"އެކްސް!..." އީންއަށް ހިތާއިހިތުން ބުނެވުނެވެ.

އީންގެ ދެލޯ ބޮޑުވެފައިވާއިރު، ކުރިމަތީގައި ހުރި ދެބައި އުމުރުގެ ފިރިހެންމީހާގެ މޫނުގައިވާ ބޮޑު ލަފުން އެ ނަޒަރު ވަކި ނުވެއެވެ. ކުރިމަތީގައި އެހުރީ، އީންގެ ބައްޕަ ވަޖީހު ކަމުގައި ބުނެ، އޭނާގެ މަންމަ ފޮނުވި ތަސްވީރުގައިވާ މީހާއެވެ. އެކްސް އަކީ އޭނާގެ ބައްޕަ ހެއްޔެވެ؟ އީންއަކީ އެފަދަ ނުބައި އަނިޔާވެރި ގާތިލެއްގެ ދަރިއެއް ހެއްޔެވެ؟ ހަގީގަތް އެނގުނު އެ ހިތްދަތި ވަގުތުކޮޅުގައި އީންގެ ހިތް އެތައް ހާސް މަރަކުން މަރުވި ކަހަލައެވެ. އޭނާގެ މަންމަ ހަގީގަތް ސިއްރުކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބަކީ އެއީ ހެއްޔެވެ؟

********

ވަޖީހު ކުރިއަށް ފިޔަވަޅެއް އަޅައިލުމާއިއެކު، އީން ތެޅިގަތެވެ.

"ނާންނާތި!... ކައިރިނުވާތި!..." އަތުގެ އިޝާރާތާއިއެކު، އީން ބުންޏެވެ.

އީން ކުއްލިއަކަށް ކޮޓަރިތެރެއަށް ދެމިގަނެފައި ދޮރު ޖެހިއެވެ. ނަސީބު ދިމާކުރިގޮތުން ދޮރު ހުރީ އެތެރެއިން ތަޅުލެވޭ ގޮތަށެވެ. ދޮރު ތަޅުލައި، ޑްރެސިންގް ޓޭބަލް ގެންގޮސް ދޮރުގައި ޖެއްސުމުންވެސް އީންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮޓަރީގެ ވަށައިގެން އޭނާ ބަލަން ފެށީ، ޝައްކުގެ ނަޒަރަކުންނެވެ. ވަޖީހު ކަހަލަ ގާތިލަކު އީންގެ ހަރަކާތްތައް ސިއްރުން ބަލާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނޭ އީންގެ ހިތަށް އެރިއެވެ. އަދި އެފަދަ މީހަކަށް ދޮރު ހަލާކުކޮށްލައިގެން ވަނުން އެއީ އުނދަގޫ ކަމެއް ނޫންކަންވެސް އީންއަށް އެނގެއެވެ.

********

ގެއަށް ވަންނަން އައި މޫމިނާގެ ފިޔަވަޅުތައް މަޑުޖެހުނީ، އޭނާގެ ގޭގެ ކުރިމަތީގައި އޮތް ފުލުހުންގެ ވެހިކަލް ފެނުމުންނެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ވަށާފާރުމަތީގައި އޮތް އިލޮށިފަތި އަތަށް ހެޔޮވަރުކޮށްލައިގެން އޭނާ ގޭތެރެއަށް ވަނެވެ. އެގެއަށް ފުލުހުން ގޮސް ތިބީ ކީއްކުރަންކަން މޫމިނާއަށް އެނގެއެވެ. ކުރަންއުޅޭ ކަމެއްގެ ސަބަބުން، ކޮންމެ އަދަބެއް ލިބުނަސް މޫމިނާއަށް ވަރިހަމަ ކަހަލައެވެ.

ސިޓިންގްރޫމުގައި ރަޝީދު ދެކޮޅަށް ހިނގަހިނގައި ހުރިއިރު، ނުހާމާއި ލަޔާން ތިބީ، ސޯފާގައި އިށީނދެލައިގެންނެވެ. ދެލޯ ހަނިކޮށްލަމުން މޫމިނާ ރަޝީދަށް ބަލައިލީ ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ. ރަޝީދަށް ހިންދިރުވައިލެވުނެވެ. ރުޅި އައިސްފިނަމަ، މޫމިނާ މައިތިރިކުރުމަކީ އުނދަގޫ ކަމެކެވެ. މީހަކަށް އަނިޔާއެއް ވެގެންނޫނީ، މޫމިނާ ނުހުއްޓުވޭނެއެވެ. ފޯނަށް ގޮސް ގެއްލިފައި ތިބި ނުހާމަށާއި ލަޔާންއަށް މޫމިނާ ފެނުނީ، އިރުކޮޅެއް ފަހުންނެވެ. މޫމިނާ އިލޮށިފަތި ހިފައިގެން ކުރިއަށް ޖެހިލިތަން ފެނިފައި، ނުހާމަށާއި ލަޔާންއަށް ކޮޅަށް ތެދުވެވުނީ އެއްފަހަރާއެވެ. އައިސްފައި ހުރި ރުޅީގައި މޫމިނާ ފުރަތަމަ ދިޔައީ، ރަޝީދާއި ދިމާއަށެވެ. ރަޝީދު އެއްފަރާތްކޮށްފައި، ނުހާމަށާއި ލަޔާންއަށް އޭނާ ބަލައިލީ، ވަކިވަކީންނެވެ.

"މިތިބީ ރަޝީދު ކީއްކުރަން ވެއްދި ބައެއް؟..." ނުހާމާއި ލަޔާން އާއި ދިމާއަށް އިލޮށިފަތި ދިއްކޮށްލަމުން، މޫމިނާ ހަޅޭއްލަވައިގަތެވެ.

ނުހާމް އަވަހަށް ލަޔާންގެ ފުރަގަހަށް ވަނެވެ.

"އެއްތަނެއް ސަލާމަތް ނުކުރެވުނަސް، މޫނު ސަލާމަތް ކުރާތި..." ލަޔާންގެ ކަންފަތް ކައިރީގައި ނުހާމް ސިއްރުން ބުންޏެވެ. "ތީގެ ދިލަޔާ އެއްވަރަށް، ލަކުނުވެސް ފިލާނުދާނެ..."

"ދައްތާ!... އަޅުގަނޑުމެން..." ލަޔާން އެއްޗެއް ބުނަން އުޅުނެވެ.

"ކޮން ދައްތާއެކޭ ކިޔާކަށް... ކާކު ކަލޭމެން މިގެއަށް ވެއްދީ؟... އޭނ؟... ނުކުމޭ ހަމަ މިހާރު..." ދޮރާއި ދިމާއަށް އިޝާރާތްކުރަމުން މޫމިނާ ހަޅޭއްލަވައިގަތެވެ.

"ބޭބެ ވެއްދީ..." ރަޝީދަށް އިޝާރާތްކުރަމުން، ނުހާމް ބުންޏެވެ.

"ބޭބެއޭ؟... އަދި ލަދެއްވެސް ނުގަނެއޭ..." ނުހާމްގެ އަޑު ކިތަންމެ މަޑު ނަމަވެސް، މޫމިނާގެ ކަންފަތާއި ހަމައަށް އެ އަޑު ފޯރިއެވެ. މޫމިނާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، ލަޔާންގެ ފުރަގަހުން ނުހާމް ނެރުނެވެ. އެއަށްފަހު، ނުހާމްގެ ބުރަކަށީގައި އިލޮށިފަތިން ޖެހިއެވެ. "ބޭބެއޭ ބުނެފިއެއްނު އަދި... ގޭގެ ރަޖިސްޓްރީ ބަލާބަލަ، ކާކު ނަމެއްގަތޯ މިގެ އޮތީ..."

"މޫމިނާ ހަމަޖެހިބަލަ..." ރަޝީދު ގޮސް މޫމިނާގެ ދެއަތުގައި ހިފެހެއްޓިއެވެ. "އެކުދިންވެސް އެކުދިންގެ ޒިންމާ އަދާކުރަން ފުރުސަތު ދޭންވާނެއެއްނު...."

"ޒިންމާއޭ؟..." ކޮންކަހަލަ ޒިންމާއެއް އަދާކުރާ ބައެއް؟.... އެއްކަމެއްވެސް ވާނަމަ ރަނގަޅޭ... ރަޝީދު ބުނެބަލަ، އެމީހުންނަށް އިންސާފު ހޯދާދެވުނުތަ؟..." ޝަކުވާގެ ރާގެއްގައި މޫމިނާ އަހައިލިއެވެ.

ރަޝީދު އެއްޗެއް ނުބުނެ އިސްޖަހައިލީއެވެ. މޫމިނާ ދެން ބަލައިލީ، ލަޔާންއަށެވެ.

"ދައްތާ!... ގާތިލު ހޯދާށޭ އަޅުގަނޑުމެންވެސް މި ހުރިހާ މަސައްކަތެއް މި ކުރަނީ... ދައްތަމެން އެއްބާރުލުން..." ލަޔާންއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އެކަމަކު އޭނާގެ ވާހަކަ ފުރިހަމަ ކުރާނޭ ފުރުސަތެއް މޫމިނާ ނުދިނެވެ.

"ކަލޭމެންނަށް ދެއްކޭނީ ވާހަކަ.... ކަމެއް ނުވާނެ..." ރަޝީދު ފޮޅުވައިލާފައި ގޮސް، ލަޔާންގެ ގަމީހުގައި ހިފައިގަންނަމުން މޫމިނާ ބުންޏެވެ. "ކަލޭމެން ބަލަން ތިއްބާ، ގާތިލުން އުޅޭނީ މިނިވަންކަމާއެކީ... އަދަބު ލިބޭނީ، ނިކަމެތި މީހާގެ ދަރިންނަށް... އަލަށް ފެންނަ ކަންކަމެއް ނޫނޭ މީކީ... ހަމަ މިހާރު ނުކުމޭ މިގޭން..."

ގޭތެރޭގައި މާ އަޑުގަދަވެގެން، ކާވިންއަށް ޖެހުނީ ނަސީމްގެ ކޮޓަރިން ނުކުންނާށެވެ. ބޭނުންވާ މުހިއްމު ހުރިހާ ލިޔުންތަކާއި ތަސްވީރުތައް، ލައިގެން ހުރި ކޯޓުގެ ތެރޭގައި ފޮރުވާލައިގެން ކާވިން ނުކުތެވެ. އޭރު، ލަޔާންގެ އިސްތަށިގަނޑުގައި ހިފައިގަނެގެން މޫމިނާ އުޅެއެވެ.

********

އަނދިރިކަން ވެރިވެފައިވާ ތަނަވަސް ކޮޓަރި ތެރޭގައި ބަހައްޓާފައިވާ ސަރަންފީ ގޮނޑީގައި ވަޖީހު އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ، ކުރިމަތީގައި ހުރި ބޮޑު ޓީވީއަށެވެ. ޓީވީއިން ފެންނަމުން ދިޔައީ ސީސީޓީވީ ކެމެރާތަކަކުން ރެކޯޑުވަމުންދިޔަ މަންޒަރުތަކެކެވެ. ކޮޓަރިތެރޭގައި ހުރި ހުރިހާ އަގުބޮޑު އެއްޗެއް ހަލާކު ކުރަމުން ދިޔައިރު، އީން އޭނާގެ އަމިއްލަ ނަފުސަށްވެސް ބަލައިނުލައެވެ.

"ހީކުރީތަ ކެމެރާ ހަރުކޮށްފަ ހުންނާނެކަން އަހަންނަށް ނޭނގޭނެކަމަށް... އަހަރެން މީ ޕޮލިހެކޭ... ޔޫ މާޑަރާ..." ކޮޓަރީގައި ހަރުކޮށްފައިވާ ފަހު ކެމެރާ ދަމައިގަނެ، އެއަށް ބަލަން ހުރެ، އީން ބުންޏެވެ.

ވަޖީހު އޭނާ އުޅޭނޫޅޭގޮތް ބަލަން ހުންނާނެކަން އީންއަށް އެނގޭ ކަހަލައެވެ. އޭނާ އެކަން ކުރީ ވަޖީހަށް ދެއްކުމުގެ ގޮތުންނެވެ. އަމިއްލަ ހަށިގަނޑުގައި ދައުރުވަމުންދަނީ ގާތިލެއްގެ ލޭކަން އިހުސާސްވުމުން، އީންގެ ހިތުގައި އެކްސް އާއިމެދު ކުރިން އޮތް ބިރުވެރިކަން ނަފުރަތަށް ބަދަލުވިއެވެ. ވަޖީހެކޭ އެއްވަރަށް އަމިއްލަ ނަފުސުދެކެވެސް އޭނާ ރުޅި އައެވެ.

އީންގެ ހިތަށް ހަމަޖެހުމެއް ލިބުނީ، ކެމެރާތައް ޗިސްޗިސްކޮށްލެވުމުންނެވެ. ވަރުބަލިވެގެން ނުހުރެވޭވަރުވުމުން، ކޮޓަރި ކަނެއްގައި އޭނާ އިށީނދެލިއެވެ. ދެކަކޫ ގެންގޮސް މޭގައި ޖައްސައި، ކަކުކުލުގައި ބޯ އަޅާލުމާއިއެކު، އީންއަށް ގިސްލާފައި ރޮވެން ފެށުނެވެ. އެ ނުބައި ގާތިލުގެ ދަރިއަކަށްވީތީ، އީން އޭނާގެ އަމިއްލަ ނަފުސުދެކެ ނަފުރަތު ކުރެވުނީ، އެއްވެސް މީހަކާ ކުރިމަތިލާން ނުކެރޭނޭ ދަރަޖައަކަށެވެ.

ޓީވީ ނިއްވާލާފައި ވަޖީހު ތެދުވިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން އޭނާ ކޮޓަރިން ނުކުތެވެ. ވަޖީހު ދޮރު ހުޅުވައިލި އަޑު އިވުމާއިއެކު، ބަދިގެ ތެރެއިން ދެބައި އުމުރުގެ އަންހެނަކު ނުކުތެވެ. އެމީހާ އަދަބުވެރިކަމާއިއެކު ހުއްޓިލައިގެން ހުރީ، ވަޖީހު ކަމަކަށް ބޭނުންވެގެން ބުނެފާނެތީއެވެ.

"ޒުބޭދާ!... ސައިތަބަށް ތައްޔާރުތަ؟..." ވަޖީހު އަހައިލިއެވެ.

"ލައްބަ..." ޒުބޭދާ ބޯ ޖަހައިލަމުން ބުންޏެވެ.

ވަޖީހު އޭނާގެ ލޮލުގެ އިޝާރާތުން ތަބައް ހިފައިގެން އައުމަށް އެންގިއެވެ. މިނެޓެއްވެސް ނުވަނީސް، ކާތަކެތިން ފުރާލާފައި ހުރި ތަބަކެއް ހިފައިގެން ޒުބޭދާ ކާގެއިން ނުކުތެވެ.

ވަޖީހު ގޮސް، އީންގެ ކޮޓަރި ދޮރުގައި އެތައް ފަހަރަކު ޓަކި ޖެހުމުންވެސް، އީން ދޮރެއް ނުހުޅުވިއެވެ. އެތައް ފަހަރަކު ގޮވުމުން، އަނގައިންވެސް ނުބުންޏެވެ.

"އަހަރެން ހީކުރީ، އީންއަކީ ވަރަށް ހިތްވަރު ހުރެގެން ކަންކަމާ ކުރިމަތިލާ ކުއްޖެއް ކަމަށް... އެކަމަކު އެހެނެއް ނުވި..." ވަޖީހު ވާހަކަ ދެއްކީ އީންއަށް އަޑު އިވޭ ވަރަށް ބާރަށެވެ. "އަސޫމީއެކޭ އީންއެކޭ ތަފާތެއް ނެތް..."

ގިނަ އިރުތަކެއްނުވެ، އީން ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ. އީންގެ ދެލޯ ރަތްވެފައިވާއިރު، އާދަޔާ ޚިލާފު ބާރެއް އޭނާގެ ހަށިގަނޑަށް ލިބިފައިވާ ކަހަލައެވެ. އަލަމާރީގައި ހެދުން އަޅުވާބައިގައި ހަރުކޮށްފައިވާ ހޮޅިކޮޅެއް އީންގެ އަތުގައި އޮތެވެ. އެ ދަމައިގަތީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އީން ބަލާކަށް ނުހުރެއެވެ. އަތުގައި ހުރި ބާރެއްލާފައި ވަޖީހާއި ދިމާއަށް ހޮޅިކޮޅު މަޅައިލިއެވެ. ވަޖީހު ހުރީ އީން އެފަދަ ކަމެއް ކޮށްފާނެކަމަށް ތައްޔާރުވެގެންނެވެ. އީންގެ ހަމަލާއިން އޭނާ ރެކިގަތީ ދާދި ފަސޭހައިންނެވެ. ދެވަނަ ސިކުންތުގައި އޭނާ އީންގެ އަތުން ހޮޅިކޮޅު ދަމައިގަތެވެ.

"މަރާލާ... ދާރިޔާ މަރާލިހެން އަހަރެންވެސް މަރާލާ..." ގޮތް ހުސްވުމުން އީންއަށް އަނެއްކާވެސް ރޮވުނީއެވެ.

ރޮމުން، ދެކަކޫ މައްޗަށް ތިރިވި އީންއަށް ބަލަން ވަޖީހު ހުއްޓެވެ. ވާހަކަ ދައްކާކަށް ވަޖީހު މަސައްކަތެއް ނުކުރެއެވެ. އޭނާ ލޮލުގެ އިޝާރާތުން ޒުބޭދާގެ ކައިރީގައި ވާހަކައެއް ބުނެލިއެވެ.

"ކޮއްކޯ!... އެއްޗެއް ކާލަން ހިނގާ... ދައްތަ މިހުރީ ކޮއްކޮއަށް މީރުވާނެހެން ހީވާ އެއްޗެހި ހަދާފަ..." ޒުބޭދާ އީންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

ބަނޑުހައިވެގެން އީންގެ ގައިން ހަކަތަ ހުސްވަމުން ދިޔައެވެ. ކާއެއްޗެހީގެ މީރުވަހުން އޭނާ އިނީ ކުޅުދިޔާވާވަރު ވެފައެވެ. އެވަރުންވެސް ކެތްތެރިވެވޭނެ އެންމެ މައްޗަށް އީން ކެތްކުރަމުން ދިޔައެވެ.

"ކީއްވެ އަހަންނަށް ކާންދޭން ތިއުޅެނީ؟... ތި އެއްޗެއްސަށް ތިހުރީ ޒަހަރުލާފަ ދޯ..." ޒުބޭދާގެ އަތް ފޮޅުވައިލަމުން އީން ހަޅޭއްލަވައިގަތެވެ.

ޒުބޭދާއަށް ތަބަށް ހިފަހައްޓައިލެވުނީ ކިރިޔާއެވެ. ނުވިސްނާ ހުރިނަމަ، ތަބަކުގައި ހުރި ކާއެއްޗެހިތައް ބަންޑުންވީހެވެ. ގޮތް ހުސްވެފައިވާފަދަ ނަޒަރަކުން، ޒުބޭދާ ވަޖީހަށް ބަލައިލިއެވެ.

"އެންމެ ރަނގަޅު!..." ވަޖީހު ބުންޏެވެ. "އެއްވެސް މީހަކަށް ގަދަކަމުން ކާކަށް ނުދެވޭނެ... ޒުބޭދާ!... ޒުބޭދާ ކާނެ ވަރަކަށް ކައިފަ، ބާކީ އެއްޗެހި އުކާލާ... އަހަރެން މިއަދު ކާނީ ބޭރުން..."

އީންގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. އެހާ ހައިވެފައި އިންދައި ކާއެއްޗެހި ނޫން އެއްޗެއް އޭނާގެ ސިކުނޑިއަށް ނުވެސް އައެވެ.

"ކޮންމެ ގޮތަކުންވެސް އަހަރެން ވާނީ މަރު... މެޔަށް ހަންޖަރެއް ހަރާލުމަށްވުރެ، ޒަހަރު ކައިގެން މަރުވުންވެސް މާ ފަސޭހަވާނެ ކަންނޭނގެ..." އީން ހިތާއި ހިތުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސާއެވެ.

"މަޑުކުރޭ!..." ޒުބޭދާ ހިނގައިގަތުމުން، އީން ބުންޏެވެ.

ވަޖީހުގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

********

ސިއްރު ލިޔުންތައް ރައްކާކުރާ ބައިން ނުކުތް ކާވިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރެކެވެ. އަތުގައި އޮތް ލިޔުންތައް ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް ތަހުގީގު ހޯލަށް ވަނެވެ. މޭޒުމަތީގައި ލިޔުންތައް އަތުރާފައި ކޮންމެ ލިޔުމެއް ވަކިވަކީން އޭނާ ބެލިއެވެ. ނަސީމް ހޯދާފައި ހުރި ހެކިތަކުގެ އެހީގައި ކާވިން އެތައް މައުލޫމާތެއް ހޯދިއެވެ. ކާވިންގެ ބައްޕަގެ ތަސްވީރުތަކުގައި އެކުގައި ހުރި ފުލުސްމީހާ އާއި، ތަސްވީރުތަކުގައިވާ ކާރުގެ ވެރިފަރާތަކީ އެކަކެވެ. ކާވިންގެ އަތުގައި ހުރީ، އެމީހާގެ މައުލޫމާތު ހިމެނޭ ލިޔުންތަކެވެ. ނަސީމް ބުނިހެން އެއީ އާދައިގެ މީހެއް ނޫނެވެ. ތަހުގީގުތަކަށް ކުރިއެރުން ނުލިބުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ހަމަ އެމީހާއެވެ.

"ކޮމިޝަނަރ އޮފް ޕޮލިސް ވަޖީހް އިބްރާހީމް... ސީޕީ..." ލިޔުންތަކުގެ ތެރެއިން ނެގި ތަސްވީރަށް ބަލަން ހުރި ކާވިންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

ތަހުގީގު ހޯލުން ނުކުމެގެން ކާވިން ދިޔައީ، ވަޖީހާއި ބައްދަލުކުރާށެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެކަންވެސް ކާވިންއަށް އެނގެއެވެ. އެކަމަކު، ހިތަށް ކޮށްފައިވާ އަސަރަކުން، އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ. ފުލުހުންގެ މައި އޮފީހަށް ގުޅާފައި، ސީޕީ އާއި ބައްދަލުކޮށްލަން ބޭނުންވާކަމުގައި ބުނެ، އޭނާ ގޮސް ގަރާޖުން ކާރު ނެރުނެވެ. ކާވިންގެ ފޯނު ރިންގްވާން ފެށީ، މައި އޮފީހާއި ދާދި ކައިރިވެފައި ވަނިކޮށެވެ.

"ސަރ... ސަރ، އީން..." ޔުނާންއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

ޔުނާން ގުޅާފައި ދިން ޚަބަރަކުން، ކާވިންއަށް ލިބުނީ ސިހުމެކެވެ. ކުރަން އުޅުނު ކަންތަކުގެ މަތީން އޭނާ ހަނދާންނެތުނެވެ. ވަގުތުން ކާރު އަނބުރައިލިއެވެ. އީންގެ ކޮޓަރި އާއި ހަމައަށް ދިޔައިރު، ކާވިންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިސްފިއެވެ. ކޮޓަރި އާއި ކޮޓަރިން ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކާވިން ހީކުރީ، އީން އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ކަމަށެވެ. އެ ކޮޓަރި ތެރޭގައި އޮންނާނީ، އީންގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ. އެންމެން ދުރުކޮށްފައި ކާވިން އެތެރެއަށް ވަނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި ފާޑެއްގެ ތުރުތުރުލުމެއް އުފެދިއްޖެއެވެ. ފެނުނީ، ކާވިން އުއްމީދު ކުރިފަދަ މަންޒަރެއް ނޫނެވެ. ކޮޓަރީގައި އީންއެއް ނެތެވެ. އެކަމަކު، އީންގެ ފޯނު ތެޅިފައި އޮތުމާއި، ދޮރު ހުޅުވިފައި ހުރިގޮތުން، ކަންތައް ވީގޮތް އޭނާއަށް ސިފަކޮށްލެވުނެވެ. ކާވިންގެ ދެއަތް މުށްކެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު