ހިޔާ ފްލެޓް: ދިރިއުޅުމުގެ ދަތުރަށް ލިބުނު ތަސައްލީއެއް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއް -- ސަން ފޮޓޯ

ހުކުރު ދުވަހު ހަވީރު ފަހެއް ޖަހައިގެން އައިއިރު އާދައިގެ މަތިން މާލެއިން ހުޅުމާލެއަށް ދާ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ. ބަންދު ދުވަހެއްގައި އާއްމުކޮށް މީހުން އެންގެ ގިނަވަނީވެސް ފުރަތަމަ ފިޔަވަހީގެ ގެސްޓްހައުސްތައް ހުންނަ ދިމާއާއި ސަފާރީތައް ފެންނަ ދިމާ އަތިރިމަތީގައެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު މަންޒަރު ތަފާތެވެ. ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކާ ދިމާ އަތިރިމަތީގައި ތިބި މީހުންގެ އަދަދު މާ ގިނައެވެ. މިވަރުން، ފްލެޓްތަކުގައި އުޅޭ މީހުންގެ އަދަދު ގިނަކަން އަންދާޒާ ކޮށްލެވެއެވެ.

ހިޔާ ފްލެޓްތަކާ ދިމާ އަތިރިމަތިން ފެނުނީ ކައިރި ކައިރީގައި ގޮނޑި ބަހައްޓައިގެން ތިބި މެދު އުމުުރުގެ ދެމަފިރިންނެވެ. ފަސްވަރަކަށް މެމްބަރުން ހިމެނޭ ކުދި އާއިލާތަކެވެ. ދަރިންގެ އިނގިލިކުރީގައި ލައިގެން ހިނގާލާ މަންމައިންނާއި ބައްޕައިންނެވެ. އާއިލާތައް އެކުވެލައި ވާހަކަ ދައްކާލަން އެއްބަޔަކު ތިބިއިރު، ކުދި ބުފޭތައް ހަދައިގެން ކާން ވެސް ބައެއް އާއިލާތައް ތިއްބެވެ.

ހިޔާ ފްލެޓްގައި މިހާރު ދިރިއުޅެމުންދާ މީހުންގެ އަދަދު ކަމަށް އެޗްޑީސީން ލަފާކުރަނީ 200 އާއިލާއެވެ. އެކަމަކު ފިނިޝިން ނިންމަން ދިން މުއްދަތު އަދި ހަމަނުވެއެވެ.

އިރުއޮއްސި އިޝާ ފަސްވި ފަހުން ފްލެޓްތަކުގެ ތެރެއަށް، ފްލެޓްގައި އުޅޭ މީހުންގެ އިހުސާސްތައް އަމިއްލައަށް އަޑުއަހާލަން ވަނީމެވެ.

އެޗް14 ވަނަ ފްލެޓުން ބައްދަލުވި ވަސީމާ މޫސާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ އުފަލާއި ހިތްހަމަޖެހުމެވެ.

"ދުވަހަކުވެސް މިވަރުކަމެއް ހަޔާތުގައި ދިމަލެއް ނުވޭ"

ވަސީމާގެ ފިރިމީހާއަށް ލިބުނު ފްލެޓް -- ސަން ފޮަަަަޓޯ/ އަހުމަދު އައިމަން

މީގެ ދުވަސްކޮޅެއް ކުރިން ދަރިފުޅު ކޮނޑުމަތީގައި އުފުލާތަނުގެ ވީޑީއޯއިން އާއްމުންގެ ލޯބި ހޯދި ވަސީމާ، ހިނިތުންވެ އިނދެ ފްލެޓާމެދު އޭނާ ދެކޭގޮތް ކިޔައިދިނެވެ.

ފްލެޓް ލިބުމާއެކު އޭނާގެ އާއިލާއިން އެތަނަށް ބަދަލުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ވަސީމާ ބުނީ މަޑުމަޑުން ފްލެޓްގެ ފިނިޝިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ކޮއްކޮމެން ވެސް އެހީވާ ކަމަށެވެެ.އަދި ކުރިން އުޅުނު ތަނަށް ވުރެ އެތައް ގުނައެއް ހިޔާ ފްލެޓް އޭނާއަށް ރަނގަޅު ކަމަށް ވެސް ވަސީމާ ބުންޏެވެ.

"(ކުރިން) ކޮޓަރީގަ ގާތްގަނޑަކަށް ހުރިހާ ކަމެއްވެސް ކުރަނީ. ކެއުމާ ހުރިހާ ކަމެއްވެސް. ހަމައެކަނި ކުޑަކުޑަ ބަދިގެ އިންނަނީ (ކޮޓަރީގެ އިތުރުން). ބަދިގޭގަ ކައްކާލާފަ ކޮޓަރިއަށް ކާން އަންނަނީ ވެސް،"

" އަސްލު ފަސޭހަވީ (ފްލެޓް ލިބުނީމަ). ކުރީގަ އެގޭ ކޮންމެ ކުއްޖަކުވެސް ކައްކާލާފަ ކޮޓަރީގަ ކާނީ. އޭގެ ބަދަލުގައި މިހާރު ކޮޓަރިއަށް ނުވަދެ އެކަން ވެސް ފުރަހަމަ ވޭ. އެހެންވީމަ ކޮޓަރި އަބަދު ސާފު ކުރާކަށް ނުޖެހޭނެ،"

އޯޓިޒަމް ހުންނަ ހަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއް ހުންނަަ ވަސީމާ ކުރިން އުޅުނު، ހަތް އާއިލާގެ މައްޗަށް އެކުލެވޭ 18 މީހުންގެ ގޭގައި އޭނާގެ ކުޑަ އާއިލާ ދިރިއުޅުނު ގޮތް ސިފަކޮށްދެމުން އޭނާ ބުންޏެވެ.

މާލޭގައި ފިރިމީހާގެ ގޭގައި އުޅުނުއިރު ސިޓިންރޫމް ނުހުންނާތީ، ސިޓިންރޫމް ބޭނުން ކުރަން ވެއްޖެނަމަ މަންމަގެ ކޮޓަރިއަށް ދާކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފްލެޓްގެ ސިޓިންރޫމަށް އިޝާރާތް ކުރަމުން ވަސީމާ ބުނީ އެތަނުގެ ޖާގައާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ކުޑަ ދެ ބައިސްކަލު ގެންގުޅޭނެ މިތާ އެތެރޭގަ. އޭގަ ދުއްވާލާ، ލަވަކިޔާލާ، މަޖާކޮށްލާ. ބައެއް ފަހަރު މިތާގަ ދުއްވާލެވުނަސް ވަރަށް ހިތްހަމަ ޖެހޭނެ،" ހަގު ދަރިފުޅުގެ އުޅުމަށް އަންނަމުންދާ ރަނގަޅު ކުރިއެރުން ސިފަކޮށްދީ ވަސީމާ ކިޔައިދިނެވެ.

ވަސީމާގެ ފިރިމީހާއަށް ލިބުނު ފްލެޓް -- ސަން ފޮަަަަޓޯ

ވަސީމާ ބުނީ ފްލެޓަށް ބަދަލުވިތާ ފުރަތަމަ ދެ ދުވަހަކު ދަރިފުޅު އަބަދު ނުކުންނަން އުޅުނު ކަމަށާއި، ނަމަވެސް މިހާރު ދަރިފުޅު ފްލެޓަށް ހޭނިއްޖެ ކަމަށެވެ.

ވަސީމާއާ ވާހަކަ ދައްކާލުމަށްފަހު އެ ފްލެޓްގެ ބެލްކަނީގައިވެސް އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލީމެވެ. ކުރިއާ ހިލާފަށް މި ގޭގައި ބެލްކަނިން ބޭރު ފެންނާތީ ހިތްހަމަ ޖެހިފައި ހުރެ، ކޮންމެ ދުވަހަކު ބެލްކަނިން އޭނާއަށް ފެންނަ ހިތްގައިމު މަންޒަރުތައް އަތުގެ އިޝާރާތުން ދައްކައި، ކިޔައިދެމުން ދިޔައެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނިން ބޭރު ފެންނަގޮތް: -- ސަން ފޮޓޯ

ވަސީމާގެ ވާހަކަތަކަށް ފަހު ހިޔާ ފްލެޓް ގައި ދިރިއުޅޭ އަލީ އަހުމަދު(އަސްލު ނަމެއް ނޫން)އާ ވެސް ވާހަކަ ދައްކާލީމެވެ.

ތިން ދަރިންނާއި އަންހެނުންގެ އިތުރުން އާއިލާގެ އިތުރު ދެ ކުއްޖަކާއެކު މީގެ ކުރިން މާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި އުޅުނު އަލީ ބުނީ ފްލެޓް ލިބުމުން އުފާކުރާ ކަމަށެވެ.

