މުދައްރިސުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި، އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސިއްހީ މަރުކަޒުގައި ޑޮކްޓަރުންގެ ދަތިކަމާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޮލިޓީ ރަނގަޅު މޮޅެތި ޑޮކްޓަރުން ލިބުމަށް ދަތިވަނީ ރާއްޖޭގައި ލިބޭ މުސާރަ ކުޑަކަމުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓަކަށް ދެނީ 3000 ޑޮލަރު ކަމަށާއި އެއީ މި ސަރަހައްދުގައި ވެސް އެންމެ ކުޑަ މުސާރަ ކަމަށެވެ.

"އެހެންވީމަ ރާއްޖެއަށް ގެންނަން މި ޖެހެނީ ތަންކޮޅެއް އަގުހެޔޮކޮށް ލިބޭ ޑޮކްޓަރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް މި ހަފްތާ ތެރޭގައި ކުރަމުން ދިޔައިރު ޑޮކްޓަރުންނާއީ މުދައްރިސުންގެ މުސާރަ ބޮޑުކުރަން ނިންމައިފައިވާ ކަމަށެވެ.

"ބަޖެޓު ފައިނަލް ކުރަމުންދިޔައިރު އޭގެތެރޭގަ މަޝްވަރާ ކުރެވުނު. [މަޝްވަރާއަށް ފަހު] ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެން ނިންމާފައިވަނީ. އަޅުގަނޑުމެން ވާނެ އެޑިއުކޭޝަން ދާއިރާގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުކުރި މުސާރަތަކުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު އަރިއަތޮޅު އުތުރު ބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އުކުޅަހުގެ އިތުރުން ތޮއްޑޫ އާއި ރަސްދޫއަށްވެސް ޒިޔާރަތް ކުރައްވައި، މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ހިމަންދޫއަށްވެސް ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް