އުސްފަސްގަނޑާ ދިމާލުން އޮޔާ ދިޔަ މީހަކު، ވާދޫ ކަނޑުން ސަލާމަތް ކޮށްފި

އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސް، ވާދޫ ކަނޑުން ސަލާމަތް ކުރި މީހާ -- ފޮޓޯ / އެމްއެންޑީއެފް

މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ދިޔަ މީހަކު، ވާދޫ ކަނޑުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހަނާ މުހައްމަދު ވިދާޅުވީ، އޮޔާ ދިޔަ މީހަކީ އެކަނި ބޯވަ ނަގަން ގޮސް އުޅުނު ދިވެއްސެއް ކަމަށެވެ.

ވާދޫ ކަނޑުގެ ތެރޭގައި ފަތަމުން ދަނިކޮށް އޭނާ ފެނުނީ އެވަގުތު އެ ސަރަހައްދުން ދަތުރު ކުރި ބަޔަކަށް ކަމަށް ހަނާ ވިދާޅުވިއެވެ.

ހަނާ ވިދާޅުވީ އެމީހާ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މިއީ މިއަދުގެ މިހާތަނަށް ހިނގި އެފަދަ ނުރައްކާތެރި ދެވަނަ ހާދިސާއެވެ.

އެގޮތުން މިއަދު ހެނދުނު މާލޭ ވަޅޯމަސް މާރުކޭޓު ކައިރީ މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި މަރުވެފައިވެއެވެ.

އެ ހާދިސާގައި މަރުވީ 59 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި ހާދިސާ ރިޕޯޓު ކުރީ މިއަދު ހެނދުނު 06:52 ގައި ކަމަށެވެ. އަދި އެ މީހާ މަރުވިކަން އައިޖީއެމްއެޗުން 07:20 ހާއިރު އެންގި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި، ކަނޑުގަދަވެ، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް