ގަސްކާނާ ހެޔޮ އަގުގައި، ޑިއުޓީއަކާ ނުލައި ދަނޑުވެރިންނަށް ފޯރުކޮށްދޭނަން: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތޮއްޑޫގެ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ހެޔޮ އަގުގައި، ޑިއުޓީއަކާ ނުލައި ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ މިއަދު ހެނދުނު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަމަށެވެ. އެހެންކަމުން އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާނުލާ އެތެރެކޮށްގެން، ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް ވަނީ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައްވެސް ކައުންސިލްތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހް ތޮއްޑޫ ސްކޫލުގެ މަލްޓިޕާޕޯސް ހުޅުވުމުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު ފަޒްލާ މިއަދު "ސަން"އަށް ވިދާޅުވީ ތޮއްޑޫގެ ދަނޑުވެރިން ދަނޑުހައްދަން ބޭނުންވާ ސާމާނުގެ އަގު ބޮޑުވުމަކީ އަބަދުވެސް އެރަށުގެ ދަނޑުވެރިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމަށް ކުރު މުއްދަތެއް ސަރުކާރުން ދެމުންދާތީ އެކަމާ ބެހޭ ކަންބޮޑުވުންވެސް ކައުންސިލަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒްލާ ވިދާޅުވީ ފާއިތުވި ދިހަ އަހަރުވެސް ތޮއްޑޫއަށް އެއްވެސް ސަރުކާރަކުން، ރަށަށް ތަރައްގީ ގެނައުމުގެ ގޮތުން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން ތޮއްޑޫގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫގެ ދަނޑުވެރިންނާ ރައީސް ބައްދަލުކުރެއްވުމުން، ދަނޑުވެރިން ރައީސްއާ ހިއްސާ ކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބުމާއި ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާ ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ހިމެނެއެވެ.

މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ކުރާ މީހުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓު ދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކޮށްފައެވެ. އަދި ރައީސް ވަނީ އެފަދަ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސް ވަނީ ތޮއްޑޫ ސްކޫލުގެ މަލްޓިޕާޕޯސް ހޯލު ހުޅުއްވައިދެއްވާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ތޮއްޑޫގައި ޖުމުލަ ދިހަ މަޝްރޫއު އަންނަނީ ހިންގަމުންނެވެ. އަދި ތޮއްޑޫގެ މިއަހަރުގެ ބަޖެޓުގައި ވަނީ 10.8 މިލިއަން ރުފިޔާ ހިމަނާފައެވެ.

comment ކޮމެންޓް