މަހްމޫދުގެ މަރު: ތަހުގީގުގެ ބޭނުމަށް ސާލިމް ގެއަށް ގެންގޮސްފި

ސާލިމް ދިރިއުޅޭގޭގައި ފުލުހުން ޓޭޕް ދަމާފައި --- ސަން ފޮޓޯ

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސާލިމް، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު ގެއަށް ގެންގޮސްފިއެވެ.

މަންޒަރުދުށް މީހުން "ސަން"އަށް ކިޔައިދިންގޮތުގައި ސާލިމް ދިރިއުޅޭ ނެދުންގެއަށް އޭނާ ވެއްދުމަށްފަހު ދެ އުދައްޔާއި މަށަންދައްޗެއް ވެސް ފުލުހުން އެގެއަށް ވެއްދިއެވެ.

އެނގިފައިވާގޮތުގައި 15 ދުވަހަށް ބަންދުކޮށްފައިވާ ސާލިމް އެގެެއަށް ވެއްދީ ތަހުގީގުގަށް ހޯދަންޖެހޭ ހޯދުންތަކެއް ހޯދުމަށެވެ. އެކަމަކު އެގެއަށް އުދައްޔާއި މަށަންދަތި ވެއްދި ސަބަބެއް ނޭނގެއެވެ.

މަހުމޫދުގެ މަރާ ސާލިމާ އޮތް ގުޅުމެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ. އެ މައްސަލާގައި އެރަށު ރައްޔިތުން ދެ މީހަކަށް ތުހުމަތުކުރާއިރު، އެމީހުންނާ އެ މައްސަލައާ ގުޅުވޭނެ އެއްވެސް ހެއްކެއް އަދި ފެނިފައެއްނުވެއެވެ. އެ މީހުން މިހާރު ތިބީ އެހެން މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށްފައެވެ.

ނެދުން ގެއަކީ އުމުރުން ދުވަސްވީ މީހަކު ދިިރިއުޅޭ ގެއެކެވެ. ބިދޭސީ މީހާއަކީ އުމުރުން ދުވަސްވީ މީހާ ބެލުމަށް އެ ގޭގައި ބަހައްޓައިފައި ހުންނަ މީހެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަހުމޫދު ހޯދަމުން ދަނިކޮށް ފެނުނީ މެންދުރުފަހު 3:15 ހާއިރު ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް އެކޮޅުކޮޅުން ވައްޓާލާފައި އޮއްވައެވެ.

ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ފައިސާ ގެންގުޅޭ މީހެއް ކަމަށް އެރަށު މީހުން ބުނެއެވެ. އެހެންކަމުން އޭނާ މަރާލީ ވައްކަމެއްގެ ތެރެއިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެވެސް ވަނީ އެރަށުގެ ބައެއް ތަންތަން ބަލައިފާސްކޮށްފައެވެ.

comment ކޮމެންޓް