އަސްކަރީ ބަހެއް ގޮއްވާލައިގެން ސީރިއާ ސިފައިންގެ 13 މީހުން މަރާލައިފި

ސޫރިޔާ ސިފައިންނަށް އަމާޒުކޮށް ދިމިޝްގުގައި ދިން ހަމަލާ

ދިމިޝްގު (20 އޮކްޓޯބަރު) : ސީރިއާގެ ސިފައިން ގޮވައިގެން ދަތުރުކުރި ބަހެއް ގޮއްވާލުމުގެ ސަބަބުން ސީރިއާ ސިފައިންގެ 13 މީހުން މަރުވެ 3 މީހުން ޒަޚަމްވެއްޖެއެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނާގޮތުން ސިފައިން ގޮވައިގެން ދަތުރުކުރި ބަސް ގޮއްވާލާފައިވަނީ ވެރިރަށް ދިމިޝްގުގެ މެދުގައިވާ ބްރިޖެއްގެ މަތިގައި އެބަސް އޮއްވައެވެ. އެބަހުގައި ދެބޮން ހަރުކޮށްފައިވާކަމަށާ އެދެބޮން ގޮއްވާލާފައިވަނީ ދުރުން ކޮންޓްރޯލްކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށްވަނީ ބެލެވިފައެވެ. ގޮއްވާލި ބަސްވަނީ މުޅިން އަނދައި އަޅިއަށްވެފައެވެ.

މީގެއިތުރުން ސީރިއާ ސިފައިންގެ އިންޖިނޭރުންގެ ޔުނިޓަކުންވަނީ އެސަރަހައްދުގެ ބިންމަތީގައި ހަރުކޮށްފައިއޮތް ބޮމެއް ހޯދައި އެބޮން ގޮއްވާނުލަނީސް އޭގެ ބާރު ކަނޑުވާލާފައެވެ. ސީރިއާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" އިންވަނީ މިއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކޮށްފައެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައިވާ ފަރާތެއް އަދި ހޯދިފައެއް ނުވެއެވެ. އަދި އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގައިވެސް ސީރިއާ ސިފައިންގެ ބަހެއްގައި އެއްޗެއް ގޮވައި އެކަކު މަރުވެ ތިންމީހަކުވަނީ ޒަޚަމްވެފައެވެ. ސީރިއާގެ ސިފައިން ބުނިގޮތުގައި އެ ގޮވުން ގޮވީ ބަހުގައި ހިނގި ކަރަންޓް ޝޮކެއްގެ ސަބަބުންނެވެ. އެހާދިސާ ހިނގާފައިވަނީ ވެރިރަށް ދިމިޝްގުގެ "މަސާކިނުލް ހަރަސް" ސަރަހައްދުގައެވެ. ސީރިއާގައި މީގެކުރިން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލަތަކުގެ ފަހަތުގައި އައިއެސް ޖަމާއަތާ އަދި އިސްރާއީލު ވާކަމުގެ ތުހުމަތު ސީރިއާ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

އިސްރާއީލަކީ ސީރިއާގެ ބިމެއް ކަަމަށްވާ ގޯލާންގެ ބިންތައް ގަދަބާރުން ހިފައިގެން ސީރިއާއާ ދެކޮޅަށް ވައިގެ މަގުން އުދުވާނީ ހަމަލާތައް ތަކުރާރުކޮށް ދެމުން ގެންދާ އިސްތިއުމާރީ ހަރުކަށި ގައުމެކެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ހަރަކާތްތަކަށް ފަންޑުކުރާ މައިގަނޑު ގައުމަކީ އެމެރިކާއެވެ.

މީގެއިތުރުން ސީރިއާގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތްތަކަށް ސިއްރިޔާތުގައި ވާގިވެރިވާކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށްވަނީ ކުރެވިފައެވެ. ސީރިއާގައި ދާޚިލީ ހަނގުރާއިގެ ކުރީކޮޅު އެގައުމުގެ އިދިކޮޅު ޖަމާއަތްތަކާއި އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ވެރިރަށް ދިމިޝްގުގައި ބޮންގޮއްވުމުގެ ޓެރަރިސްޓް އަމަލުތަކެއް ހިންގިއެވެ.

ނަމަވެސް ސީރިއާ ސަލާމަތީ ބާރުތަކުންވަނީ އެފަދަ ޙަމަލާތައް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދާފައެވެ. އެހެންކަމުން ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ދިމިޝްގު އޮތީ ވަރަށް އަމާންކޮށެވެ. އަދި ސީރިއާގެ ދާޚިލީ ހަނގުރާމައިގެ މާބޮޑު އަސަރުތަކެއްވެސް ދިމިޝްގަށް ކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް