މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ދޫވަނީ ކީއްވެތޯ ސުވާލު އުފެދޭ: އިންތި

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ފަސޭހަކަމާއެކު ދުވޫގެން ދާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަން އެހެން ވާން މެދުވެރިވާން ދިމާވާ ސަބަބާމެދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ސުވާލު އުފައްދަވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަަަތަކާ ގުޅިގެން މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މަައްސަލައަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް ދިރިއުޅޭ ގައުމަކުން މަސްތުވާތެކެތީގެ ބޮޑެތި މައްސަލަތައް ފެންމަތިވުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ.

"މިއީ ވަރަށް ބޮޑަށް ބަލާ ވިސްނަން ޖެހޭކަމެއް،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ވެރިކަންކުރާ މައި ޕާޓީގެ އެންމެ ބޮޑު އެއް ވައުދަކީ މަސްތުވާތެކެތީގެ މައްސަލަތައް ހައްލުކުރުންކަމަށެވެ. އަދި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ވެސް އެކަމަަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިންތި ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި ޒަމާނުއްސުރެ ކަންކަން އޮންނަ ގޮތުން މި ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމުގެ ކަންބޮޑުވުން އިންތި ފާޅުކުރެއްވިއެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް މި ދޫވަނީ ކީއްވެގެންތޯ. ކޮންމެ ވެސް ކަހަލަ ގާނޫނީ ބާގަނޑެއްގެ ތެރެއިން މި ދޫވަނީ ކީއްވެގެންތޯ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ސީރިއަސް މައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތްކުރާނީ ގާބިލްކަން ހުރި މީހުންކަމަށެވެ. އަދި ކޯޓުތަކުގައި ނިންމުންތައް ނިންމާނީ ވެސް އެ ފަދަ ކަންކަން ބެލުމުގެ ފެންވަރު ހުރި މީހުންކަމަށެެވެ. އެހެންނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި މައްސަލަ ނިމުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

"އާންމު، އާދައިގެ ވައްކަމެއް ނުވަތަ ކުޑަ ކުށެއް ކުރާ މީހާ ހަމަ އެއްވެސް ގޮތަކަށް ދޫވާ ގޮތެއް ނޯވޭ. އެެހެންނަމަވެސް މިވަރުގެ ބޮޑެތި މައްސަލަތަކާ ޖެހުނީމާ ހަމަ އެއްވެސް ގޮތަކަށް ހިފެހެއްޓޭ ގޮތެއް ނުވަނީތޯ މިއީ ވިސްނަންޖެހިއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަހުސްކުރައްވާފައެވެ.

comment ކޮމެންޓް