ބްލޮކް ވެރިންނަށް 1000 ރުފިޔާގެ އެލަވަންސަކާއެކު ކުރިމަތިލާން މުއްދަތު އިތުރުކޮށްފި

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ ހުރި އެންމެ އުސް އިމާރާތް--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ސިޓީގެ ބްލޮކްތަކުގެ ވެރިންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސެއް ދޭ ގޮތަށް ކަނޑައަޅަައި އަލުން އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މާލޭ ސިޓީ ކައުންސިލުން އިތުރުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށްކަމަަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް އަލުން ފުރުސަތު ހުޅުވާލާފައިވަނީ މަގާމަށް ހޮވުމުން އެލަވަންސެއް ދޭ ގޮތަށެވެ.

އެގޮތުން ކޮންމެ މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެންމެ ފުރަތަމަ މިގާމަަށް އެލަވަންސެއް ދޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅުމުން ކޮންމެވެސް އުޖޫރައެއް ދެވޭ ގޮތަށް ބަދަލުކުރުމަކީ ކައުންސިލްގެ އުންމީދެއް ކަމަށް މީގެ ކުރިން މުއިއްޒުވަނީ ވިދާޅުވެފައެވެ.

އަދި ގެޒެޓު ކުރެވޭ ގަވާއިދެއްގެ ދަށުން ބްލޮކްތަކުގެ ވެރިންނަށް ކަނޑައަޅާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބުގައި ބައިވެރިވުމަށް އެދޭ ފޯމް މާދަމާއިން ފެށިގެން ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބުގައި ބައިވެރިވެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުމުގެ އިތުރުން ވަށްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހުރި މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މީގެ އިތުރުން އެހެނިހެން ޝަރުތުތައްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައިވަނީ ފާހަގަކޮށްފައެވެ.

ބްލޮކުތަކަށް ވެރިން ހޮވަން ނިންމާފައިވާކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނުކޮށްފައިވަނީ މޭ މަހުގެ 24 ވަނަ ދުވަހެވެ.

ބްލޮކް ލީޑަރުން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯއާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް