އަދިވެސް އަތޮޅު ތެރޭގެ ހާލަތު އެންމެ އެކަށީގެންވާ މިންވަރަށް ހަމައަކަށް ނޭޅޭ: އެޗްޕީއޭ

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

މާލެ ސަރަހައްދުގައި ކޮވިޑު-19އަށް ފައްސިވަމުން އަންނަ ކޭސް ތަކުގެ އަދަދު މަދު ކަމުގައި ވީ ނަމަވެސް އަތޮޅު ތެރޭގެ ރަށްރަށުގެ ހާލަތު އެންމެ އެކަށީގެންވާ މިންވަރަށް ހަމައަކަށް އެޅިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ, ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު ކޮވިޑު ކޭސްތައް ފެންނަމުންދަނީ ނިސްބަތުން މަދުންކަމަށެވެ.

"މިވަގުތު ކޭސް ލޯޑަށް ބަލައިފި ކަމުގައި ވަނީނަމަ ފުދޭވަރަކަށް ދަށުގަ މިހުރީ. އެހެން ނަމަވެސް އަތޮޅު ތެރޭގެ ހަލާތަށް ބަލައިފިކަމުގައި ވަނީނަމަ އެންމެ އެކަށީގެންވާ ހާމައަކަށް އައީއެކޭ ނުބުނެވޭނެ،" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިތުރަށް ދޭންވާ ލުއިތައް އަދި ދެެވެން ނެތް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އިތުރު ލުއިތަކެއް ދެވޭ ވާހަކަ ނުދައްކާ ތިބެނީ ލުއިތަކެއް ދެވެން އަދި ނެތީމަ ކަމުގައިވެސް އަފްޒަލް ވިދާޅުވިއެވެ.

"ކޮންމެ 10،000 މީހެއްގެ ތެރެއިން ބަލިވެފައިވާ މިންވަރަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި 66 މީހުން ބަލިވެފައިވާ ކަމަށް ދައްކާ. އަދި އޮކްޓޫބަރު މަހަށް ބަލާއިރު އެ އަދަދު ދަށްވަމުން ދާނެ ކަމަށް ލަފާކުރެވޭ،" ޑރ. އަފްޒަލް ވިދާޅިުވިއެވެ.

މިހާރަށްވުރެ ކޮވިޑްގެ ކޭސްތައް މަދުކުރުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މިހާރު އެންމެ ހަލުވިކޮށް ފެތުރެމުންދާ އިންފުލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން އެކަމަށް ރައްކާތެރި ވުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް