ޔޫރަޕްގެ އަމަނާއި ސަލާމަތަށް ޗައިނާގެ ނުރައްކާ ބޮޑުވަމުން ދާކަމުގެ އިންޒާރު ނޭޓޯ އިން ދީފި

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް

ބްރަސަލްސް (އޮކްޓޯބަރު 18): ޔޫރަޕްގެ އަމަނާއި ސަލާމަތަށް ޗައިނާގެ ނުރައްކާ ބޮޑުވަމުންދާކަމުގެ އިންޒާރު ހުޅަނގުގެ އަސްކަރީ ޖަމާއަތްކަމަށްވާ ނޭޓޯ އިން ދީފިއެވެ.

ނޭޓޯގެ ހެޑްކުއާޓާސް ހުންނަ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓާންބާގް ވިދާޅުވިގޮތުގައި ޗައިނާދަނީ ހުޅަނގުގެ ގައުމުތަކަށް އަސްކަރީ ގޮތުން ބިރު ދެއްކުމަށްޓަކައި ހުޅަނގުގެ ކޮންމެ ގައުމަކަށްވެސް ހަމަލާދެވޭވަރުގެ ބާރުގަދަ ސްޓްރެޓީޖިކް މިސައިލްތައް އެގައުމުގެ ހުޅަނގު ފަޅީގައި ރުކުރުވާލަމުންނެވެ.

މީގެއިތުރުން ސައިބާ ހަމަލާތައް ދިނުމުގެ ގާބިލްކަން އިތުރުކުރުމަށް ޗައިނާ ކުރަމުން ގެންދާ ރީސާޗްތަކާއި އުފައްދާ ސޮފްޓްވެއާތަކުގެ ސަބަބުން ޔޫރަޕްގެ އަމަނާއި ސަލާމަތަށް ނުރައްކާތެރިވެފައިވާ ކަމަށާ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާއާއި ޔޫރަޕް ގުޅިގެން ދުނިޔޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާއިމްކޮށްފައިވާ ކޮލެކްޓިވް ސެކިއުރިޓީ ނިޒާމު ނުވަތަ ޖަމާއީ އަމަނުގެ ނިޒާމުވެސް ޗައިނާގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަމަށް ސްޓޯލްޓާންބާގް ވިދާޅުވިއެވެ.

ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާގެ އިގްތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރުވެރިކަމަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާއާއި ޔޫރަޕް ގުޅިގެން ދުނިޔޭގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ މުޅި ނިޒާމަށް ލޮޅުންއަރާނެ ކަމެއްކަމަށާ މިއީ ހުޅަނގަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންކަމަށް ސްޓޯލްޓާންބާގް ވަނީ ސިފަކުރައްވާފައެވެ.

ނޭޓޯ އިން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާ ބަރު ހަތިޔާރު

ސްޓޯލްޓާންބާގް މިހެން ވިދާޅުވިއިރު ރަޝިއާއިން ވަނީ ޔޫރަޕްގެ ހުޅަނގު ފަޅީގައި ގާއިމްކުރި "ނޭޓޯ" އަށް ރަޝިއާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތައް ވައްދައިގެން ޔޫރަޕްގެ އެންމެ އިރުމައްޗާ ހަމައަށް އެޖަމާއަތް ފުޅާކޮށް ރަޝިއާ ވަށާލުމަށް "ނޭޓޯ" ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ނޭޓޯ" ގެ ސައިޒް ބޮޑުކޮށް އެޖަމާއަތުގެ އަސްކަރީ ދައުރު ފުޅާކޮށް ރަޝިއާގެ ސަރަހައްދީ ރޮނގާ ކައިރީގައިވާ ގައުމުތަކުގައި ސްޓްރެޓީޖިކް މިސައިލާއި މިސައިލް އައްޑަނައިގެ ނިޒާމުތަކާއި ރާޑަރުތައް ބެހެއްޓުމަށް "ނޭޓޯ" ކުރަމުން ގެންދާ މަސައްކަތްތަކަކީ ރަޝިއާއާއި ކައުކަސް ސަރަހައްދާ އަދި މެދުތެރޭ އޭޝިއާގެ ގައުމުތައް ނުރައްލުގެ ތެރެއަށް ވައްޓާލައި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލުމަށް ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކެއްކަމަށް ހިންގާ ހަރުކަށި އަމަލުތަކެއް ކަމަށް ރަޝިއާ ވަނީ ސިފަކޮށްފައެވެ.

ޔޫރަޕްގެ އަމަނާއި ސަލާމަތަށް ޗައިނާގެ ނުރައްކާ ބޮޑުވަމުންދާކަމުގެ ވާހަކައަކީ ކުރިން "ނޭޓޯ" ގެ އިސްވެރިން ދައްކަވާ ވާހަކަތަކެއް ނޫނެވެ. މީގެކުރިން "ނޭޓޯ" އިސްވެރިން މިމޭރުމުން ވާހަކަ ދައްކަވަނީ ރަޝިއާއާ ދެކޮޅަށެވެ. ނަމަވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓާންބާގް ބަހުގެ ހަމަލާތައް މިފަހަރު އަމާޒު ކުރައްވާފައި މިވަނީ "ނޭޓޯ" ގައުމުތަކާ ދުރުގައި އޮންނަ ޗައިނާއަށެވެ.

ސްޓޯލްޓާންބާގް ގެ ވާހަކަތަކަށް ޗައިނާ އަދި ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ޗައިނާގެ އިގްތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރުވެރިކަން ހަލުއިކަމާއެކު ކުރިއަރަމުންދާ ދިޔުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ އަސްކަރީ ބާރުވެރިކަން ކަށަވަރު ކުރުމަށް މަސައްކަތްކުރާ "ނޭޓޯ" ގެ ބާރުވެރިކަމަށް ކުރިމަތިވާނެ ގޮންޖެހުމެއްކަން އިހްސާސް ކުރެވިގެން ސްޓޯލްޓާންބާގް ދެއްކެވި ވާހަކަތަކެއް ކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.

ދާދިފަހުން އެމެރިކާއާއި "ނޭޓޯ"، އަފްޣާނިސްތާނުން ހިތްދަތިގޮތަކަށް ފައިބަން ޖެހުމާއި އެކަމުގެ ޖިއުޕޮލިޓިކަލް އެޑްވާންޓޭޖް އަފްޣާނިސްތާނުގެ އަވަށްޓެރި ޗައިނާ ނަގާނެކަމުގެ ބިރު އެމެރިކާއާއި އެމެރިކާއާއި އެމެރިކާ ލީޑްކުރާ "ނޭޓޯ" ގެ ގައުމުތައް އިހްސާސް ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

"ނޭޓޯ" ގެ ގިނަ ގައުމުތައް ހިމެނޭ ޔޫރަޕްގެ އިއްތިޙާދުން ވަނީ ޗައިނާއިން އެގައުމުގެ ވީގޫރު މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ ޗައިނާއަށް ފާޑުކިޔުމަށްފަހު ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. މީގެތެރޭގައި ޗައިނާގެ ބައެއް މަސްއޫލުވެރިން އީޔޫ ގެ ގައުމުތަކަށް ދަތުރުކުރުމުގެ ވިސާ ނުދިނުމާއި ޔޫރަޕްގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ ބައެއް އެކައުންޓްތައް ފްރީޒްކުރުންފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ އަދި އިންޑިއާ ގައި ވެރިކަންކުރާ ބީޖޭޕީ އަށް ނިސްބަތްވާ ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނީ ހައްގުތަކާ ޚިލާފު އަނިޔާވެރި އަމަލުތަކަށް އިންޑިއާ ސަރުކާރު ލޯމަރާލައިގެން އޮންނަ މައްސަލަ، ޔޫރަޕްގެ އިއްތިޙާދުގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ.

މީގެއިތުރުން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށް ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވައި ފަލަސްތީނުގެ ރައްޔިތުން މަރައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދިޔަ ނުދިނުމަށް ހިންގާ ޖަރީމާތަކާމެދުވެސް ޔޫރަޕްގެ އިއްތިޙާދުގެ މާބޮޑު ސަމާލުކަމެއް ނެތެވެ. އެކަންކަމާ ގުޅިގެން އިސްރާއީލުގެ މަސްއޫލުވެރިންނާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް