މަހުމޫދުގެ މަރު: ރޯކޮށްލި ސައިކަލު ފުލުހުން ގެންގޮސްފި!

މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތު ކުރާ މީހުން ދުއްވި ސައިކަލު -- ސަން ފޮޓޯ

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫޫދު އަބޫބަކުރު، މަރާލިކަމަށް އެ ރަށު ރައްޔިތުން ތުހުމަތު ކުރި ދެމީހުންގެ ސައިކަލު ރޯކޮށްލިތާ ތިން ދުވަސްފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ ތޮއްޑޫ ދެމީހަކަށެވެ. އެ ދެ މީހުންގެ ގައިގައި ތަޅައިގަންނަން އެ ރަށު ރައްޔިތުން މަހުމޫދު ފެނުމާއެކު ވަނީ ނުކުމެފައެވެ. އަދި ހަމަ އެ ދުވަހު އެ މީހުންގެ ސައިކަލުގައި ވަނީ ރޯކޮށްލައިފައެވެ.

ދަނގެތީގައި އެ މީހުން ބޭތިއްބުން ރައްކާތެރިކަމަށް ނުފެންނާތީ ފުލުހުންގެ ހިމާޔަތުގައި އެމީހުން ވަނީ ދަނގެތިން ބާލައިފައެވެ. އެ މީހުން އެހެން މައްސަލައެއްްގައި މިހާރު ބަންދުކޮށްފައި މިހާރު ތިބީ އެ އަތޮޅު މަހިބަދޫގައެވެެ.

ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސައިކަލު އަންދާލި ތަނުގައި މިއަދު އިރު އޮއްސުނު އިރު ވެސް އޮތް ކަމަށެވެ. އަދި އެ ސައިކަލު ގެންދިޔަތާ އަދި މާ ގިނައިރުތަކެއް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބެލެވޭ ގޮތުގައި ފުލުހުން އެ ސައިކަލު ގެންގޮސްފައިވަނީ ތަހުގީގަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އެ ސައިކަލު ފުލުހުން ގެންދިޔައީ ދަނގެތީ ޕޮލިސް ސްޓޭޝަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެކަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އެ ރަށު ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުންނަ ބަންގްލަދޭޝްގެ މުހައްމަދު ސާލިމެވެ.

comment ކޮމެންޓް