ފްލައިން ސުކޫލުގެ މައްސަލައިގައި ސިވިލް އޭވިއޭޝަންގެ ބޮޑެތި އިހުމާލުތަކެއް!

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރި ބޯޓުތަކެއް--ފޮޓޯ/ އޭއޭއޭ

އައްޑޫގައި ފްލައިން ސުކޫލް ހިންގި، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ރެގިއުލޭޓު ކުރުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން ފްލައިން ސުކޫލުގެ މައްސަލައިގައި ސިވިލް އޭވިއޭޝަނުން އަމަލުކޮށްފައިވާ މަސައްކަތާ ގުޅޭ ޕާފޮމަންސް އޮޑިޓުން ހާމަވެއްޖެއެވެ.

މި އޮޑިޓަކީ ސިވިލް އޭވިއޭޝަނުން އޭއޭއޭ ރެގިއުލޭޓު ކުރަމުން އަންނަ މިންވަރު ބަލައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މި އަހަރުގެ ޖެނުއަރީ މަހު އެދުމުން ތައްޔާރުކޮށްފައިވާ އޮޑިޓެކެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާ ފްލައިން ސުކޫލުން ހިލާފުވުމުން ފިޔަވަޅު އަޅަން ފަހުގެ އުސޫލެއް ކަނޑައަޅައިފައެއް ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އުސޫލުތަކާ ހިލާފުވުމުން ޖޫރިމަނާ ކުރާ އުސޫލު ކަނޑައަޅަން ގިނަ ދުވަސްތަކެއް ވެފައިވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާ އިތުރު ބަޔަކު ނެތުމުން، އެ ސްކޫލުގެ ފްލައިޓްތައް ގްރައުންޑްކޮށް އޮޕަރޭޝަންތައް ސަސްޕެންޑްކޮށްފި ނަަމަ، ދަރިވަރުންނަށް ލިބިދާނެ ގެއްލުން ބޮޑުވެދާނެ ކަމަށް ބަލައި ފިޔަވަޅު ނާޅައި ހުރިކަމަށާއި، ފިޔަވަޅު ނޭޅުމުން އޭގެއިން ލިބުނު ގެއްލުން ބޮޑު ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސުކޫލުގެ މަތިންދާބޯޓު ފްލީޓުގެ ކެޕޭސިޓީ ހަރުދަނާ އުސޫލަކުން ބަލައިފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ 2018 ވަނަ އަހަރު ކޮމާޝަލް ލައިސެންސް ހެދުމަށް ޓަކައި އެންމެ ފްލައިޓެއް ބޭނުން ކުރަމުން ދިޔައިރު، އެ ބޯޓު މެއިންޓެނެންސަށް ގްރައުންޑު ކުރަން ޖެހިއްޖެ ހާލަތެއްގައި މަތިންދާބޯޓުގެ ކެޕޭސިޓީއަށް ކުރާނެ އަސަރު އެ އޮތޯރިޓީގެ އޮޑިޓުގައި ފާހަގަކޮށްފައިނުވާ ކަން، ޕާފޮމަންސް އޮޑީޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ އޭއޭއޭ ދަރިވަރުންގެ ރެކޯޑުތައް އޮތޯރިޓީގެ ގަވައިދުތަކާ ހިލާފަށް ބަލަމުން އައިރު، އެ މައްސަލަ ހައްލުކޮށްފައިނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރި ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

ޝަކުވާ އަދި މައްސަލަ ހުށަހެޅުމުން ދަރިވަރުންނާ ގުޅޭ ކަންކަން ބެލި ނަމަވެސް ދަރިވަރުންގެ ހައްގުތަކާއި ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ޕްރޯއެކްޓިވްކޮށް ބަލާފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފްލައިން އިންސްޓަރަކްޓަރަކަށް ނިސްބަތުން ޖެހޭ ދަރިވަރުންގެ އަދަދު ބެލުމުގައި ވެސް އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ އަދަދު ހިސާބު ކުރުމުގައި އެއް އުސޫލެއް ގެންގުޅެފައި ނުވުމާއި އެ ހިސާބުތަކާ ގުޅޭ ލިޔުންތައް ބަލަހައްޓައިފައިނުވާ ކަން ވަނީ އޮޑިޓުގައި ފާހަގަކޮށްފައެވެ. ހަމައެއާއެކު އެ މައްސަލަ އިސްލާހުކުރުމަށް އޮޑިޓުގައި ލަފާދިން ގޮތަށް އޭއޭއޭއިން އަމަލު ކޮށްފައިނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓުގައި ވަނީ އެއާވޯދިނެސް ރިވިއުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރާނެ ގޮތުގެ ޕްލޭން މުއްދަތަށް ހުށަނާޅާ ނަމަ، އުސޫލެއް ކަނޑައަޅައި، އުސޫލުގެ ދަށުން އޮޕަރޭޓަރުންނަށް ފިޔަވަޅު އެޅުމަށާއި އޭވިއޭޝަން ގަވައިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތައް ފާހަަގަކޮށް، އެފަރާތްތަކުގެ ކަންކަން އިތުރަށް ބަލައި، އެކަށީގެންވާ ހާލަތްތަކުގައި އަމަލު ކުރާނެ ހާއްސަ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ލަފާދީފައެވެ.

މީގެ އިތުރުން ކޯހުގެ ވަކި ހިސާބަކުން ކިޔެވުން ކުރިއަށް ނުދެވޭ ދަރިވަރުންނަށް ރީފަންޑް ދޭނެ އުސޫލުތައް ކަނޑައެޅުމަށާއި އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަނަށް އަލަށް ގުޅޭ ދަރިވަރުންގެ އަދަދާއި އެ ދަރިވަރުން ހަދާ ކޯސްތަކަށް ބޭނުންވާ މަތިންދާބޯޓު އޮގަނައިޒޭޝަންގައި ހުރިވަރަށް ރިއާޔަތްކުރެވޭނެ ގޮތަކަށް އޮޑިޓް ޕްރޮސީޖާ ކަނޑައެޅުމަށް ވެސް ލަފާދީފައިވެއެވެ.

އޭއޭއޭގެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެ ސްކޫލު ހިންގުމާ ހަވާލުވެފައިވަނީ އެވިޑު ކޮލެޖުންނެވެ. އޭއޭއޭ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24ވަނަ ދުވަހެވެ.

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވީ އެ ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވުމުންނެވެ.

ނަމަވެސް ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑު ކޮލެޖުން މިދިޔަ މަހުގެ 18ވަނަ ދުވަހުވަނީ ބާތިލުކޮށްފައެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއްބާރުލުން ލިބެންޖެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުން ކަމަށް އެ ކޮލެޖުން ބުނެއެވެ.

comment ކޮމެންޓް