މަހުމޫދުގެ މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މަހުމޫދު ގެއްލުނު ރޭ އަޑެއް އިވުނު ގެއެއް ބަލައިފާސްކުރަނީ ---

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު، 57 ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރު ކުރި ބިދޭސީ މީހާއަކީ ފުލުހުން އެ ރަށުން ބަލާ ފާސްކުރި ގެއެއްގައި ދިރިއުޅޭ ބިދޭސީއެކެވެ.

ފުލުހުން ބުނީ މި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިއީ މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުރަތަމަ މީހާއެވެ.

ދަނގެތިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން ބިދޭސީ މީހާ ދިރިއުޅޭ ގެ ފާސްކުރަން ފަށައިފައިވަނީ މަހުމޫދު ގެއްލުނު ރޭ އެ ގޭތެރެއިން ގޮތް ނޭނގޭ އަޑެއް ބައެއް މީހުންނަށް އިވުމާ ގުޅިގެން ކަމަށެވެ.

ފުލުހުން ބަލަމުން އަންނަ ގެއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ފަޅު ގެއާއި 100 ވަރަކަށް މީޓަރު ކައިރީގައި ހުންނަ ގެއެކެވެ.

އެ ގެއަކީ އުމުރުން ދުވަސްވީ މީހަކު ދިިރިއުޅޭ ގެއެކެވެ. ބިދޭސީ މީހާއަކީ އުމުރުން ދުވަސްވީ މީހާ ބެލުމަށް އެ ގޭގައި ބަހައްޓައިފައި ހުންނަ މީހެކެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތައް ހޯދަމުން ދަނިކޮށް 3:15 ހާއިރު އޭނާ ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި ވަނިކޮށެވެ.

ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ފައިސާ ގެންގުޅޭ މީހެއް ކަމަށް އެރަށު މީހުން ބުނެއެވެ. އެހެންކަމުން އޭނާ މަރާލީ ވައްކަމެއްގެ ތެރެއިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލާގައި ކުށްވެރިވާ ކަމަށް ރަށުގެ ރައްޔިތުންނަށް ތުހުމަތު ކުރެވޭ ދެ ފިރިހެނަކު އެ ރަށުގެ ރައްޔިތުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މީހުންނާއި އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ވެސް ފުލުހުން މީގެ ކުރިން ހިމާޔަތް ދިނެވެ.

އޭގެ ފަހުން ފުލުހުން ވަނީ އެ ތިން މީހުން ތިބީ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށް ބުނެފައެވެ.

comment ކޮމެންޓް