ވެމްކޯއަށް 30 ވެށިފާރަވެރިން ހޯދަނީ

ވެމްކޯ ވެށީފާރަވެރިން ގޭގެއިން ކުނި ނަގަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް 30 ވެށިފާރަވެރިން ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާނު ކޮށްފިއެވެ.

ވެމްކޯއިން ބުނީ ވެށިފާރަވެރިންގެ މުސާރައަކީ 9000 ރުފިޔާ ކަމަށެވެ.

ވެމްކޯގެ ވެށިފާރަވެރިއަކަށް ވުމަށް އެދޭ ފޯމު މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.

ފޯމު ހުށަހަޅަން ޖެހޭނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވެމްކޯ ހެޑް އޮފީސް މއ. ޖަންބުގަސްދޮށުގޭ، ދެ ވަނަ ފަންގިފިލާ އަށެވެ.

ވެށިފާރަވެރިއަކަށް ވުމަށް ހުށަހަޅާއިރު، ވަޒީފާއަށް އެދޭ ފޯމުގެ އިތުރުން ހުށަހަޅަން ޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތިން މަސް ހަމަނުވާ ޕޮލިސް ރިޕޯޓެވެ.

ވެމްކޯއިން ފުރަތަމަ ކުނި ނަގަމުން ދިޔައީ ގޭބިސީތަކުން ވަކިވަކި ފަންގިފިލާތަކުން ކަމަށްވީ ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެ އުސޫލަށް ބަދަލު ގެނައިއެވެ.

އެގޮތުން ކޮވިޑް ތެރޭގައި ވެމްކޯއިން ކުނި ނަގަމުން ދިޔައީ ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ.

ނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ވަކި ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން ވަނީ އަލުން އިޔާދަ ކޮށްފައެވެ.

comment ކޮމެންޓް