ޗައިނާ ސިއްރިޔާތުގައި ތަޖްރިބާކުރި ހައިޕާ ސޮނިކް މިސައިލަކުން އެމެރިކާއަށް ސިހުން

ޗައިނާ އާއި ރަޝިއާ ގެންދަނީ މުޅިން އައު ޖަނަރޭޝަނެއްގެ ހައިޕާ ސޮނިކް މިސައިލް ތަރައްގީ ކުރަމުން

އެމެރިކާއިން ޗައިނާ ކޮންޓެއިން ކުރުމަށްޓަކައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ގުޅިގެން ދެކުނު ޗައިނާ ކަނޑާއި ޖަޕަން ކަނޑުގައި އަސްކަރީ ހަރަކާތްތައް ކުރިޔަށް ގެންދަން ރާވަމަވުން ގެންދަނިކޮށް އަޑަށްވުރެ ފަސްގުނައަށް ބާރަށް ދަތުރުކުރާ (ހައިޕާ ސޮނިކް) މިސައިލެއް ދާދިފަހުން ޗައިނާގެ އަސްކަރިއްޔާއިން ވަނީ ތަޖްރިބާކޮށްފައެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ އަސްކަރީ މަސްދަރަކާ ހަވާލާދީ ގްލޯބަލް ޓައިމްސް އިން ބުނިގޮތުގައި ޗައިނާއިން ތަޖްރިބާކުރީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާގެ ހައިޕާ ސޮނިކް ބަލިސްޓިކް މިސައިލެކެވެ. ޗައިނާއިން މި މިސައިލް ތަޖްރިބާކުރިކަން އެމެރިކާގެ އަސްކަރިއްޔާއަށް އެނގު ކަމަށްވަނީ އެ މިސައިލް ފަޒާގެ ތިރީ އޯބިޓެއްގައި ދަތުރުކުރަމުން ދަނިކޮށް އެމެރިކާގެ ރާޑަރުތަކަށް އެރުމުންނެވެ.

ޗައިނާގެ ސިއްރު މިސައިލް ތަޖްރިބާއިން އެމެރިކާއަށް ސިހުން

އެމިސިލް އުދުއްސާލި އިރުވެސް އަދި އުދުއްސާލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދިޔައިރުވެސް ޗައިނާގެ މަތިން ފަޒާގައި ދަތުރުކުރާ އެމެރިކާގެ ޖާސޫސީ ސެޓަލައިޓްތަކަށާ އަދި ޗައިނާގެ އަވަށްޓެރި ޖަޕާނާއި ދެކުނު ކޮރެޔާގައިވާ އެމެރިކާގެ ރާޑަރުތަކަށާ އަދި ދެކުނު ޗައިނާ ކަނޑާއި ޖަޕާން ކަނޑުގައި ޗައިނާގެ ހަރަކާތްތަކަށް ފާރަލުމަށް ޓަކައި ބުރުޖަހަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ރާޑަރުތަކަށްވެސް އެމިސައިލްގެ އެއްވެސް ހަރަކާތެއް ރޭކާލާފައިނުވާކަމަށް ލަންޑަންގައި ނުކުންނަ ފައިނޭންޝަލް ޓައިމްސްއިން ބުނެފައިވެއެވެ.

ނަމަވެސް ޗައިނާގެ މިސައިލް ފަޒާގެ ތިރީ އޯބިޓެއްގައި ދަތުރުކުރަން ފެށުމާއެކު އެމެރިކާގެ އެތަށް ރާޑަރުތަކަށް އެމިސައިލް އެރިއެވެ. މިއާއެކު އެމެރިކާ އެމިސައިލްއަށް ފާރަލަންފެށި ކަމަށާ އަޑަށް ވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ އެ މިސައިލް ފަޒާގައި ދާންޖެހޭ ހިސާބަށް ވާސިލްވުމަށްފަހު ވެއްޓުނީ އެ މިސައިލް ވައްޓލުމަށް ޗައިނާގެ އަސްކަރިއްޔާއިން ކަނޑައެޅި ތަނަށްވުރެ ވުރެ 20 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދަކަށް ކަމަށް ނަންހަމަކުރަން ނޭދޭ އެމެރިކާ މަސްދަރާ ހަވަލާދީ އެނޫސް ބުނެފައިވެއެވެ.

ޗައިނާ އަށް ބާރު ދެއްކުމަށް ޓަކައި ދެކުނު ޗައިނާ ކަނޑަށް އެމެރިކާ ފޮނުވާފައިވާ އަސްކަރީ މަނަވަރުތައް

ޗައިނާގެ މިސައިލް ވައްޓާލަން ޗައިނާގެ އަސްކަރިއްޔާއިން ކަނޑައެޅި ސަރަހައްދު އެމެރިކާ ދެނެގަތީ ކިހިނެތްކަން އެމެރިކާގެ އަސްކަރީ މަސްދަރުން ބުނެފައެއް ނުވެއެވެ. މިސައިލް އާބެހޭ ތަހްލީލީ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ މިތަޖްރިބާގެ ހަގީގަތް މިސައިލް އުދުއްސާލުމުގެ ކުރިންނާ އަދި އުދުއްސާލިވަގުތު އެމެރިކާއަށް ރޭކާ ނުލުމަކީ އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީގެ ގާބިލްކަމަށް ފަންނީ ގޮތުންކުރިމަތިވި ވަރުގަދަ ގޮންޖެހުމެކެވެ.

ޗައިނާގެ މިސައިލްގެ ހަގީގަތް ފޮރުވުމަށް ޗައިނާ ބޭނުންކުރި ޓެކްނޮލޮޖީ އެއް އެމެރިކާއަށް އަދި ދެނެގަނެވިފައިނުވާކަމަށާ މިއީ އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކުގެ އަލީގައި އެމެރިކާއަށް އަންދާޒާ ކުރެވިފައިވާ ވަރަށްވުރެ ބޮޑަށް ޗައިނާގެ އަސްކަރީ ޓެކްނޮލޮޖީ ކުރިއަރާފައިވާކަމުގެ ހެއްކެއްކަމަށް މިކަމާބެހޭ ތަހްލީލީ ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ހައިިޕާ ސޮނިކް ޓެކްނޮލޮޖީއާމެދު އެމެރިކާގެ ކަންބޮޑުވުން

ޗައިނާއިން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދާ މިންވަރު އަވަސްކަމުން އެމެރިކާއަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެމެރިކާގެ ކަންބޮޑުވުން އިތުރުވަމުންދަނީ އެމެރިކާގެ އިގްތިސާދީ ދުވެލި ދަށަށްދާއިރު އެމެރިކާގެ ބިޔަ އަސްކަރިއްޔާ މިހާރުއޮތް ލެވެލްގައި ހިފެހެޓުމުގެ ގާބިލްކަން އެމެރިކާގެ އިގްތިސާދުގައި ނުހުންނާނެކަން ޔަގީންވާތީއެވެ.

ޗައިނާއިން މިދިޔަ އަހަރު ޖައްވަށް ފޮނުވާލި ލޯންގްމާޗް ބީ 3 މަރުކާގެ މިސައިލް ޖައްވުގައި ދަތުރުކުރަނީ

ޗައިނާގެ އިގްތިސާދު ދުވަހެއް ދުވަހަކަށް ވަރުގަދަވެ އެއާ އެއްހަމައެއްގައި ޗައިނާއިން އަސްކަރީ ޓެކްނޮލޮޖީ ވެސް ތަރައްގީކުރަމުން ގެންދާއިރު މުސްތަގްބަލްގައި އެމެރިކާއަށް މިބެލެންސް ނުގެންގުޅެވޭނެތީއެވެ. ޗައިނާގައި އަސްކަރީ ގާބިލްކަމާއި އިގްތިސާދު ބެލެންސްވެފައި ކައިރި މުސްތަގްބަލެއްގައި އެމެރިކާއަށް މިބެލެންސް ގެއްލިދާނެތީއެވެ. އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ރަޝިއާ މިހާރުވަނީ އައު ޖަނަރޭޝަނެއްގެ ހައިޕާ ސޮނިކް މިސައިލް އުފެއްދުމަށްފަހު އެތަކެތި ތަޖްރިބަކުރަން ފަށާފައެވެ.

