ގައްދޫ ކައުންސިލް ރައީސްގެ އަޑުއެހުމެއް ނުބާއްވާތާ ދެ މަސް ވެއްޖެ

ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބު ކުރި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) --

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިފައިހުރި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު (އެމްޑީ)ގެ އަޑުއެހުމެއް ނުބާއްވާތާ ދެ މަސް ވެއްޖެއެވެ.

ޖުޑިޝަރީގެ އޮފިޝަލަކު "ސަން"އަށް އެކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް މައްސަލަތަކުގެ އަޑުއެހުން ނުބާއްވާ ދިގުދެމިގެންދަނީ ކީއްވެކަމެއް ނޭނގެއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަަލައެއްގައި ދައުުވާ އުފުލާވައިވާ އެމްޑީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މެއި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމާފައެވެ.

އެހެންނަމަވެސް މެއި މަހުގެ 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ގައްދޫ މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައެވެ. އެއާއެކު ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.

އެމްޑީގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ. އެ ދައުވާ އުފުލީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުރި އިރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައެވެ.

ޖުޑިޝަރީގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށެވެ. ދެން އެ މައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ.

އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފައެވެ.

ޖުޑިޝަރީގެ އޮފިޝަލް ވިދާޅުވީ އެ މައްސަލަތަކުގައި ދެން އޮތީ ހެކިބަސް ނެގުން ކަމަށެވެ.

އޭނާ ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ. އޭނާ އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް 21 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބުނީ އޭނާގެ މައްސަލަތައް ނިންމައި ހުކުމެއް ކޮށްފައި ނެތުމުންނެވެ.

comment ކޮމެންޓް