ބީއެމްއެލްއާއި ނޯ ޕްލާސްޓިކް މޯލްޑިވްސްއިން ރަށްރަށަށް ފޮތި ކޮތަޅު ތައާރަފު ކުރަނީ

"އުޅުމަށް ބަދަލު" ކެމްޕޭނުގައި ރަށްރަށަށް ތައާރަފު ކުރާ ފޮތި ކޮތަޅު--

ބީއެމްއެލްއާއި "ނޯ- ޕްލާސްޓިކް މޯލްޑިވްސް" ގުޅިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ޓަކައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

"އުޅުމަށް ބަދަލު" ނަމަކަށް ކިޔާ އެ ކެމްޕޭނުގެ ދަށުން ބީއެމްއެލްއާއި ނޯ ޕްލާސްޓިކް މޯލްޑިވްސްއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފޮތިކޮތަޅު ތައާރަފު ކުރަން ވަނީ ނިންމާފައެވެ.

އެ ކެމްޕޭންގައި ބޭނުންކުރާ ފޮތި ކޮތަޅު ތައާރަފު ކުރަން ބީއެމްއެލްގައި ކުޑަ ހަފުލާއެއް ވަނީ ބާއްވާފައެވެ. އެ ހަފްލާގައި ފޮތި ކޮތަޅު ތައާރަފު ކޮށްދެއްވީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ރައީސް އަހްމަދު ނުއުމާނާއި ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރު އައިޝަތު ޒަމްރާއެވެ.

"އުޅުމަށް ބަދަލު" ކެމްޕޭނުގައި ބޭނުން ކުރާ ފޮތި ކޮތަޅު ތައާރަފު ކުރުން--

އެ ހަރަކާތުގެ ދަށުން ރާއްޖޭގެ 10 ރަށަކަށް ފޮތި ކޮތަޅު ތައާރަފު ކުރަން ވަނީ ނިންމާފައެވެ. އެއީ ކ. ދިއްފުށި، ނ. މާފަރު، ނ. ވެލިދޫ، އައްޑޫ ސިޓީ ހިތަދޫ، ކ. މާފުށި، ކ. ގުރައިދޫ، ދ. ކުޑަހުވަދޫ، އއ. ރަސްދޫ، އއ. އުކުޅަސް އަދި ލ. ގަމެވެ.

އެ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް ބީއެމްއެލްއިން ދެ ފަހާފޮށި ހަދިޔާ ކުރާނެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އެހީގައި ފޮތި ކޮތަޅު ފެހުމަށްފަހު ވިއްކޭނެ ނުވަތަ ހިލޭ ބެހޭނެ އިންތިޒާމު ވެސް ހަމަޖައްސާނެއެވެ.

އެ ކެމްޕޭނާ ގުޅޭގޮތުން ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ރައީސް އަހްމަދު ނުއުމާން ވިދާޅުވީ، ބީއެމްއެލްއާއެކު މި ޕްރޮގްރާމު ހިންގުމުގެ ބޭނުމަކީ ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކާ ދުރުވާނެ ގޮތެއް ގާއިމު ކުރުން ކަމަށެވެ.

އެ ޖަމިއްޔާގެ "އުޅުމަށް ބަދަލެއް" ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ކަންކަން ކުރުމަށް ވެސް ވަނީ ރާވާފައެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސްއަކީ ރާއްޖޭގައި އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ.

comment ކޮމެންޓް