ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވާކަމަށް، އެ މަސައްކަތް ކުރަމުން ދިޔަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިންހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ވަނީ ޖަހާފައެވެ.

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވަނީ ކޮވިޑް-19 އާ ގުޅިގެން ގުރައިދޫގެ މަސައްކަތްތައް މަޑުޖެހުނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ނިއު ނޯމަލް އާއެކު މަސައްކަތް އަލުން ފަށައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއީ ގުރައިދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް