އަޒުމަކަށް ހަދަންވީ އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް: އަޒުމަކަށް ހަދަންވީ އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު، ކޮންމެ މީހެއްގެ އަޒުމަކަށް މިއަދު ހަދަންވީ، މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމު ކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާ (ސއވ) ގެ އީދު މީލާދުގެ މުނާސަބާގައި، އެންމެހާ ދިވެހިރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެންމެހައި މުސްލިމް އަހުންނާއި އުހުތުންނަށް، ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

ކީރިތި ރަސޫލާ (ސއވ) ގެ އީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖްތަމައަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އެ މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެން ދިޔައީ، ފަރުދީ އިސްލާހީ ފިޔަވަޅުތަކުން، އުފެދުނު އިޖްތިމާއީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށާއި މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިސްލާހީ ފިޔަވަޅުތަކަކަށް ކަމުގައި ވިދާޅުވިއެވެ.

ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ގައުމުގެ ކުރިއެރުމާއި ތަރައްގީގެ އަސްލެއްގެ ގޮތުގައި، މުޖްތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ މިންވަރު ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އަދި އިސްލާޙީ ކޮންމެ ފިޔަވަޅެއް ފެށިގެންދަނީ ތިމާގެ އަމިއްލަ ނަފްސުންކަން، މާތް ނަބިއްޔާ އަމަލީ ގޮތުން ސާބިތުކޮށްދެއްވައިފައިވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވައިލެއްވި ކަމުގައިވިޔަސް، އެކަމެއްގެ އެންމެ ފުރިހަމަ ގޮތް، އެކަލޭގެފާނު އަމަލީ ގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމާއި ދުލުން އަނެކާގެ އަބުރާ ނުބެހުމާއި އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމާއި ތިމާގެ ހިތުގައި އަނެކާއާ މެދު ހަސަދަވެރިކަމެއް ނުބޭއްވުން ފަދަ ރިވެތި ސިފަތައް އަމަލުން ދައްކަވާފައިވާ ކަމުގައި އެ މަނިކުފާނުގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް