އަދި ހުށަހެޅީ އެންމެ ހަތަރު ބިލު، އިތުރު ބިލުތަކެއް ހުށަހަޅާނެހެން ހިޔެއްނުވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި މި ދައުރުގެ ތެރޭ އިތުރު ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެކަމަށް ލަފާނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މަަސައްކަތްތަކުގެ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި މަޖިލީހަށް 32 ބިލެއް ހުށަޙަޅަން ނިންމާފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު ހުށަހަޅައިފައިވަނީ އެންމެ ހަތަރު ބިލުކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެކަމަކަށް އަޅުގަނޑަށް ލަފައެއްް ނުކުރެވޭ. އަދި ލިބިފައިވާ ބިލުތަކުގެ މަސައްކަތް އެބަ ވަރަށް ބާރަށް ކުރިއަށް ދޭ، ހާއްސަކޮށް ހެއްކާ ބެހޭ ގާނޫނުގެ ބިލާއި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ބިލު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދަނީ އެކަށީގެންވާ މިންވަރެއްގައިކަމަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މަދުވަމުން އަންނަކަމަށެވެ.

https://sun.mv/155592

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ ބިލުތައް ހިމެނެއެވެ.

މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލްތައް:

  • ހެއްކާބެހޭ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުނަގައިދިނުމުގެ ބިލު
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ދިނުމުގެ ބިލު
  • ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • ޓްރޭޑްމާކުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މީގެ އިތުރުން ވެސް 16 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެއެވެ.
comment ކޮމެންޓް