ޖިންސީ ގޯނާކުރި ކަމަށް ބުނާ ޓީޗަރު ސަސްޕެންޑުކޮށްފި

ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ސުކޫލެއްގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ޓީޗަރު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމާއެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލަ ރައްދުވާ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގީ އިދާރާތަކާ ހިއްސާކޮށްގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ފުލުހުންގެ މީޑީއާ އޮފިޝަލް އިއްޔެ ވިދާޅުވީ މާލޭ ސުކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ކޮން އިރަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"ސަން" އަަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން ހަތަރު އަހަރުގެ ޕްރީސުކޫލު ދަރިވަރަކަށެވެ.

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް މި ހަފްތާ ތެރޭގައި ފުލުހުންނަށް ހުށަހަޅައިފައިވެއެވެ. އެ މައްސަލައިގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

comment ކޮމެންޓް