އަފްޣާނިސްތާނާ ބެހޭ ގޮތުން ރަޝިއާ، ޗައިނާ އަދި ޕާކިސްތާނުން ބާއްވާ ފޯރަމްގައި އެމެރިކާ ބައިވެރިނުވާނެ

ނެޑް ޕްރައިސް

ވޮޝިންޓަން (19 އޮކްޓޯބަރު) : އަފްޣާނިސްތާނަށް އެހީތެރިވުމަށްޓަކައި ރަޝިއާގެ ވެރިރަށް މޮސްކޯގައި މިއަދު ފަށާ ފޯރަމްގައި ބައިވެރި ނުވާނެކަމަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އަފްޣާނިސްތާނާބެހޭގޮތުން ރަޝިއާއާއި ޗައިނާ އިސްވެއޮވެގެން މޮސްކޯގައި މިއަދު ފަށާ ވާހަކަތަކުގައި އެމެރިކާ ބައިވެރިނުވާނެ ކަމުގައެވެ. ނެޓް ޕްރައިސް ވަނީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް އިއުތިރާފް ނުވުމަށް މޮސްކޯގެ ފޯރަމްގެ ބައިވެރިންނަށް ގޮވާލައްވާފައެވެ.

ރަޝިއާއާއި ޗައިނާ އިސްވެއޮވެގެން ހަތަރު ދުވަހުގެ މުއްދަތަށް މޮސްކޯގައި ބާއްވާ އަފްޣާނިސްތާނާބެހޭ ޚާއްސަ ފޯރަމްގައި ޕާކިސްތާންވެސް ބައިވެރިވެއެވެ. މިތިން ގައުމުގެ އިތުރުން އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތައްވެސް މި ފޯރަމްގައި ބައިވެރިވާނެއެވެ.

ރަޝިއާއާއި ޗައިނާ އަދި ޕާކިސްތާން ބުނާގޮތުން އަފްޣާނިސްތާނާބެހޭ ފޯރަމްގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ އަފްޣާން ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމާއި އަފްޣާނިސްތާނުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ޓަކައި ތާލިބާން ސަރުކާރަށް އެހީތެރިވުމަށް އެތިން ގައުމު ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް އުފެއްދުމެވެ.

މީގެއިތުރުން އަފްޣާން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ތާލިބާން ސަރުކާރަށް ބޭނުންވާ ފަންނީ އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމާއި އިންޕޯޓް އެކްސްޕޯޓަށް އެހީތެރިވުމާއި އެކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަމުގައި މިތިން ގައުމު ގުޅިގެން މަސައްކަތްކުރުމަށް މި ފޯރަމްގައި އެއްބަސްވުމަކަށް އަންނާނެއެވެ.

ތާލިބާން ސަރުކާރުގެ މަސްއޫލުވެރިން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ބައްދަލުކުރައްވަނީ

އެމެރިކާއާއި ނޭޓޯގެ ގައުމުތައް އަފްޣާނިސްތާނަށް ގަދަބާރުން އަރައި 20 އަހަރުވަންދެން ހަނގުރާމަ ކުރުމަށްފަހު މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެގައުމުތައް އަފްޣާނިސްތާނުން ފާބައިގެން ދިޔައިރު އަފްޣާން ރައްޔިތުން ތިބީ ހާލުގައިޖެހިފައެވެ. އެގައުމު އޮތީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.

އަފްޣާނިސްތާނުގެ މިހާރުގެ ހާލަތަށް ބަލާއިރު އެމެރިކާއާއި ނޭޓޯގެ ސިފައިން ފޭބިފަހުން އަފްޣާނިސްތާން ހުޅަނގުގެ އިސްތިއުމާރީ ވަކިތަކުން ސަލާމަތްވެ ހަނގުރާމައިގެ އަމަލުތަކުންވެސް އެގައުގެ ރައްޔިތުންވަނީ ސަލާމަތްވެފައެވެ. އެމެރިކާގެ ބާރުގަދަ ހަތިޔާރުތަކުން އަފްޣާނިސްތާނުގެ އެކިތަންތަނަށް ބޮން އެޅުމުގެ އަނިޔާވެރި އަމަލުތައްވެސްވަނީ ނިމުމަކަށް އައިސްފައެވެ.

ނަމަވެސް އެމެރިކާ ފާބައިގެން ދިޔައިރު އަފްޣާން ރައްޔިތުންގެ ތެރެއިން 11 މިލިޔަން މީހުން ތިބީ ބަނޑަށްޖެހިފައެވެ. އަފްޣާން މަދަނީ އިންފްރާސްޓްރަކްޗަރ ވަނީ މުޅިން ކަހަލަ ގޮތަކަށް ފުނޑުފުނޑު ވެފައެވެ. މި 11 މިލިޔަން މީހުންނަށް ކުރިޔަށް އޮތް 3 މަސްދުވަހަށް ނިޔަލަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް މަދުވެގެން 606 މިލިޔަން ޑޮލަރު ބޭނުންވާކަމަށް އދ. ބުނާއިރު މިފައިސާ އަވަސްގޮތަކަށް ނުލިބިއްޖެނަމަ އޭގެތެރެއިން ބައެއްމީހުން ހައިހޫނުކަމުގެ ވޭނުގައި މަރުވާ ހިސާބަށް ކަންތައް ހިނގައިދާނެކަމުގެ އިންޒާރު އދ. ން ވަނީ ދީފައެވެ.

މިހާލަތުގައި އަފްޣާން ރައްޔިތުން ތިބިނަމަވެސް އެމެރިކާވަނީ އެގައުމުން އަފްޣާނިސްތާނުގައި އުފެއްދި ގޮނޑިކޮއްކޮ ސަރުކާރު މިދިޔަ އޮގަސްޓްމަހުގެ ކުރީކޮޅު ވެއްޓުމާއެކު އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ ބޭންކްތަކުގައިވާ އަފްޣާނިސްތާނުގެ ހަތް ބިލިޔަން ޑޮލަރު ނުދީ ހިފެހެއްޓުމާއި އަފްޣާނިސްތާނަށް ބޭނުންވާ ވިޔަފާރިތައް ކުރުމަށް ތާލިބާން ސަރުކާރަށް ހުރަސްއެޅުން ހިމެނެއެވެ. މި ހުރަސްތަކުގެ ތެރޭގައި އަފްޣާން ރައްޔިތުންގެ ބޭނުންތަކަށް އެގައުމުން ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ މާލީ އަދި ވިޔަފާރީގެ މުއާމަލާތްތައް އެމެރިކާގެ މާލީ ނިޒާމުގެ ބޭނުންކުރުމުގެ ހުއްދަ ތާލިބާން ސަރުކާރަށް ނުދިނުން ހިމެނެއެވެ.

comment ކޮމެންޓް