ލައިފް ސަޕޯޓް މެޑިކަލް ކްލިނިކެއް ހިޔާ ފްލެޓުގައި އަޅަނީ

ހިޔާގައި އަޅާ ލައިފް ސަޕޯޓް މެޑިކަލް ކްލިނިކްގެ ކުރެހުން --

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަަށް ބޭނުންވާ ބޭސްފަރުވާގެ ހިދުމަތްތައް ފޯރު ކޮށްދިނުމަށްޓަކައި ލައިފް ސަޕޯޓް މެޑިކަލް ކްލިނިކެއް އަޅަން ޕައިތަން ޕްރައިވެޓް ލިމިޑެޓާ އެޗްޑީސީއިން އިއްޔެ ހަވާލު ކޮށްފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ސަން"އަށް ވިދާޅުވީ މި ކްލިނިކް ތިން މަސް ދުވަސް ތެރޭގައި ނިންމާ ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ. މި ކްލިނިކް އެޅުމަށް ހަމަޖެހިފައިވާ ވަނީ އެޗް 12 ފްލެޓުގެ އެންމެ ތިރީ ފަންގިފިލާގައެވެ.

ހިޔާ ފްލެޓުތަކުގެ އެންމެ ތިރީ ފަންގިފިލާތައް ކޮމާޝިއަލް ބޭނުންތަކަށް ހާއްސަކޮށްފައިވާއިރު މި ބައިތަކުގައި އިތުރު މެޑިކަލް ކްލިނިކެއް ވެސް އަޅަން ވަނީ ނިންމާފައެވެ.

ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކުގެ އިތުރުން އެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބުކްޝޮޕް، ސެލޫން، ސްޕާ، ކެފޭ، ބުކްޝޮޕް އަދި ރީޓޭއިލް ފިހާރަތައް ހިންގުމަށް އެކި ފަރާތްތަކާ އެޗްޑީސީއިން އަންނަނީ ހަވާލު ކުރަމުންނެވެ.

އެގޮތުން، އެޗް 12 ފްލެޓުގެ ތިރީ ފަންގިފިލާގައި އެއް ފިހާރަ ހަދާ ނިންމާ މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ.

comment ކޮމެންޓް