ސަސްގެ ކޯޗުކަމުން މޯހަން ވަކިކޮށްފި

އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން : އީގަލްސްއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ސީޒަނުގެ މެދަކާ ހިސާބުން ސަސްގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) އެ މަގާމުން ވަކިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، ރަނގަޅު ކުރިއެރުންތަކެއް މުބާރާތުގައި ހޯދި ސަސްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެ ޓީމުގެ ހެޑްކޯޗަކަށް ހުރި މޯހަން ވަކިކޮށްފައިވާކަން ވަނީ އިއުލާންކޮށްފައެވެ.

ސަސްއިން ބުނީ ދެފަރާތުގެ އެއްބަސްވުމާ އެކު ކޯޗުގެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކޮށްދިން ހިދުމަތްތަކަށް ސަސް އިން ވަނީ މޯހަން އަށް ޝުކުރު އަދާކޮށްފައެވެ.

ސަސްއިން ފުރަތަމަ ޑިވިޝަނާ ކުރިމަތިލީ އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގަ އެވެ. އަދި ނާދުގެ އެއްބަސްވުން އުވާލުމުގެ ކުރިން މޯހަން ވަނީ އޭނާ ކޯޗު ކޮށްދެމުން ދިޔަ އީގަލްސް ދޫކޮށްލައިފައެވެ. އެއާ އެކު މޯހަންއަށް ދިގު މުއްދަތަކަށް ސަސްގެ ޕްރޮޖެކްޓް ވަނީ ހަވާލުކޮށްފައެވެ.

މޯހަން މަގާމުން ވަކިކުރި ސަބަބު އޮޅުން ފިލުވުމުގެ ގޮތުން "ސަން"އިން އޭނާއަށް ގުޅުމުން ބުނީ ސަސްއިން ސޯޝަލް މީޑިއާގައި ބުނެފައި އޮތީ ވީގޮތް ކަމަށާއި، އެކަމަކުގައި އިތުރަށް އެއްްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މޯހަން އަކީ ކުލަބް އީގަލްސް ވަރުގަދަ ޓީމަކަށް ހެދުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކޯޗެވެ. މިދިޔަ ސީޒަނުގެ ލީގުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނަސް މިދިޔަ އަހަރުތަކުގައި މޯހަން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުލަބް އީގަލްސްގައި ކޮށްފައެވެ.

ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ މި ޓީމާއެކު މޯހަން މިހާތަނަށް ހޭދަކުރި އަހަރުތަކުން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަވީ މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިިޔާބުކުރުމުގެ އިތުރުން ޓީމުގެ ތާރީޚުގައި މުޅިން އަލަށް މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދުމެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ރާއްޖޭގެ މަދު ކޯޗުންގެ ތެރޭގައި މޯހަން ހިމެނެއެވެ

comment ކޮމެންޓް