ ހަށިގަނޑު ފެނޭތޯ ދުއްވަން ފެށިއެވެ. މާ ގިނައިރުތަކެއް ނުވެ، ނާހިދާގެ ހަށިގަނޑު ފެނުނެވެ. އޮތީ މައްޗަށް އަރައިފައެވެ.

"މަރުވެގެންނޭ ދެން ބުނެވޭނީ. ލޮނު ބޮވިގެން ހަމަ. ބުރުގާއެއް ވެސް ނެތް. ފެނުމާއެކު ފިރިހެންމީހާ ފުންމާލީ ބޮއެ ހިފައިގެން. ގޮސް އަންހެން މީހާ ގޮވައިގެން ލޯންޗާ ދިމާއަށް އައީ،" މުހައްމަދު ކިޔައިދިނެވެ.

ރާޅުބޮޑުކަމުން، އެ މީހުންގެ ގާތަށް ލޯންޗު ކައިރި ކޮށްލެވޭ ވަރެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން ލޯންޗު އެ ދިމާއަށް ޖައްސަމުން ދިޔައެވެ. އަދި ޖިނާހު ވެސް އޭނާގެ އަންހެނުން ގޮވައިގެން ލޯންޗާ ދިމާއަށް ދިޔައެވެ.

"ވާ އެއްލާފަ ދަމާ ނެގީ ދެން. ގެނެސްފައި އަޅުގަނޑާ އިތުުރު ފަޅުވެރިއަކާ ނެގީ. ނެގި ގޮތަށް ނަގާ ސީޕީއާރު ދިން. ފާޑެއްގެ ސީޕީއާރެއް ދެވުނީ ބިރުން ތިބީމަ،" މުހައްމަދު ކިޔައިދިނެވެ.

ޖުވެލް އެއްފަހަރު ފެނުނު!

ނާހިދާ ނަގައި ލޯންޗަށް އެރުވުމަށްފަހު ދެން މަސައްކަތް ފެށީ އޭނާއާއެކު ކަނޑަށް ވެއްޓުނު ތުއްތު ޖުވެލް ހޯދާށެވެ.

"މަޑުމަޑުން ދުއްވަނިކޮށް ފެނުނީ ފަހަތުން ކުޑަކުއްޖާ ބޮޑީ ވެސް ދަނިކޮށް އޮޔާ،" މުހައްމަދު ކިޔައިދިނެވެ.

އެއާއެކު އަނެއްކާ ވެސް ޖިނާހު ފުއްމާލިއެވެ. އަދި ޖުވެލްއާ ދިމާއަށް ފަތައިގަތެވެ. އެހެން ނަމަވެސް ދެން ނެގީ މާ ބިޔަ ރާޅެކެވެ. އެ ރާޅާއެކު ޖުވެލް ކަނޑަށް ގެއްލުނެވެ.

ޖިނާހުއަކަށް ވެސް އަދި ލޯންޗުގައި ތިބި އެކަކަށް ވެސް އެ ތުއްތު ފުރާނަ ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން، އަވަހަށް ނާހިދާ ސަލާމަތް ކުރެވޭތޯ އެންމެ ކައިރީގައި އޮތް ގުރައިދޫއާ ދިމާއަށް ދުއްވަން ފެށިއެވެ.

"އެ ސަރަހައްދުގައި އުޅުނު އެހެން ލޯންޗަކުން ފިރިހެން މީހާ ނެގީ،" މުހައްމަދު ކިޔައިދިނެވެ.

އެ ހިތާމަވެރި ހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާތައް ވިއެވެ. އެ ގޮތުން އެކެއްގެ ބޯ ފަޅައިގެން ދިޔައިރު، އަނެކެއްގެ ނިއްކުރިމަތި ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

" ބައެއް މީޑިއާތަކުން [ފިލްމީތަރި] ރިޝްމީއާއި ރަވީއާ ދިމާއަށް އެއްޗެހި ކީ. އެކަމަކު އެއީ ވެސް އިންސާނުން. ޖެހި ރާޅާއެކު ރަވީ ފޯނު ވެސް ދިޔައީ ކަނޑަށް. ހުރިހާ ތަނަކަށް ގުޅައިގެން އިންފޯމް ކުރީ ރިޝްމީ،" މުހައްމަދު ބުންޏެވެ.

މި ހިތާމަވެރި ހާދިސާއަކީ މުހައްމަދުގެ ހަނދާނުން ދުވަހަކު ވެސް ފޮހެވިގެންދާނެ ހަނދާނެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އައި އެންމެ ބިރުވެރި ދުވަހެވެ.

"ކަނޑު އެހާ ގަދައިރު ނުފުރާށޭ ބުނަން އޮތީ. ހަމަ ގައިމު ވެސް އަޅުގަނޑު ދެން ވަރަށް ބިރު ގަންނާނެ ކަނޑުގަދަ ނަމަ ފުރަން،" މުހައްމަދު ބުންޏެވެ.

comment ކޮމެންޓް