"އަޅުގަނޑަށް ކުރީގަ އުޅުނު ތަނަށްވުރެ މާބޮޑަށް ވެސް ހިތްހަމަ ޖެހޭ. ހުރިހާ ގޮތަކުން ވެސް އަޅުގަނޑަށް ކޮމްފޮޓަބަލް މިތަން،"

ކުރިން ގޭގައި އުޅުނު ދެ ކޮއްކޮ، އަންހެނުންގެ މަންމަ ކައިރިއަށް ދިއުމާއެކު، މިދިޔަ މަހުގެ ފަހުކޮޅު ހިޔާ ފްލެޓަށް ބަދަލުވި އަލީގެ ކުޑަ އާއިލާ އެތަނުގައި އުޅޭ އުފާވެރި މާހައުލު އޭނާ ކިޔައިދިނީ ޖޯޝާއެކުގައެވެ.

ކުރިން އަލީގެ ގޭގައި ފާހާނާތައް ވެސް ކުދި ނަމަވެސް ފްލެޓްގެ ފާހާނާތައް އޭނާއަށް ކަމުދެއެވެ.

"އަޅުގަނޑުމެން އުޅެމުން ދިޔަ ފާހާނާގެ ބޮޑުމިނަކީ، ފުޅާމިނުގައި ދެ ފޫޓު، ދެ ފޫޓު ތިންފޫޓުބައި،" އަލީ ކިޔައިދިނެވެ.

އަލީ ބުނީ މާލޭގައި އުޅުނުއިރު އެޕާޓްމަންޓްތަކަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރި ކަމަށެވެ. އެގޮތުން އެންމެ ފަހުން އުޅުނީ، އެޑްވާންސްއަށް 45،000 ރުފިޔާ ދެއްކުމަށް ފަހުގައި މަހަކު 15000 ކުއްޔަށް ދައްކައިގެން ކަމަށް އޭނާ ބުންޏެވެ.

ހިޔާ ފެލްޓް ލިބުނު ބައެއް ފަރާތްތަކާ ވާހަކަ ދައްކާލުމުން، މައްސަލަތަކުގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަ ކުރީ ގާތްގަނޑަކަށް އެއް ކަންތައްތަކެކެވެ.

އޭގެ ތެރެއިންވެސް ކުލީގެ މައްސަލަ ފިޔަވައި ދެން ހުރީ، މިވަގުތު ނުލިބޭ ބައެއް ހިދުމަތްތަކުގެ ޝަކުވާއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުނި ނައްތާލުމުގެ މައްސަލަ އާއި މިސްކިތާއި ސްކޫލް ފަދަ ތަންތަން ނެތުމުގެ ދަތިކަމެވެ. އަދި އިންޓަނެޓު ލިބުން ދަތި ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

އެންމެ ބޮޑު ދައްޗަކީ ކުލި!

ހިޔާ ފްލެޓްގައި ހުރި އެހެން ހުރިހާ މައްސަލައަކަށް ވުރެ ބޮޑަށް އެތަނުގައި އުޅޭ މީހުން ފާހަގަ ކުރި މައްސަލައަކީ ކުލި ބޮޑުވުމެވެ.

އަލީގެ ނަޒަރުގައި ގްރޭސް ޕީރިއަޑަށް 15 މަސް ދޭން ޖެހެއެވެ. ސަބަބަކީ ފްލެޓުގައި އުޅެވޭ ވަރު ކުރުމަށްޓަކައި ބޮލުގައި ބޮޑު ލޯނެއް އަޅައި، އަތުން ބޮޑު ހަރަދު ކުރުމުން މިހާރު ވެސް ބޮޑެތި އަދަދުތަކުން އަތުން ފައިސާ ހަރަދުވެފައިވާތީއެވެ.

"އަޅުގަނޑަށް 8500 ރުފިޔާ ދެއްކުނަސް، (އެވަރު) ނުދެއްކޭނެ ކިތައްމެ ބައެއް މިތާގަ އެބަ އުޅޭ. އެއީ އަޅުގަނޑުގެ އަތުން، ޕޯޓަލްއަށް އަޅައިދޭ ފޯމްތަކާ އެއްޗެހި ފުރައިދޭން ގާތްގަނޑަކަށް އަޅުގަނޑުގެ އަމިއްލަ އަތުން 45ޖީބީ ހުސްކޮއްފަ އަޅައިދިނިން 4483 ފޯމު. އޭގެ މާނައަކީ އޭގެތެރެއިން ހުރިހާ އެންމެންނާ ބައްދަލުވެ، ހުރިހާ އެންމެންނާ ވާހަކަ ދެކެވިފަ، އެމީހުން ރޯ ރުއިންތަކާ، އެމީހުން ދެއްކި ވާހަކަތައް އަޑުއިވިފަ ހުންނާނޭ އަޅުގަނޑުގެ ކަންފަތަށް،"

އަލީ ބުނީ އެ ފަރާތްތަކުގެ ވޭނާ ކެކުޅުމުގެ އަޑު މިހާރު ވެސް އޭނާގެ ހިތުގައި ވިންދު ޖަހާ ކަމަށެވެ.

ވަސީމާ ވެސް ބުނީ ފްލެޓްގެ ކުލި ބޮޑުުވުން އެއީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން އޭނާގެ ފިރިމީހާއަށް ލިބޭ 10،000 ރުފިޔާއިން އުޅޭނަމަ، މިހާރު ހަމަޖައްސާފައި ވާ ކުލި ބޮޑު ކަމަށެވެ.

ލިފްޓް ކިއޫއަކީ މާބޮޑު މައްސަލައެއް ނޫން!

ހުކުރު ދުވަހު ހަވީރު، ލިފްޓް ކިއޫ ދަމާލާފައި އޮތް ތަނުގެ ފޮޓޯއެއް ސޯޝަލް މީޑީއާގައި ދައުރުވިއެވެ. އޭގެ ކުރިންވެސް ކޮންމެވެސް ވަރަކަށް ލިފްޓް ކިއޫ އޮންނަ ވާހަކަ ދެކެވެއެވެ.

ނަމަވެސް ހިޔާ ފްލެޓުން ވާހަކަ ދައްކާލި ދެތިން މީހުންގެ ވާހަކައިން އެނގުނީ، ލިފްޓް ކިއޫ އެމީހުނަށް އެހާބޮޑު މައްސަލައަކަށް ނުވާކަމެވެ.

" ލިފްޓަށް އެރުމަށް އުނދަގޫވޭ މެންދުރެއްހާއިރު ބޮޑަށް. ފްލެޓްގެ އެކި މަސައްކަތް ފެށުމުން. ތިން ލިފްޓުގެ ތެރެއިން، މަސައްކަތް ކުރާއިރު ބައެއް ފަހަރު ދެ ލިފްޓު ބޭނުން ކުރޭ. އެހެންކަމުން މީހުން ބޭނުންކުރަން އިންނާނީ އެއް ލިފްޓް،" ހިޔާ ފްލެޓްގައި އުޅެމުންދާ ވަސީމާ ބުންޏެވެ.

ލިފްޓަށް އެރުމަށް ބައެއްފަހަރު ކުޑަކޮށް ލަސްވި ނަމަވެސް، ހަގީގަތުގައި އެއީ އޭނާއަށް މައްސަލައެއް ނޫނެވެ.

ހިޔާ ފްލެޓްތަކުގެ ބެލެނިވެރި ފަރާތް، ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، ހިޔާގައި މިވަގުތު ހުރި މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓާ ގުޅުންހުރި ކަންކަމުގައި ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް އެޗްޑީސީން ތައާރަފްކޮށްފައިވާ ހާއްސަ ހޮޓްލައިން ނަންބަރަކީ 7253535 އެވެ.

އޭގެ އިތުރުން ކާބޯތަކެތި ވިއްކާ ފުރަތަމަ ފިހާރަ އެޗްޑީސީން ވަނީ މިިދިޔަ ހަފްތާގެ ތެރޭގައި ހުޅުވާފައެވެ.

"ތިން ސުޕަމާކެޓްގެ އެގްރިމެންޓުގައި ސޮއިކުރެވިފަ ވަނީ. ދެން (އިތުރު) ގްރޯސަރީ ސްޓޯރެއްގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު 'ސަން' އަށް ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ ކެފޭއަކާއި ފާމަސީއަކާއި ކްލިނިކެއް ހެދުމުގެ އެއްބަސްވުންތަކާ ބެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށެވެ.

ހަމަ ގައިމު ވެސް، ހިޔާ ފްލެޓާއެކު އެތައް ބައެއްގެ ދިރިއުޅުން އުޖާލާވެއްޖެއެެވެ. އެތައް ބަޔަކަށް ހިތްހަމަޖެހުން ލިއްބައިދީފިއެވެ. ހިތްތަކަށް ތަސައްލީ ލިބިއްޖެެއެވެ. އެ މަންޒަރު ހުކުރު ދުވަހު ހަވީރު ހިޔާ ފްލެޓާ ދިމާ ގޮނޑުދޮށުގައި ތިބި މީހުންގެ މޫނުމަތިން ހާމަވިއެވެ.

comment ކޮމެންޓް