އިންތިގާލީ އިންސާފުގެ އޮފީހަށް 487 މައްސަލަ، ބަލަނީ 449 މައްސަލަ

އޮގަސްޓް 16، 2021: އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މީޫސާ

އިންތިގާލީ އިންސާފުގެ އޮފީހަށް 487 މައްސަލަ ހުށަހަޅާފައި ވާކަމަށާއި އޭގެ ތެރެއިން އެ އޮފީހުން ބަލަން ނިންމާފައި ވަނީ 449 މައްސަލައެއްކަން އިއުލާންކޮށްފިއެވެ.

އެ އޮފީހަށް ހުށަހަޅާފައިވާ 487 މައްސަލައަކީ މި އަހަރުގެ ޖޫން 13އިން މިދިޔަ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

އޭގެ ތެރެއިން އެންމެ ގިނައީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކާއި މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލައާއި، މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ 156 މައްސަލައެއްގެ އިތުރުން ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ހުށަހަޅާފައިވާ މައްސަލަ ތަކަކީ

  • އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ 26 މައްސަލަ
  • ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ
  • މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ
  • އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލަ
  • އިގްތިސާދީ އަދި އިޖުތިމާއީ ހައްގާ ގުޅޭގޮތުން 09 މައްސަލަ
  • ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ 07 މައްސަލަ
  • މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ
  • އުނގެނުމުގެ ހައްގާ ގުޅޭ 06 މައްސަލަ
  • އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލައެއްގެ
  • އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލަ

މީގެތެރެއިން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމާފައި ވަނީ 449 މައްސަލައެއް ބެލޭނެ ކަމަށެވެ. އަދި 26 މައްސަލައެއް ނުބެލުމަށް އެ އޮފީހުން ނިންމާފައިވެއެވެ.

މީގެ އިތުރުން އެއް މައްސަލައެއް އިންތިގާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާ އިރު ހަ މައްސަލައެއްގައި އިތުރު މައުލޫމާތު ހޯދުމަށް ނިންމާފައިވެއެވެ. އަދި އިތުރު ފަސް މައްސަލައެއްގެ ޝަރުއީ މަރުހަލާ ކުރިއަށްދާތީ، އެ މަރުހަލާ ނިމުމުން މައްސަލަ ހުށަހެޅުމަށް އެ އޮފީހުން ވަނީ އަންގައިފައެވެ.

comment ކޮމެންޓް