ގޭމު ކުޅޭ މީހުންނަށް ހާއްސަ ގޮނޑި އާއި މޭޒު ދަމާސްއިން ވިއްކަން ފަށައިފި

ދަމާސް އިން ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ވިއްކާ ގޮނޑިތައް އަދި މޭޒުތައް -- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

ގިނައިރު ގޭމު ކުޅެން ތިބޭ މީހުންނަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ގޮނޑި އާއި މޭޒު ރާއްޖޭގެ ބާޒާރަށް ދަމާސްއިން ނެރެފިއެވެ.

ދަމާސްއިން ވިއްކާ މި ގޮނޑިތަކާއި މޭޒުތައް ގިނައިރު ގޮނޑީގައި އިށީންދެ ތިބޭ މީހުންނަށްވެސް ބޭނުން ހިފޭނެއެވެ. މި ނެރުނު އާ އުފެއްދުންތަކުގައި ހަ ވައްތަރުގެ ގޮނޑި އާއި ހަ ވައްތަރުގެ މޭޒު ހިމެނެއެވެ.

މި ގޮނޑިތަކުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ދަމާސްއިން ފާހަގަ ކޮށްފައިވަނީ ބުރަކަށީގައި ރިއްސުމުގެ މައްސަލަ އާންމުކޮށް ދިމާވާ މީހުންނަށް އެމީހަކު ބޭނުންވާ ލެވެލްއަކަށް ގޮނޑީގެ ފަހަތް ބަދަލުކޮށްލެވުމެވެ.

"އެކި މީހުންނަށް އެކި ލެވެލްގެ އެޖަސްޓްމެންޓް ތާ ހުންނާނީ. އެހެންވީމަ އެ ބޭނުން ލެވެލްއަކަށް އެޖަސްޓް ކޮށްފަ ލޮކް ކޮށްލެވޭ ގޮތަށް ހުންނާނީ،" ދަމާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބައެއް ގޮނޑިތަކުގެ އަތް އަޅުވާބައިވެސް ތަފާތު ގޮތްގޮތަށް ހުންނައިރު އަނެއްބައި ގޮނޑިތަކުގައި ސްޕީކަރު ހަރުކޮށްފައި ހުންނަ ކަމަށް ދަމާސްއިން މައުލޫމާތު ދެއެވެ. ކޮންމެ ގޮނޑިއެއްގައިވެސް 'ބެކް ޕިލޯ' އަދި 'ހެޑް ޕިލޯ' ހުންނާނެއެވެ.

މޭޒު ފަރުމާ ކޮށްފައިވާ ގޮތަށް ބަލާއިރު މޭޒުގައި އިތުރު ސާމާނުވެސް ބެހެއްޓޭނެއެވެ. އެގޮތުން ފެން ފުޅި ނުވަތަ އިތުރު ބުއިންތައްވެސް ބެހެއްޓޭ ގޮތަށް ވަނީ ހާއްސަ ކުރެވިފައެވެ. އަދި ހެޑްސެޓް ފަދަ ތަކެތި ބެހެއްޓުމަށްވެސް ހާއްސަ ބައެއް ހުންނަ ކަމަށްވެސް ދަމާސްއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، މޭޒުގެ ތިރީގައި ފައި އަޅުވާނެ ގޮތެއްވެސް ހިމަނާފައިވެއެވެ.

"ސީޕީޔޫވެސް މަތީގަ ބައިންދާފަ ތިރިއަށް އިތުރު އެޖަސްޓްމެންޓް ގެނެވޭ ގޮތަށް ހުންނާނީ،" މޭޒާ ބެހޭ އިތުރު މައުލޫމާތު ދެއްވަމުން ދަމާސްގެ އޮފިޝަލް ވިދާޅުވިއެވެ.

މި ތަކެތި އެންމެ ފަސޭހައިން ލިބެން ހުންނާނީ ދަމާސް ހޯމް، އިންޑެކްސް ފަރުނީޗަރު އަދި ދަމާސްގެ އީކޮމާސް ޕްލެޓްފޯމް، ދަމާސް އެކްސްޕްރެސްއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް