މަހުމޫދުގެ މަރު: ރައްޔިތުން ތުހުމަތު ކުރި ދެމީހުން ހައްޔަރުކުރީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި

އއ. ތޮއްޑޫ، ފޮރިންވިލާ، ޖަމްޝާދު އަލީ ---

އދ. ދަނގެތީގައި މިދިޔަ ބުރާސްފަތި ދުވަހު މަރާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރުގެ މަރާ ގުޅުމެއްވާ ކަމަށް އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރާ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ކަމަށް "ސަން"އަށް ކަށަވަރުވެއްޖެއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތީގެ ރައްޔިތުން ފުރަތަމަ ތުހުމަތު ކުރީ އެ ރަށުގައި ދިރިއުޅެމުން ދިޔަ، އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، 31 އާއި ހަމަ އެ ގޭ ޝާރިހް އަލީ، 20 އަށެވެ.

އެ ދެމީހުންނަކީ އެއް އާއިލާއެއްގެ ދެ މީހުންނެވެ. އެގޮތުން ޝާރިހަކީ ޖަމްޝާދުގެ އެއްބަނޑު ދައްތަގެ ދަރިއެކެވެ.

މަހުމޫދުގެ މަރުގައި އެ ދެ މީހުންގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވިގެން ދަނގެތީގެ ރައްޔިތުން އެ ދެ މީހުން ހޯދައި، ފުލުހުންނާ ހަވާލުކުރިއެވެ. އަދި ފުލުހުންގެ ހިމާޔަތުގެ ދަށުން، ޖަމްޝާދާއި ޝާރިހުގެ އިތުރުން އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ފުލުހުން ހިމާޔަތް ދިނެވެ.

އޭގެ ފަހުން އެ ދެ މީހުން ވަނީ އދ. މަހިބަދޫއަށް ގެންގޮސްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މިހާރު އެ ތިން މީހުންގެ ބަންދަށް ވެސް މުއްދަތު ޖަހާފައެވެ. އެގޮތުން ޖަމްޝާދާއި ޝާރިހުއަށް މުއްދަތު ޖެހީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައިކަން ވަނީ އެނގިފައެވެ.

ނަމަވެސް މުއްދަތު ޖެހީ ކިތައް ދުވަހަށް ކަމެއް އަދި އަންހެން މީހާއަށް މުއްދަތު ޖެހީ ކޮން މައްސަލައަކާ ގުޅިގެންކަން އަދި ޔަގީންވެފައި ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަހުމޫދު ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މެންދުރުފަހު 3:15 ހާއިރު ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި އޮއްވައެވެ. ހަށިގަނޑު ފެނުނުއިރު އޮތީ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުހައްމަދު ސާލިމް ކިޔާ ބަންގްލަދޭޝްގެ މީހެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ސާލިމަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަމުން ދިޔަ މީހެކެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ހުންނަނީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައިއެވެ.

comment ކޮމެންޓް