100 ކިލޯ ހެރޮއިން: ދެ ބޮޑުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 އެއްހާ ކިޅޯގެ ހެރޮއިން --- ފޮޓޯ: ސީޕީ

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން, ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މިދިޔަ ބުދަ ދުވަހު, ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ހިންގި އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިން ވަނީ ހޯދައިފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރިއިރު ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

އެ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށް ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު މިއަދު ވަނީ ވިދާޅުވެފައެވެ.

ސަބަބެއް ކަމަށް ޝަފީއު ވިދާޅުވީ, ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.

އެ ދެ ދެމީހުންގެ މައްޗަށް އިތުރު ހެކި ގަރީނާ ހޯދިއްޖެނަމަ އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ހައްޔަރުގައި ތިބި އަށް މީހުން:

  1. ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ ބީޗްހެވަން
  2. އިބްރާހީމް ޒައިދު ޙަބީބު (25އ), ގއ. ކޮލަމާފުށި، ސޯސަންގެ،
  3. މުޙައްމަދު އަޙްމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  4. އިބްރާހީމް ސިނާނު (24އ), ހދ. ކުމުންދޫ، ޑިއާފުރެންޑް
  5. މުޙައްމަދު ޙުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް
  6. އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް
  7. ޑީއެމް މޮބިން (24އ), ބަނގްލަދޭޝް
  8. މިދުހަތު އިބްރާހީމް (26އ), ގއ. ދެއްވަދޫ، ދޭލިޔާގެ

އެ މީހުންގެ ތެރެއިން ޖުމާން އާއި ޒައިދު އަދި މުހައްމަދު އަހްމަދުގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ. ސިނާނު އާއި މުހައްމަދު ހުސައިން އާއި ރަފީގުލް އަދި މޮބިންގެ ބަންދަށް ޖަހައިދީފައިވަނީ, 15 ދުވަހެވެ. މިދުހަތު ބަންދު ކުރަން އަމުރު ކުރީ ފަސް ދުވަހަށެވެ.

comment ކޮމެންޓް