ކޮވިޑްގައި ތިނަދޫން ތިން މަހުގެ ކުއްޖަކު މަރުވެއްޖެ

ގދ. ތިނަދޫ

ކޮވިޑް ޖެހިގެން ގދ. ތިނަދޫން ތިން މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންްސް އޮފިސަރު ސާލިމް އަލީ "ސަން" އަށް ވިދާޅުވީ، މަރުވެފައި ވަނީ މިއަދު ހެނދުނު ފަހެއް ޖަހާކަންހާއިރު ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފިރިހެން ކުއްޖެއް ކަމަށެވެ.

އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށާއި އެއާއިލާގައި ކޮވިޑަށް ޕޮޒިޓިވް މީހުން އެބަތިބި ކަމަށް ސާލިމް ވިދާޅުވިއެވެ.

އެއީ ރާއްޖެއިން ކޮވިޑުގައި މަރުވި އެންމެ ހަގު ކުއްޖާއެވެ.

އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.

ރާއްޖެ އިން އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ.

ކޮވިޑް ޖެހިގެން މާލެ ސަރަހައްދުން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،287 އެވެ.

comment ކޮމެންޓް