2027 ގައި އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުން ޗައިނާ ކުރިހޯދާނެ

ލަފާކުރުންތައް ދައްކާގޮތުން 2027 ވަނަ އަހަރު ނުވަތަ އެއަށްވުރެވެސް އަވަހަށް އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނަގެ އިގްތިސާދު ކުރިހޯދާނެއެވެ. މިއާއެކު ދުނިޔޭގެ ދެވަނަ އިގްތިސާދަށް އެމެރިކާގެ އިގްތިސާދު ވެއްޓިގެންދާނެއެވެ. ނަތީޖާއަކަށްވާތީ މިހާރު ޗައިނާގެ އަސްކަރީ ޚަރަދުތަކަށްވުރެ ތިންގުނަ ޚަރަދުބޮޑު އެމެރިކާގެ އަސްކަރީ ބަޖެޓް އެގޮތުގައި ބޭއްވުމަށް އެމެރިކާ ނުކުޅެދުމެވެ. އަދި އެމެރިކާއިން އަސްކަރީ ޚަރަދުތައް ކުޑަކުރަން އެމެރިކާއަށް މަޖްބޫރު ވުމެވެ.

އެެމެރިކާގެ ހަންފެތުރުމާއި އިސްތިއުމާރީ ހަރަކާތްތަކަށް ލޮޅުންއަރާނެ

މިއީ ދުނިޔެއަށް ބާރާއި ނުފޫޒުފޯރުވައި ހަންފެތުރުމަށްޓަކައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ އަމިއްލައަށް އަދާކުރަމުންގެންދާ ފުލުހެއްގެ ބައި އަދާކުރުމަށް ފުރަތަމަ ފަހަރަށް ނުކުޅެދޭ ހާލަތަކަށް އެމެރިކާ ދިޔުމެވެ. މިކަން މިގޮތަށް ވިޔަ ނުދިނުމަށް އެމެރިކާ ގެންދަނީ އެގައުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ. ޗައިނާ އިގްތިސާދީ އެއްވަނަ ބާރަށް ވިޔަސް ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުގެ ގޮތުގައި އަދި އަހަރުތަކެއް ވަންދެން އެމެރިކާ ދެމިއޮންނާނެއެވެ.

އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުންނާ އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީ ގެ ގޮތުން ޗައިނާ ކުރިހޯދި ނަމަވެސް ޗައިނާއަށް ގޮންޖަހާލެވޭ ބޮޑު ބާރެއްގެ ގޮތުގައި އެމެރިކާ ދެމިއޮންނާނެއެވެ. ނަަމަވެސް އެމެރިކާގެ އެތެރޭގެ މައްސަލަތައް މިހާރު ދާގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތައް އެމެރިކާއާ ވަކިވެ މިނިވަން ވުމަކީ ހިނގާފާނެކަމެކެވެ. މިހެންވެއްޖެނަމަ އެމެރިކާ ގެ ސައިޒާއި ބުރަދަން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

އެހެންގައުމުތަކުގެ ކުރިއެރުން އެމެރިކާ ސިފަކުރަނީ ހަމަނުޖެހުން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި

ޗައިނާއިން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކުރުން އެމެރިކާ ސިފަކުރަނީ ދުނިޔޭގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އަދި އެމެރިކާއިން ދުނިޔޭގައި އަސްކަރީ ބާރުގަދަކޮށް ދުނިޔޭގައި ހަންފެތުރުމަށް އެމެރިކާ އަމިއްލައަށް އަދާކުރާ ފުލުހެއްގެ ބައި އަދާކުރުމަކީ ދުނިޔޭގައި ހަމަޖެހުން ގާއިމް ކުރުންކަމުގައެވެ. ނަމަވެސް ކުރިއާ އަދި ފަހުގެ ތާރީޚަށް ބަލާއިރުވެސް ދުނިޔޭގެ ގައުމުތަކަށް އިސްވެ ހަމަލާދީ ގައުމުތަކާ ދެކޮޅަށް އުދުވާން ހިންގައި މިލިޔަނުން މީހުން މަރާފައިވަނީ އެމެރިކާއިންނެވެ. ޗައިނާއަކުންނޫނެވެ.

ޗައިނާގެ ނިއުކްލިޔާ ސަބްމެރިން އެއް

އިރާގާއި އަފްޣާނިސްތާނަށް އަރައިގަނެ އެދެގައުމުން އެތަށް މިލިޔަން ބަޔަކު މަރައި ހިންގި އުދުވާނަކީ މިކަމުގެ އަލިގަދަހެކިތަކެވެ. އަދި އިސްރާއީލުފަދަ ފަލަސްތީނުގައާއި ސޫރިއާއާއި ލުބްނާނަށް އިސްވެ ހަމަލާދީ އުދުވާން ހިންގައި މީހުން މަރައި ތަންތަން ހަލާކުކޮށް ހަމަނުޖެހުން އުފައްދަމުން ގެންދާ ނުރައްކާތެރި އިސްތިއުމާރީ ބާރުގެ ފަހަތުގައިވެސް އޮންނަ މައިގަނޑު ގައުމަކީ އެމެރިކާއެވެ. އިސްރާއީލުގެ އުދުވާނާއި ހަަލާތައް އެެއީ ހަމަނުޖެހުމެއްކަމަށް އެމެރިކާ ނުދެކޭއިރު އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތުރުކީއާއި އީރާން ފަދަ ގައުމުތަކުން އަސްކަރީ ޓެނޮލޮޖީ ތަރައްގީކުރަން އެގައުމުތަކުން ކުރާ މަސައްކަތްތައް އެމެރިކާ ސިފަކުރަނީ ހަމަނުޖެހުން އުފެއްދުމަށް ކުރާކަމެއްގެ ގޮތުގައެވެ.

ޗައިނާގެ މިސައިލާމެދު ބަސްބުނަން ޕެންޓަގަން އިންވަނީ ފަސްޖެހިފައި

ޗައިނާއިން ތަޖްރިބާކުރި އަޑަށްވުރެ ފަސްގުނައަށް ބާރަށް ދަތުރުކުރާ މިސައިލްގެ ހަގީގަތް އޭގެއެންމެ ކުރީކޮޅު ހޯދުމުގައި އެމެރިކާއަށް ކުރިމަތިވި މި ނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އެތަޖްރިބާއާމެދު އެއްޗެއް ބުނުމަށް އަދި ފަސްޖެހިފައެވެ. އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލްތައް ވަރަށް ގިނަ ގައުމުތަކުން އުފައްދައެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑު ފަސްބާރުގެ އިތުރުން އިންޑިއާއާއި ޕާކިސްތާން، އީރާން، އުތުރުކޮރެއާ، ދެކުނުކޮރެއާ، ޖަޕާން، އަދި އިސްރާއީލު، ބްރްޒީލް އަދި އާޖެންޓީނާ ވެސް ހިމެނެއެވެ. ތުރުކީވެސް މިހާރުވަނީ މިޓެކްނޮލޮޖީ ތަރައްގީކުރަން ފަށާފައެވެ.

ނަމަވެސް އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ މިސައިލް އުފެއްދެނީ މަދުގައުމަކަށެވެ. އެގައުތަކުގެ ތެރޭގައި އެމެރިކާއާއި ޗައިނާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑު ފަސްބާރު ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް