ގެއްލުނު ކުޑަކުއްޖާ ހޯދަން ވައިގެ މަގުން 4500 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުގަދައިރު ދަތުރު ކުރަނީ --

މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، ކަނޑަށް ވެއްޓި ގެއްލުނު ކުއްޖާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާ ހިނގައިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އިރުއޮއްސުނު ވަގުތުގައެވެ. މި ހާދިސާގައި ލޯންޗަށް އެރި ރާޅާއެކު ކުޑަކުއްޖާ އާއި އޭނާގެ މަންމަ ވަނީ މޫދަށް ވެއްޓިފައެވެ. ކުއްޖާގެ މަންމަ މި ހާދިސާގައި ނިޔާވެފައިވާއިރު ކުއްޖާގެ ހަށިގަނޑު ފެނިފައެއްނުވެއެވެ.

ކުއްޖާ ހޯދުމަށް އެމްއެންޑީއެފުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުއްޖާ ހޯދުމަށް މިއަދު ކަނޑުމަގުން 131 ސްކޮޔާ ކިލޯމީޓަރު ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ކުއްޖާ ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓު ބޭނުން ކުރަމުން އަންނައިރު، ވައިގެ މަގުން ވެސް 4512 ސްކޮޔާ ނޯޓިކަލް މޭލު ވަނީ ބަލައިފައެވެ.

މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ޑްރީމް ސްޕީޑް2 ނަމަކަށް ކިޔާ ލޯންޗު, އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ހަވީރު 17:06 ހާއިރުއެވެ.

މި ދުވަސްވަރަކީ މޫސުން އާދަޔާ ހިލާފަށް ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ މޫސުމަށް ސަމާލުކަމެއް ނުދީ، ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. އެހެންކަމުން ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތާސްކޮށްފައެވެ.

comment ކޮމެންޓް