ބީއެމްއެލްގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު އިތުރުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން އެެމެރިކަން އެކްސްޕްރެސް (ގްރީން/ގޯލްޑް)، ވިސާ(ކްލެސިކް/ގޯލްޑް) އަދި މާސްޓަރކާޑް (ސްޓޭންޑަޑް/ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ހަމަޖައްސާފައިވާ ކަމަށެވެ.

ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް މިދިޔަ އަހަރު ބަދަލު ގެނައީ ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކާޑު ލިމިޓު 250 ޑޮލަރަށް ދަށް ކުރުމަށް ފަހު މިދިޔަ ޖުލައި މަހު އެ ލިމިޓު ވަނީ 500 ޑޮލަރަށް އިތުރުކޮށްފައެވެ.

ބީއެމްއެލްއިން ބުނީ ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ. މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުވާނީ ބޭންކުން އިތުރުކޮށްފައެވެ.

ހަމައެހެންމެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ
ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް