ކަނޑަށް ވެއްޓުނު ޒުވާނަކު ފަތާފައި ކާށިދޫއަށް އަރައިފި

ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައި --- -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން ކަނޑަށް ވެއްޓުނު ޒުވާނަކު ފަތާފައި ކ. ކާށިދޫއަށް އަރައިފިއެވެ.

ފުލުހުން ބުނީ, ބ. އަތޮޅަށް ދަތުރުކުރި ބޯޓެއްގައި ހުރި 22 އަހަރުގެ ޒުވާން ފިރިހެނަކު, ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު ހެނދުނު 11:00 ޖެހިއިރު ރިޕޯޓްކުރި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލުނީ ކާށިދޫއާ ހަ ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ނަމަވެސް ކަނޑަށް ވެއްޓުނު ޒުވާނާ ހޯދަމުން ދަނިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފަތާފައި ކާށިދޫއަށް އަރާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވަޔާއި ކަނޑު ގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

އެގޮތުން, ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ހާދިސާއެއްގައި މަންމަ އަކު މަރުވެ އޭނާގެ ކުޑަ ފިރިހެން ކުއްޖަކު ކަނޑަށް ގެއްލިފައިވެއެވެ. އަދި މިއަދު މާލޭ ވަޅޯމަސް މާރުކޭޓު ކައިރީ، ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވައި ގަދަވެ، މޫދަށް ވެއްޓި، މަރުވެފައިވެއެވެ.

comment ކޮމެންޓް