އޭޝިއަންކަޕުގެ ކޮލިފައިންގް ސެންޓްރަލައިޒް ކުރަން އޭއެފްސީން ނިންމައިފި

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިންް --- ސަން ފޮޓޯ

ޗައިނާގައި 2023 ވަނަ އަހަރު ފަށައި، އޭޝިއަން ކަޕުގެ ކޮލިފިކޭޝަން ސެންޓްރަލައިޒް ކުރުމަށް އޭފްސީން ނިންމައިފިއެވެ.

އަންނަ އަހަރު ފަށާ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ސާފުގެ ގިނަ ގައުމުތަކެއް ވާދަކުރާ އިރު، އެންމެ ފަހުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަަހަރު ބައްދަލު ކުރާ ގޮތަށެވެ.

އެހެން ނަމަވެސް އޭއެފްސީން މިއަދު އިއުލާން ކުރި ބަދަލާ އެކު ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅެން ލިބުނު ހަ މެޗުގެ ބަދަލުގައި ދެން ކުޅެން ލިބޭނީ ތިން މެޗެވެ. އެ މެޗުތައް ކުޅޭނީ އަންނަ އަހަރު ޖޫން 8، 11 އަދި 14ގައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ޕޮޓް ތިނެއްގަ އެވެ. ކޮލިފައިންގެ ގުރު ނެގުން ފަހުގެ ތާރީހެއްގައި ބާއްވާނެ އެވެ. އޭއެފްސީން ބުނީ އޭޝިއަން ކަޕް ކޮލިފައިން ސެންޓްރަލައިޒް ކުރަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން އަދިވެސް ބައެއް ގައުތަކަށް ދަތުރު ކުރުމުގައި ދަތިތައް ހުރުމުން ކަމަށެވެ.

ރާއްޖޭގެ އިތުރުން ޕޮޓް ތިނެއްގައި ހިމެނެނީ ހޮންގްކޮންގް، ޔަމެން، އަފްގާނިސްތާން، މެލޭޝިއާގެ އިތުރުން ސިންގަޕޫރެވެ.

ސަރަަހައްދުގެ އެހެން ޓީމުތަކަށް ބަލާއިރު އިންޑިއާ (ފީފާ ރޭންކިން 106) އޮތީ ޕޮޓް އެކެއްގަ އެވެ. އަދި ނޭޕާލް (169)، ބަންގްލަދޭޝް (187) އަދި ސްރީ ލަންކާ (204) އޮތީ ހަތަރު ވަނަ ޕޮޓްގަ އެެވެ.

comment ކޮމެންޓް