ޒުވާން މަސްވެރިޔާގެ ފައިގެ އޮޕަރޭޝަން ކޮށްފި، ރިކަވަރީއަށް ދުވަސް ނަގާނެ!

މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރާގައި ގަދަ ވަޔާއެކު، ހުޅުމާލެ ދެވަނަ ފޭހާ ދިމާލު ތޮއްޓަށް އުރެންދިޔަ ސަފާރީއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފައި ބިންދައިގެން ދިޔަ ޒުވާން މަސްވެރިޔާ، ހަސަަން ސާޖިންގެ އޮޕަރޭޝަން ކޮށްފިއެވެ.

ޖުމުލަ ތިން ގަޑިއިރު ހޭދަވި، މި އޮޕަރޭޝަން ކުރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭގެ ވަގުތެއްގައެވެ.

ސާޖިންގެ އެއްބަނޑު އެއްބަފާ ބޭބެ އަހްމަދު ޝާފިއު، "ސަން"އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ކޮއްކޮގެ ފަޔަށް ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެގޮތުން ފައިގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް އެތަނުން އެއް ކަށިގަނޑު އިނީ އަނެއް ފަރާތަށް ފުރޮޅިފައި ކަމަށެވެ.

"ރޭގެ ވަގުތެއްގަ އޮޕަރޭޝަން ކޮށްފި. ގާތްގަނޑަކަށް ތިންގަޑިއިރުގެ އޮޕަރޭޝަނެއް ކުރީ. ހޭ ނުނައްތާ އުނަގަނޑުން ތިރި އައްސި ކޮށްފަ އޮތީ. ކޮއްކޮގެ ހާލު އަންނަނީ ރަނގަޅުވަމުން. އަނިޔާ އަކީ ބޮޑު އަނިޔާއެއް. ތިން ކަށިގަނޑު ބިންދައިގެން ގޮސް އެތަނުން އެއް ކަށިގަނޑު އިނީ އެނބުރިފަ. ބޮޑުވާ އިނގިލީގެ ކަށިގަނޑު އިނީ ހުޅުން ނެއްޓިފަ. ވަލުން ޖެހުނު ވަގުތު ފައިގެ މަސްތައް ވެސް ހުރީ ވަރަށް ބޮޑަށް ޗަސް ވެފަ،" ޝާފިއު ބުންޏެވެ.

ޝާފިއު ބުނީ މިހާރު ހުރީ ކައްޓަށް ޕިން ޖަހާފައި ކަމަށާއި އެ ޕިންތައް ނަގާނީ އަށް ހަފްތާ ފަހުން ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތް ދެ މަސްދުވަހު، އޭނާގެ ކޮއްކޮ ސާޖިން އުޅެންޖެހޭނީ ޕްލާސްޓަރު އަޅައިގެން ކަމަށެވެ.

ސާޖިން، "ސަން"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގަދަ ވައިގެ ތެރޭގައި ތޮއްޓަށް ލައްވާން ދިޔަ ސަފާރީ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ވިއްސައިގެން އައި ވަލަކުން ޖެހި، ފައިގެ މަސްގަނޑު ފަޅާލާ، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

ސާޖިންއަށް އަނިޔާ ލިބުނު ވަގުތު އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށްފަހު، އިތުރު ފަރުވާ ދިނުމަށް ޓަކައި މިވަގުތު ބާއްވާފަ އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

comment ކޮމެންޓް