އިގްތިސާދާއި ތައުލީމީ ގޮތުން ރާއްޖެއާއި އޮސްޓްރޭލިއާ ގުޅުން ބަދަހިކުރަނީ

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހާން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިގްތިސާދާއި، ތައުލީމީ ދާއިރާއިން ރާއްޖެއާއި އޮސްޓްރޭލިއާ އިތުރަށް ގުޅުން ބަދަހިކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވަނީ އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހާން މިއަދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީ ވަގުތޯ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

އެގޮތުން ދެ ގައުމުގެ މެދުގައި އޮތް ހާރިޖީ ގުޅުން ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި އިގްތިސާދީ ދާއިރާއާއި، ވިޔަފާރީގެ އިތުރުން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކޮށްފައެވެ.

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހާން މަޝްވަރާކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގައި ވެސް ކޮވިޑް-19ގެ ހާލަތު އޮތް ގޮތް ދެ ބޭފުޅުން ވެސް ވަނީ އޮޅުން ފިލުއްވާފައެވެ. އެއާއެކު ސްޓޭޓް މިނިސްޓަރު ހަލީލްވަނީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ދިން އެހީއާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރެވުނު ކަންތައްތައް ކުރުމުގައި ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް