ރައީސް ސޯލިހް ގެންގުޅުއްވާ ތަސައްވުރަށް އެމެރިކާ ސަފީރުގެ ތައުރީފު!

އެމެރިކާގެ ސަފީރު، ލެއިނާ ޓެޕްލިޓްޒް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ތަސައްވުރަށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނެވި ސަފީރު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އެމެރިކާގެ ސަފީރު މި މޭރުމުން ވިދާޅުވީ ރައީސްގެ އަރިހަށް އެކަމަނާ މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އެމެރިކާގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އިޖްތިމާއީ އިގްތިސޯދީ ގޮތުން ކުރިއަށްދިއުމަށާއި އަދި ކައުންޓަރ ޓެރެރިޒަމް ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށްޓަކައި ރައީސް ވަނީ އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރިމެންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ވަނީ ރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް ހިންގޭކަންކަމަށް ހަރަދުކުރުމަށް ގޮވާލާ ރާއްޖެއިން ކުރާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވެވިއެވެ.

އޭގެ އިތުރުން އެކަމަނާ ވަނީ ރާއްޖެއާއެކު ހިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުންފުޅު ވާކަން ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާއެއް ކުރިމަތިވާ ހިނދު އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާ އިން މަސައްކަތްކުރަން ބޭނުންފުޅުވާކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަގްބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމެރިކާގެ ސަފީރު ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ދާއިރާތަކުން ގުޅުން ބަދަހިވަމުން އަންނާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ގާއިމު ކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

comment ކޮމެންޓް