ބަލިވަމުން ދިޔަ ޕީއެސްޖީ ސަލާމަތް ކޮށްދިނީ މެސީ

ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ --- ފޮޓޯ/ލައިވްސްކޯ

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވަމުން ދަނިކޮށް އެ ޓީމަށް މި ސީޒަނުގައި ގުޅުނު ފޯވާޑް ލިއޮނެލް މެސީ ދެ ގޯލު ޖަހައި މޮޅެއް ހޯދައިދީފިއެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ޖަރުމަނުގެ އާރުބީ ލިޕްޒިގްގެ މައްޗަށް ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ޕީއެސްޖީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގުރޫޕުގެ ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ ކުލަބް ބްރޫޖް އަތުން މޮޅުވި މެންޗެސްޓާ ސިޓީއެވެ.

ރޭގެ މެޗަށް ޕީއެސްޖީ ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެއް ކަމަށްވާ ނޭމާ ޓީމުގައި ނުހިމަނައެވެ. މިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ބްރެޒިލްގެ ޓީމާ އެކު ކުޅެނިކޮށް ނޭމާއަށް ލިބުނު އަނިޔާއިން ފަރުވާ ހޯދަމުން އަންނަ އިރު، އަންނަ މެޗަކަށް އޭނާ ފިޓުވާނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.

ޕީއެސްޖީން ރޭގެ މެޗު ފެށީ ވަރުގަދައަށެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޫލިއަން ޑްރެކްސްލާ ދިން ޕާހަކުންނެވެ.

އެހެން ނަމަވެސް އެއަށްފަހު ލިޕްޒިގުން ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ޑިފެންސަށް އިންތިހާ ބާރުބޮޑުކޮށްލައި، 28 ވަނަ މިނަޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެންޖެލީނޯ ނަގައިދިން ހުރަހަކުން ނޯޑީ މުކިއޭލޭ ލަނޑެއް ޖަހައި، ލައިޕްޒީގަށް ލީޑު ނަގައިދީފައެވެ.

އެއަށްފަހު ޕީއެސްޖީން އަނެއްކާވެސް ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. އެގޮތުން އެމްބާޕޭ ދިން ބޯޅައަކުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެސީ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ނަގައިދީފައެވެ.

މެސީގެ ގޯލުތަކުން ޕީއެސްޖީއަށް ހިންދެމިލަން ފުރުސަތު ލިބުނު އިރު، މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީއަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިފައެވެ. މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމުގެ ބަދަލުގައި އެ ޕެނަލްޓީ ޖަހަން ދިނީ އެމްބާއްޕޭއަށެވެ. އެކަމަކު އެ ބޯޅަ އެމްބާއްޕޭއަށް ގޯލަށް ޖަހާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމާ އެއް ގްރޫޕެއްގައި ހިމެނޭ ސިޓީ މޮޅުވީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް