"ގެއްލިދާނެ ކަމަށް ފަހަރެއްގައިވެސް ތިމާ ޚިޔާލުނުކުރާ އެއްޗެއް ﷲ ސުބުހާނަހޫ ވަތައާލާ ގެންދަވަންޏާ ލިބިދާނެހެން ފަހަރެއްގައިވެސް ހީނުވާ އެއްޗެއް ދެއްވުމަށްވެސް އެ ފަރާތުން ކުޅަދުންވަންތައެވެ."

***

ކައިލް ގެއާއި ހަމަވީއިރަށް ލޮލުގައި އަޅައިގަތީ ތެޅިފޮޅެމުން ކޮޓަރިން ނުކުމެގެން ދުވެފައި އައި ނޯރާއެވެ. ހާސްވެފައި އައި ބާރުމިނުގައި ކައިލްގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ.

"މާމަ.....މާމަ...." ނޯރާއަށް އެއްޗެކޭ ނުބުނެވުނީސް ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ދެނެގަތް ކައިލް ސިކުންތުކޮޅެއްގެ ތެރޭގައި ހުރީ މާމަގެ ކައިރީގައެވެ.

"މާމާ..." ކައިލް ހާސްކަމާއެކު އޭނަގެ މާމައަށް ގޮވައިލިއެވެ. އެވަގުތުވެސް ނޯރާއަށް ފާހަގަކުރެވުނީ ކައިލް އޭނަގެ މާމަގެ ހަމުގައި އަތް ނުލާކަމެވެ.

"މާމަ މިވަގުތު ހޮސްޕިޓަލަށް ގެންދަން އެބަޖެހޭ..." ނޯރާ ޒާފިރާގެ އަތުގައި ހިފަހައްޓައިލިއެވެ.

ކައިލް އޭނަގެ މާމަ އަތްދަނޑިމައްޗަށް ލާދޭން ނޯރާ އެހީވިއެވެ.

ރޭގަނޑު ތަންކޮޅެއް ދަންވެފައިވާތީ ފަސޭހައިން އުޅަނދެއް އަތުޖެހޭނެގޮތެއްވެސް ނުވިއެވެ. ހޮސްޕިޓަލުގައި ޒާފިރާ އެޑްމިޓްކުރަން ޖެހުނީ ވެއްޓި އަތުގެ ހުޅު ދުޅަވެ ހުންއައުމުންނެވެ. ޑޮކްޓަރ ޔަގީންކަން ދިނީ މާ ބޮޑު މައްސަލައެއް ނެތްކަމަށާއި އެކަމަކު ހުން ފިނިވާންދެން އެތާ ބޭއްވުމަށެވެ. ނޯރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނަ ހާދަ ކަންތައް ބޮޑުވިއެވެ. އޭނައާއި ގާތުގައި އިށީދެގެން އިން ކައިލްއަށް ބަލައިލެވުނެވެ. އޭނަގެ މޫނު ހުދުކަމުން ހުދު ކަރުދާހެއް ހެންފެންނައިރު ރޫރޫ އަޅަމުން ދިޔައެވެ.

"އާ ޔޫ އޯކޭ؟" ނޯރާ ކަންބޮޑުވެފައި އަހައިލިއެވެ. ކައިލް ހީވަނީ ދެންމެ ދެންމެ އަނބުރައިގެންފާނެހެންނެވެ. އިއްތިފާގަކުން އިސްހާގުވެސް އެވަގުތުވީ ހޮސްޕިޓަލުގައެވެ. އޭނަ ބުނިގޮތުން އޭނަ މިތަނަށް އައީ ކެއްސާވަރުން ބޭހެއް ހޯދުމަށެވެ. ޒާފިރާ އެޑްމިޓްކޮށްފައިވާކަން އެނގުމުން އޭނަ ކައިލްއާއި ނޯރާ ގާތު އެދުނީ ގެއަށް ދިޔުމަށެވެ. އޭނަ މާމަ ގާތުގައި މަޑުކުރާނެކަމުގައެވެ. ސަބަބަކީ އެކުދިން ވަރުބަލިވެފައިވާ ވަރު މޫނުމަތިން ފެންނާތީއެވެ. ކައިލް ދެކޮޅުހަދާފައިވެސް ދާން ނިންމީ އޭނަ ހޮސްޕިޓަލަށް ނާންނަތާ ފަސް އަހަރުވެފައިވުމާއެކު އަދި އޭނަގެ ހާލު ރަގަޅުނުވީމައެވެ.

"އަހަރެން ނޯރާ ގެއަށް ލާ ދީފާނަން...." ކައިލް ހިނގައިގަންނަމުން ބުނެލިއެވެ. ނޯރާވެސް ކައިލްގެ ފަހަތުން ދަމުން ފާމަސީއަކަށް ވަނެވެ. އިރުކޮޅަކަށެވެ. ތަންކޮޅަކަށް ހިނގާލާފައި ނޯރާގެ ފިޔަވަޅުތައް ހުއްޓުނެވެ.

" އޭ އިށީދެބަލަ.." މަގުމަތީގައި ހުރި ދިގު ގޮނޑިއަކަށް އިޝާރާތްކުރަމުން ނޯރާ ބުނެލިއެވެ. ކައިލްގެ ނަޒަރުން ހީވީ ނޯރާ މޮޔަވީހެއްޔޭ އަހާފަދައެވެ. އެއާއެކު ހުއްޓުމެއްނެތި އޭނަ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

"ތިއަތުން މަސައްކަތެއް ނުކުރެވޭނެ އިންފެކްޝަނެއް ހެދިއްޖެއްޔާ." ނޯރާ ކައިލްގެ ކުރި ބެއްދިއެވެ." އިށީދޭ. އަހަރެން އަތް ނުލާނަން."

ނޯރާ ދިގު ނޭވާއެއް ލިއެވެ. އެންމެފަހުން ކައިލްއަށް ޔަގީންކަމެއް ލިބި އޭނަ އިށީދެ ނޯރާއާއި ދިމާލަށް އަތް ދިއްކޮށްލައިފިއެވެ. ނޯރާ އެ އަތްތިލައިން ލޭ ފޮހެލުމަށްފަހު ކަފަކޮޅަކުން އިނގިލީގެ ހުޅުތަކުގައި އޮއިންޓްމެންޓެއް ހާކާލައިފިއެވެ. ވަރަށް ސަމާލުވެ އިނދެ އޭނަ ކައިލްގެ އަތުގައި ބެންޑޭޖް އޮޅަމުން ދިޔައެވެ. އެވަރުންވެސް ނޯރާގެ އަތްތިލަ ކިރިޔާ ބީހިލުނުކަމެވެ. ކައިލްގެ ހަށިގަނޑުގައި ވިދުވަރުގެ އަލި ދަތުރުކުރިފަދައެވެ. ވަގުތުން މީހާ ޕެރެލައިޒްވާގޮތްވިއެވެ.

"ސޮރީ..." ނޯރާގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ.

"ދެއަރ.. ދެޓްސް ބެޓާ..."

ނޯރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވުނެވެ. ހީވީ ލޭބާރ މަސައްކަތެއްކޮށް ނިމުނުހެންނެވެ. ކައިލްގެ އަމިއްލަ އަތަށް ހުއްޓުނު ނަޒަރު ނޯރާގެ މޫނަށް ދަތުރުކުރިއެވެ. ނޯރާގެ ހުނަރު އެބަހުއްޓެވެ. ކޮންމެވެސް ދުވަހަކުން އޭނައަށް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެވިދާނެއެވެ. އޭނަގެ ހުވަފެނަކީވެސް އެއީކަމުގައި ބުނެފައިވިއެވެ.

"ދަމާ...." ކައިލް ތެދުވަމުން މަޑުމަޑުން ކިޔައިލިއެވެ. އޭނައަށް އެވަގުތު ނޯރާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަތަން ފެނުނެވެ. އޭނަ އިތުރު އެއްޗެކޭ ބުނެފާނެކަމުގެ އުއްމީދުގައި ހުރެ ބޭނުންވިގޮތަކަށް ނުވުމުން ކުލަ އޮއްސިގެންދާފަދައިންނެވެ.

"މި ވާހަކަ އަހަން ލަސްވެއްޖެކަން ނޭގޭ. އަތްތިލައަށް ކިހިނެއްވީތަ؟ މާމަގެ ލޮލަށް ތި މަންޒަރުތައް ފެންނާނެނަމަ ހާދަހާ ވާ ދެރަވާނެއޭ. ކޮންމެ ދުވަހަކުހެން ހަށިގަނޑުގެ ކޮންމެވެސް ތަނަކުން އެފަދަ ޒަޚަމެއް ފެނޭ..." ހިމޭނުން އިންނަން އުދަގޫވުމުން ނޯރާ ގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ." އަދިވެސް ފަސޭހަނުވާ ޒަޚަމެއް ތުންފަތުގައި.. ކަނދުރާގައި. އަދި ބުމަމަތީގައި..."

"ތިހާ ހުސް ވަގުތު އޮތިއްޔާ އަހަރެންގެ ހަށިގަނޑު އެގްޒެމިން ކުރުން ހުއްޓާލާފައި މެޑިކަލް ސްކޫލަށް ވަދެވޭތޯ ބަލަން ކިޔެވުން ރަގަޅެއް ނުވާނެތަ؟"ކައިލްގެ އެ ޖުމްލައިން ނޯރާ ރަކިވެ މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ.

"މާމައަށް މާ ބޮޑު ކަމެއް ދިމާނުވިކަން ނަސީބެއް. އެހާ ސްވީޓް ލޭޑީއެއް..އެނގޭތަ؟ މާމަ ކައިލް ކުޑައިރުގެ ވާހަކަތައް އަހަންނަށް ކިޔައިދޭ.." ނޯރާ ހީލީ ޒާފިރާއާއިމެދު ވިސްނައިލަމުންނެވެ. ޒާފިރާއަކީ އަމިއްލަ މާމަގެ ގޮތުގައި މިހާރު ދެކެވެއެވެ. އާދައިގެ މަތިން ގެއާއި ހަމަޔަށް ދާންދެން ނޯރާ ރަބަ ގޯންޏެކޭ ތަފާތެއްނެތެވެ. އެއްފަހަރުވެސް އަނގަ ތެޅުން ހުއްޓާނުލައެވެ.

"ނޯރާ؟" ނޯރާ ކޮޓަރިއަށް ވަންނަން ދިމާކޮށްލިތަނާ ކައިލްގެ އަޑު ފަހަތުން އިވުނެވެ.

"ހޫމް؟"

"ތޭންކްސް.." ބެންޑޭޖްކޮށްފައިވާ އަތް ހިއްލައިލަމުން ކައިލް އެ ބުނެލި ޖުމްލަ ނޯރާގެ ކަންފަތަށް އިވުނީ އެތަނުގައިވި ފުން ހިމޭންކަމުގެ ސަބަބުންނެވެ. އެހާވެސް މަޑު އަޑެކެވެ. އޭނައަށް ކޮޓަރިއަށް ވަދެ ހިނިތުންވެލެވުނެވެ. ނިދަން އުޅެގަތްއިރު ވިސްނުނީ އެ ހަލަބޮލި ދުވަހުގެ ސަބަބުން އޭނަ އެރޭ ކާންވެސް ހަނދާން ނެތްކަމެވެ. ބަނޑުހައިކަން އޭނަ ނިދީގެ ފޮނި އަރާމު ލިބުނަކަ ނުދިނެވެ. ކޮންމެވެސް ސަބަބަކާއިހެދި ކައިލްވެސް އޭނަގެ ޚިޔާލީ ގަނޑުވަރުން ޖާގަ ހޯދައިފިއެވެ. ކައިލް ބިރުން ރޫރޫ އަޅަ އަޅާހުރެވެސް މާމަ އުފުލިގޮތެވެ. ހަފެފޯބިއާގެ ސަބަބުން ހޭވެރިކަން ނުގޮސް ކިރިޔާ ހުރިކަމެވެ. އޭނަގެ އަތް ބެންޑޭޖްކުރަމުން ދިޔައިރު ނޯރާއަށް ބަލައިލި ގޮތެވެ. އެންމެ ސިކުންތިކޮޅަކަށްވެސް އެ ނަޒަރު އަތުން ކައްސާނުލިއެވެ. ތޫނު ބެލުމެކެވެ. އެލޮލުން އޭނައަށް ފެނުނީ ބިރު ހެއްޔެވެ؟ އޭނަ ބޭރުފުށުން ދައްކައި އުޅޭ ހިތެއްނެތް ޝަޚުސާއި އަރައިރުންވާފަދަ މައުސޫމްކަމެއް ފެނުނެވެ. ޚުދު ނޯރާވެސް އޭނަ ހިމާޔަތްކުރަން ބޭނުންވާފަދަ ގޮތެއް އެލޮލުގައިވިއެވެ. އޭނަ ކިޑްނެޕްކުރަން އުޅެނިކޮށް ކައިލް އޭނަ ސަލާމަތްކޮށްދިނެވެ. ކައިލް އޭނަގެ ފުރާނަ ސަލާމަތްކޮށްދިނީއެވެ. އެކަމަކު ސަލާމަތްކުރުމުގެ ތެރޭ ނޯރާގެ ގައިގާ އަތްލާން ޖެހިއްޖެ ހާލަތެއްގައި ކައިލް އޭނަގެ ގައިގާ އަތްލާނެ ބާވައެވެ. ކައިލް އެހާ ބޮޑު ނަފްސާނީ ބިރުވެރިކަމަކަށް އޭނައާއިހެދި ފުންމައިނުލާނެއެވެ. ކުއްލިއަކަށް ނޯރާ ހަނދާންވީ އޭނަ ބޭކަރީ ތެރެއަށް ވެއްޓުނު ދުވަހު ކައިލް ފަހަތަށް ޖެހިލި މަންޒަރެވެ. އެކަމުގެ ސަބަބުން އަތުގެ ކުޑަހުޅަށް ތަދުވިއެވެ. އެގޮތަށް ވިސްނިވަރަކަށް ހިތްދަތިކަމާއި މޮޅިވެރިކަން އޭނަ ވަށައިލާ ހިތްދަތިކުރުވިއެވެ. މިފަދަ ޚިޔާލުކުރުމަކީ ރަގަޅުކަމެއް ނޫންކަން އޭނަ ދަނެއެވެ. އެންމެ ރަގަޅީވެސް ކައިލް އެގޮތަށް ދުރުމިން ބެހެއްޓުމެވެ. ވީހާވެސް ދުރުން އުޅުމެވެ. އެކަމަކުވެސް އޭނަގެ ހިތް ފެންބޮވަނީ ނުލިބޭނެ އެއްޗަކަށެވެ.

ނޯރާ ބޯ ހޫރުވާލައިފިއެވެ. އޭނަ މިވިސްނަނީ ކޯނޗެއް ހެއްޔެވެ؟ މަޑުމަޑުން ބަނޑުގައި ފިރުމައިލެވުނެވެ. ކައިލް ހުރީ ކައިގެން ހެއްޔެވެ؟ ފަހަރެއްގައި އޭނަ ފަދައިން ކައިލްވެސް މިރޭ ހުރީ ހުސް ބަނޑާ ކަމަށް ނުވާނެހެއްޔެވެ؟ އެންމެފަހުން އެނދުގައި ނޯވެވިގެން ތެދުވެ ލޯގަނޑުން މޫނު ބަލާލައިފިއެވެ. ޓާޓްލްނެކް ސްވެޓަރ ގައި އަތް ކާއްތާލާ ރޫތައް ފިލުވައިލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ. އޭނަ އިސްތަށިގަނޑު ދޫކޮށްލަންވީހެއްޔެވެ؟ ރީތީވެސް އެގޮތަށް އޮތީމައެވެ. އަދި ހެދުންވެސް ބަދަލުކޮށްލަންވީއެވެ. މިހެދުން ލުމުން ބައްޓަމެއްނެތް ހަށިގަނޑެއްފަދައެވެ. ހިތަށް ވެރިވެގަތް ޚިޔާލުން އުދަގޫވެ އަމިއްލަ ކޯތާފަތުގައި ޖެހިއެވެ. އޭނައަކީ މާތް އަންހެންކުއްޖެކެވެ. މިފަދަ ޚިޔާލުތައް ކޮށް އުޅުނު ކުއްޖެއްވެސް ނޫނެވެ. ވަގުތުން އެ ޚިޔާލުތައް ނެރެ އެއްލައިލުމަށްފަހު ކޮޓަރިން ނިކުންނާން ހިނގައިގަތެވެ.

ކައިލްގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ނޯރާއަށް އެކަން ތަފާތުކަމަކަށްވިއެވެ. ކައިލް ނިދަން ވަންނަނީ ދޮރު ތަޅުލައިގެންނެވެ. އޭނަ މަޑުމަޑުން ދޮރުގައި އިނގިލިތަކުން ތަޅާލުމުންވެސް ޚަބަރެއްނުވިއެވެ. ނިދަނީ ބާވައެވެ. އޭނަ ސިއްރުން އެތެރެއަށް ބަލައިލިއިރު ކައިލް ފެންނާކަށް ނެތެވެ. ކައިލް ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭނަ ގާތު ނުބުނެ އެހެން ދިޔައީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ކައިލް އެހާ ގިނައިރުވަންދެން ބޭރުގައި އެ އުޅެނީ ކީއްވެހެއްޔެވެ؟ އެއީ ހަމަ ސިއްރުން ފުރިގެންވާ ކަމެކެވެ. ޔަގީނެވެ. އަތުގެ ހުޅުތައް ޒަޚަމްވީވެސް ކޮންމެވެސް ތަޅާފޮޅުންގަނޑެއްގެ ތެރޭގައެވެ. ވަޒީފާގައި ނެތިއްޔާ އެއުޅެނީ ކޮންކަމަކާއިގެން ހެއްޔެވެ؟ ނޯރާގެ ހިތުގައި ސުވާލު ފުނިޖެހެމުން ދިޔަ ވަރަކަށް ހިތަށް ބާރުބޮޑުވިއެވެ. ކައިލް ގޭގައި ނޫޅޭކަން ޔަގީންވެ އޭނަ އެކަނިކަން ހިތަށް އެރުމުން ބިރުވެސް ގަންނާންފެށީ ވަކިގޮތަކަށް ނޫނެވެ. އޭނަ ނޫޑުލްސް ކެއީ އެއްވެސްވަރަކަށް ގަޔާވެގެނެއް ނޫނެވެ. ކައިނިމިގެން ކޮޓަރިއަށް ދިޔައިރުވެސް އޭނަ ހުރީ ހިތްދަތިވެ ބިރުގެންފައެވެ. އޭނަ ނިދީ އެއްލޯ ހުޅުވައިގެން އޮވެއެވެ.

***

ފަޖުރުގެ އަލިކަން ފައުޅުވުމާއެކު އޭނަ ތެދުވެ ނަމާދުކުރަން ފެށިއެވެ. ކުޑަކޮށް ނިދުމުންވެސް ނިދި ފިލާ ހަމަޖެހުނެވެ. ކައިލް އެނބުރި އައިތޯ ބަލަން އެކޮޓަރިއަށް ވަންއިރު އަދިވެސް އޭނަ ގެއަށް އައިކަމުގައި ނުވިއެވެ. އެ ކޮޓަރީގައި ރަސްކަންކުރަނީ ހިމޭންކަމެވެ.އިރުގެ އަލި ކޮޓަރިތެރެ ދިއްލާ އުޖާލާކޮށްލުމުން ނިކަން ސާފުކޮށް ހުރިހާ ތަނެއް ފެނުނެވެ. އެންމެ ހިރަފުސްކޮޅެއް ނެތް ސާފުކަމުގެ ކޮޅެއްނެތް ކޮޓަރިއެކެވެ. އެންމެ އަޖައިބުކުރުވަނިވި އެއްޗަކީ ފާރުގައި ހުރި ތަސްވީރުތަކެވެ. ޗެރީ ބްލޮސޮމްސް ޚަރީފުގެ މަންޒަރުތައް، ފިނިމޫސުމް އަދި މީހުން މެސްމެރައިޒް ވާފަދަ ގޮތަކަށް ކުރަހާފައިވާ ޖަންގަލީގެ މަންޒަރުތަކެވެ. ކުދި ކުދި ކަންތައްތައްވެސް ފާހަގަކޮށްފައި ހުރި އެ މަންޒަރުތައް ހަގީގީ މަންޒަރެއްފަދައެވެ. މި ތަސްވީރުތައް އަގުބޮޑުވާނެކަމާއިމެދު ޝައްކެއް ނެތެވެ.

ކައިލްއަކީ ކުރެހުންތެރިއަކީ ހެއްޔެވެ؟އެތަނުން ވަކި ތަސްވީރެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. އަދި އެތައް އިރެއްވާންދެން ލޯ ވަކިނުކުރެވި ބަލަން ހުރެވުނެވެ. އެއީ ގެއެއްގެ އިންޓީރިއާ ޑިޒައިންއެވެ. އޭނައަށް އެ ގެ ފެނުނީ ކޮންތާކުން ހެއްޔެވެ؟ މަޖައްލާއަކުން ހެއްޔެވެ؟

އޭނަ ކައިލްއަށް ގެނެސްދިން ނޫޑުލްސްތަށި އަތްނުލާ އެހުރިގޮތަށް ހުރިތަން ފެނި އޭނަ ޑަސްބިނަށް ލިއެވެ. އަދި ހެދުނު ނާސްތާއަށް އެއްޗެއް ތައްޔާރުކޮށްލުމަށްފަހު ޒާފިރާއަށްވެސް ނާސްތާހެދިއެވެ. އޭނަ ނެތިސް ކައިލް އަތުވެދާނެކަމަށް ބަލާ ކައިލްއަށްވެސް މޭޒުމަތީގައި އެއްޗެއް ބެހެއްޓިއެވެ. އެކަނިމާ އެކަނި ހޮސްޕިޓަލަށް ދާން މިސްރާބުޖެހިއެވެ.

***

ނޯރާ ހޮސްޕިޓަލުގެ ވޯޑަށް ވަދެވުމާއެކު އެންމެ ކުރިންވެސް ލޮލުގައި އަޅައިގަތީ ކައިލްއެވެ. ހުދުކަމުގެ ތެރެއިން ކަޅުކުލައިގެ ޓީޝާޓު ފައުޅުވިއެވެ. އޭނަ އިނީ ޒާފިރާގެ އެނދުގެ ފައިލާކޮޅުގައި މާމަގެ ފައިކައިރީ ބޯ ޖައްސާލައިގެން ގޮނޑީގައެވެ. ކައިލް ގޭގައި ނެތުމުން އޭނަގެ ޚިޔާލު ނުބައި ދިމާލަށް ދިޔައީތީ އަމިއްލަ ނަފުސަށް އަޑުލައިގަތެވެ. ކައިލް ރޭ ހަތަރުދަމު އިނީ އޭނަގެ މާމަގެ ޚިދުމަތުގައެވެ. އޭނައަށް ކައިލްއާއި ގަޔާ ނުވެވޭންވީ ކީއްވެހެއްޔެވެ؟ އޭރު ޒާފިރާ ހޭލައިފިއެވެ. ނޯރާ މާމަގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތުގައި ހިފެހެއްޓީ އޯގާތެރިކޮށެވެ.

"މާމާ މިއީ ނޯރާ.." ނޯރާ ގުދުވެ ޒާފިރާގެ ކަންފަތުގައި އަނގަ ޖަހާލާފައި ނިކަން މަޑުމަޑުން ބުނެލިއެވެ.

"އަނާ......" ޒާފިރާގެ ހިނިތުންވުމުން އެ ރޫޖެހިފައިވާ މޫނުގެ ވިދުން އިތުރުވިއެވެ. އޭނަ ނޯރާގެ ދެއަތުގައި ހިފެހެއްޓިއެވެ. ނޯރާ ކަމަކަށް އެދޭނަމަ އެއި ޒާފިރާގެ ލޮލުގެ ފެނުން އަނބުރާ ދެއްވުމެވެ. އަނދިރިކަމާއި ކަޅުކަން ނޫން އެހެން އެއްޗެއް ނެތް ދުނިޔެއެއްގައި ކިހާ އެކަނިވެރިކަން އިހުސާސްކުރެވޭނެ ހެއްޔެވެ؟ ނަރުސްކުއްޖާ މާމަ ފުރޮޅުލީ ގޮނޑިއަށް އަރުވަން އެހީތެރިވެދިނެވެ. ޑޮކްޓަރ އިރުޝާދުދެއްވީ ދުވަސްކޮޅެއްވާންދެން ފަޔަށް އަރާމު ދިނުމަށެވެ. ޒާފިރާ ބޭނުންވީ އެތަނުން ނުކުތުމަށެވެ. އަނދިރިވިޔަސް ހާމަ ވައިގެ ތެރެއަށް ނުކުމެވުމުން އެކުރެވޭ އިހުސާސް ޒާފިރާއަށްވެސް އެނގެއެވެ. ގުދުރަތީ ވަހާއި އޭނަގެ ހަމުގައި އިރުގެ އަލިކަން ބީހުމުން ކުރުވާ އިހުސާސެވެ. ނޯރާ ޒާފިރާ ގާތު ކައިލް ރޭ މާމަގެ ކައިރީ އިނދެފައި މިހާރު އެނދުގައި ބޯ އަޅާލައިގެން ނިދާލާފައި އޮތްކަމުގައި ބުނެލިއެވެ. ޒާފިރާ ބުނީ އޭނައަށް އެނގޭކަމުގައެވެ. ދަންވަރު ހޭލެވިގެން އޭނަ ކައިލްއާއި ވާހަކަދައްކަން އިންކަމުގައެވެ. ޒާފިރާ ބުނީ ކައިލް އޭނައާއި އެހާ ގިނައިރުވަންދެން ވާހަކަދައްކަން އިނުމުން ނިދުނީކަމަށާއި ހޭލައްވާނުލުމަށެވެ. ޒާފިރާއާއި ކައިލްގެ އޮތީ ކޮންފަދަ "ސްވީޓް" ގުޅުމެއް ހެއްޔެވެ؟ ނޯރާގެ ހިތަށްވެސް ހޫނުވެލިއެވެ. ނޯރާ ޒާފިރާއަށް ކިޔައިދެމުން ދިޔައީ ބޭކަރީގެ ވާހަކައެވެ. މީހުންނާއި ދުރުން އުޅޭއިރުވެސް ހިތްހެޔޮވާހަކައެވެ. ހޮސްޕިޓަލްގެ ހޯލުން ގޮނޑި ދުއްވަމުން ނޯރާ ކުރިއަށް ދިޔައީ ނިކަން ބަލައިގެންނެވެ.

***

"ނޯރާ......" ދަންނަ އަޑެއް ކަންފަތުގައި ޖެހުމުން އޭނަ އެނބުރި ބަލައިލިއިރު އައިޒަކްއެވެ. އައިޒަކްގެ މާމަވެސް ގާތުގައި ހުއްޓެވެ. އެމީހުންނާއެކު ޕްރޮފެސަރުންނާއި ހޮސްޕިޓަލުގެ ޑިރެކްޓަރެވެ.

"މާމާ..އެއީ އަޅުގަނޑުމެންގެ ޓެކްސީ ޑްރައިވަރުގެ ދަރިފުޅު.....ހައި ޖަހާލާފައި އަންނާނަން...." އައިޒަކް އެދިމާލަށް ހިނގައިގަތެވެ.

"މިތާ ކީއްތިކުރަނީ؟" ނޯރާ ސުވާލުކުރިއެވެ. އައިޒަކް ބުނީ މާމައާއެކު އައީކަމުގައެވެ. މާމައަކީ ހޮސްޕިޓަލުގެ ފައުންޑަރުންގެ ތެރޭ ހިމެނޭމީހެކެވެ. އަދި ވިޔަފާރީގެ ކަންތައް ހިނގާގޮތް ދެނެގަންނަން އައި އައުމެއްކަމުގައެވެ. އެވަގުތު ޒައިނަބްވެސް އެދިމާލަށް އައިއިރު އޭނަގެ ލޯ ހުއްޓިފައިވަނީ ޒާފިރާއަށެވެ. ޝޮކެއް ލިބިފައިވާފަދަ ބެލުމެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު