އަނިޔާވެރިކޮށް މަރާލުމަށްފަހު ވަޅެއްގެ ތެރެއަށް އެއްލައިލައިފައި އޮތް އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތު އެ ރަށު ރައްޔިތުން އެޅުވީ ރަށުން ބޭރު ދެ މީހެއްގެ ބޮލުގައެވެ. އެ މީހުންނަކީ އއ. ތޮއްޑޫއަށް ނިސްބަތްވާ ދެ މީހުންނެވެ.
މަހުމޫދުގެ މަރުގައި އެހެން މީހެެއްގެ ބައިވެރިވުމެއް އޮވެދާނެ ކަމަކަށް އެ ރަށު މީހުން ހިޔެއް ނުކުރެއެވެ. އަދި އެއީ އެމީހުން ހިޔާލަށް ވެސް ގެނައި ކަމެއް ނޫނެވެ.
އެ ރަށުގެ ރައްޔިތުންނަށް މިއަދު ބޮޑު ހައިރާންކަމެއް ލިބުނީ އެ ރަށުގައި މުސްކުޅި ފިރިހެނަކާއި ބިދޭސީ މީހަކު އުޅޭ ގެއަކަށް ފުލުހުން ވަދެ ބަލާ ފާސްކުރަން ފެށުމުންނެވެ. އެއީ މަހުމޫދު މަރާލުމަށްފަހު އެއްލައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ.
އެ ގެ ބަލާ ފާސްކުރުމަށްފަހު ފޮށިގަނޑުތަކަކަށް އަޅައިގެން ބައެއް އެއްޗެހި ގެންދިޔަ ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ.
ނެދުންގެ ނަމަކަށް ކިޔާ މި ގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން އެ ގޭގައި ދިރިއުޅޭ ބިދޭސީ މީހާ ހައްޔަރު ކުރިއެވެ. އޭނާގެ ނަމަކީ ސާލިމެވެ. ސާލިމަކީ އެ ގޭގައި ދިރިއުޅޭ 80 އަހަރުގެ އުމުރުން ދުވަސްވީ ބޭބެއެއްކަމަށްވާ އާދަނުބެ ބަލަން އޭނާގެ އާއިލާއިން ހަވާލުކޮށްފައި ހުންނަ މީހާއެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، ސާލިމް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. ނަމަވެސް އަނެއްބަޔަކު ވަނީ އޭނާއާމެދު ޝައްކު ކުރެވޭ ބައެއް ކަންކަން ހުރިކަން ކިޔައިދީފައެވެ.
މަޑުމައިތިރި މީހެއް، މިސްކިތުން ގިނައިން ފެނޭ!
ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ސާލިމަކީ ވަރަށް މަޑުމަޑުން ހުންނަ މީހެއް ކަމަށެވެ. އަދި އޭނާއަކީ ގަވައިދުން މިސްކިތުން ފެންނަ މީހެއް ކަމުގައި ވެސް އޭނާ ކިޔައިދިނެވެ.
ސާލިމްގެ އެއްވެސް ވިޔާނުދާ އަމަލެއް ދަނގެތީ ރައްޔިތުންނަށް ފާހަގަކުރެވިފައެއް ނުވެއެވެ. އޭނާ ބުނީ ސާލިމް ބޭރަށް ދިޔަޔަސް ދާނީ އާދަންބެއާއެކު ކަމަށެވެ.
"ވިޔާނުދާ އެއްވެސް ކަމެއް ނުކުރާނެ. މި ރަށުގެ އެއްވެސް މީހަކަށް އޭނާގެ ފަރާތުން ގެއްލުމެއް ވެފައެއް ނެތް. އެކަމު މިއަދު ހައްޔަރު ކުރީމަ ބައެއް މީހުން ޝައްކު ކުރާ ކަންތައްތަކެއް އެބަހުރި،" ދަނގެތިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެ ރަށުގައި އުޅޭ އެހެން ބަނގްލަދޭޝް މީހުންނާ ވެސް ސާލިމާ ގުޅުމެއް ނޯއްވެއެވެ.
ސާލިމް ހައްޔަރު ކުރިކަން ފުލުހުން ހާމަކޮށްފައިވަނީ އިއްޔެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށްނެވެ. ކޯޓު އަމުރެއްގެ ދަށުން ކުރިމައްޗަށް ބިޑިއަޅުވައި، ހައްޔަރުކޮށް އޭނާ ގެންދިޔައީ ދަނގެތީ ޕޮލިސް ސްޓޭޝަނަށެވެ.
ރައްޔިތުން ތުހުމަތު ކުރާ މީހުންނާ ސާލިމާ ގުޅުމެއް!؟
މަހުމޫދުގެ މަރާ ގުޅިގެން އެ ރަށު ރަައްޔިތުން ތުހުމަތު ކުރާ ދެ މީހުން މިހާރު ތިބީ އެހެން މައްސަލައެއްގައި ބަންދުކޮށްފައެވެ. އެ މީހުން އެ ރަށުން ބޭލުވީ އެމީހުންގެ ރައްކާތެރިކަމަށް ޓަކައި ކައުންސިލުން އެދިގެން ފުލުހުންގެ ހިމާޔަތުގައެވެ.
ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުންނާ ސާލިމާ ގުޅުމެއް ހުރި ކަމަށް އެ ރަށު ގިނަ މީހުން މިހާރު ޝައްކު ކުރާ ކަމަށެވެ.
ސާލިމް ބަލަހައްޓަމުން އައި އާދަނުބެއަކީ، ތުހުމަތު ކުރެވޭ އެކެއްގެ ބައްޕައާ ތިމާގެ މީހެކެވެ. އެހެންކަމުން، އެ މީހުންނާ އާދަނުބެ ގާތް ގުޅުމެއް ބާއްވައިފައިވާ ކަމުގައި އޭނާ ކިޔައިދިނެވެ.
" އާދަނުބެ އެ މީހުންގެ ސައިކަލު ފަހަތުގައި ބޮޑުމަގުން ދުއްވާ މަންޒަރު ވެސް މި ރަށު މީހުންނަށް ފެނިފައި އެބަހުރި،" އޭނާ ކިޔައިދިނެވެ.
އެ މީހުން ދިރިއުޅޭ ފޮރިންވިލާގެއަށް ސާލިމް ބައެއް ފަހަރަށް ގޮސް އުޅޭ ކަމަށް ވެސް އެ ރަށު ބައެއް މީހުން ބުނެއެވެ. އެ މީހުން ބުނާ ގޮތުގައި ސާލިމް އެ މީހުންނާ ގުޅުން ބާއްވަނީ އާދަނުބެގެ ގާތް ބަޔަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.
އެ ރަށު މީހުން ޝައްކު އުފައްދާ އެހެން ކަމެއް ވެސް އެބައޮތެވެ. ސާލިމް ބަލަހައްޓަމުން އައި ބޭބެގެ ފޯނު، މަހުމޫދު މަރާލުމުގެ ދެތިން ދުވަހެއް ކުރިން ހަލާކުވިއެވެ. އެކަމާ މި ހާދިސާއާ ގުޅުމެއް ހުރެދާނެ ކަމަށް ބައެއް މީހުން ޝައްކު ކުރެއެވެ.
އެ ގޭ ތެރެއިން ބާރުގަދަ އަޑުފައްގަނޑެއް އިވުނު!
ބުދަ ދުވަހުގެ ރޭ 9:30ހާކަށްހާއިރު ސާލިމް ދިރިއުޅޭ ގޭގެ ކައިރިން ދިޔަ އަންހެނަކަށް އެ ގޭ ތެރެއިން ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. އަދި މީހެއްގެ ގައިގައި ތަޅާ އަނިޔާކުރާ ކަހަލަ އަޑުތަކެއް ވެސް އިވުނެވެ.
އެ އަޑުތައް އިވުމާ ގުޅިގެން ފާރުމަތިން ބޯދިއްކޮށްފައި ބެލި ބެލުމުން، އެއްޗެއް ދަމައިފައި ސާލިމް ގެންދާ މަންޒަރު އޭނާއަށް ސިފަވިއެވެ. ސާލިމްގެ މައްޗަށް މި ތުހުމަތުތައް ކުރެވި އެ ގެ ބަލާ ފާސްކުރެވުނީ މި އަންހެން މީހާ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ.
މައްސަލައަކީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ، އެ އަންހެން މީހާ އެކަމާ ގުޅިގެން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އަޑު އެ އަންހެން މީހާ ނޫން އެހެން މީހުނަށް ވެސް އިވުނު ކަމަށެވެ. އަދި އެ އަޑު އިވިގެން ބައެެއް މީހުން ސާލިމަށް ގުޅާ ސުވާލު ވެސް ކުރިކަމަށް އޭނާ ކިޔައިދިނެވެ.
"މީހަކު ހަޅޭއް ލަވައިގަން ކަހަލަ އަޑެއް ކަމަށް ވަނީ. އެ ގަޑީގައި ވަރަށް ބޯކޮށް ވާރޭ ވެސް ވެހުނު.ދެން އަޑުއިވުނީމަ މީހަކު ސުވާލު ކުރީ ކޮން އަޑެއްހޭ އެއީ. ގުޅީމަ އޭނަ ބުނި ކަމަށްވަނީ ބުޅަލެއް މަރާލީއޭ،" އޭނާ ކިޔައިދިނެވެ.
ދަނގެތިން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި ބުޅަލެއް މަރާލިކަމަށް ސާލިމް ބުނުމުން އެ މީހާ ވެސް މާ ބޮޑަށް އަޅާނުލީއެވެ. އަދި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް މި ރަށު މީހަކު ޝައްކު ވެސް ނުކުރާނޭ ކަމަށް އޭނާ ކިޔައިދިނެވެ.
މަހުމޫދު މަރާލީ ކޮން ވަގުތަކު؟
ސާލިމް ހައްޔަރު ކުރުމާ ގުޅިގެން މަހުމޫދު މަރާލި ވަގުތާމެދު ވެސް އެ ރަށު މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
މަހުމޫދުގެ ދަނބިދަރިފުޅު އަހުމަދު އިމާދު، މަހުމޫދުގެ އަންހެނުންނާ ހަވާލާދީ ބުނީ، މަހުމޫދު ގެއިން ނުކުމެގެން ދިޔައީ ބުދަ ދުވަހުރޭ އިންޑިއާއާއި ރާއްޖެ ވާދަކުރި މެޗު ނިމުނު ފަހުން ކަމަށެވެ. އަދި އޭނާ ނުކުމެގެން ދިޔައީ ފޯނު ކޯލެއް އައުމުން ކަމަށާއި ވާހަކަ ދައްކަމުން "ހަމަ މިހާރު ދާންވީހޭ" ބުނެފައި ނުކުމެގެން ދިޔަ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
އެހެން ކަމަށްވާނަމަ މަހުމޫދު މަރާލި ކަމަށް ބެލެވެނީ އެ ރޭ 11ގެ ފަހުންނެވެ. ސަބަބަކީ މެޗު ނިމުނީ ގާތްގަނޑަކަށް 11 ޖަހާއިރު ކަމަށް ވާތީއެވެ.
ސާލިމް ހައްޔަރުކުރުމާ ގުޅިގެން އެ ވަގުތާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ސަބަބަކީ އެ އަންހެން މީހާއަށް ސާލިމް ދިރިއުޅުނު ގެއިން އަޑުފައްގަނޑެއް އިވުނީ 9:30ހާއިރު ކަމަށް ބުނާތީއެވެ.
އެހެންކަމުން މަހުމޫދު ނުކުތީ މެޗު ބަލަން އިނދެފައި މެޗު ނުނިމެނީސް ކަމަށް ބައެއް މީހުން ޝައްކު ކުރެއެވެ. އަދި ފަހަރުގައި މަހުމޫދުގެ އަންހެނުންނަށް ގަޑި އޮޅުނީކަމަށް ވެސް ވުން ގާތްކަމުގައި އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސާލިމާއި މަހުމޫދާ ގުޅުމެއް ނެތް!
ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހުން ބުނީ ސާލިމްއާ މަހުމޫދާ ވަކި ހާއްސަ ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި ސާލިމްއަކީ މަހުމޫދާ ގާތް މީހެއް ވެސް ނޫނެވެ.
މަހުމޫދަކީ އެންމެނާ ވެސް ގުޅޭ ސަކަ މިޒާޖެއްގެ މީހަކަށް ވާތީ ރަށުގެ އެންމެނާ ވެސް ވާހަކަ ދައްކާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މަހުމޫދާއި ސާލިމާ ދެމެދު އަދާވާތްތެރިކަމެއް އޮވެދާނެ ކަމަކަށް އެ ރަށުގެ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އަދި އެފަދަ ރުޅިވެރިކަމެއް އޮންނަން ޖެހޭ ސަބަބެއް ވެސް ނުފެނެއެވެ.
"މަހުމޫދުބެއާމެދު މި ރަށުގައި އުޅޭ މީހަކު އަދާވާތްތެރިކަމެއް ބާއްވަން ޖެހޭ ސަބަބެއް ނޯންނާނެ. އެއަށްވުރެ އެންމެނަށް ވެސް މާ ހެޔޮ މީހެއް އެއީ،" އެ ރަށުން ވާހަކަ ދެއްކި ފިރިހެނަކު ބުންޏެވެ.
މަހުމޫދުގެ މަރުގެ ތުހުުމަތު ދަނގެތީ ރައްޔިތުން ކުރަނީ އއ.ތޮއްޑޫ ދެމީހުންނަށެވެ. އެ ދެމީހުން އެހެން މައްސަލައެއްގެ ހައްޔަރުގައި ތިއްބާ، ރަށުގައި ދިރިއުޅޭ ބިދޭސީއަކު މި މައްސަލައިގައި ހައްޔަރުކުރުމުން ރައްޔިތުންނަށް ލިބުނީ ހައިރާންކަމެކެވެ.
ރައްޔިތުންގެ ހިތުގައި އުފެދުނީ ސުވާލު ފުންޏެކެވެ. ސާލިމްއަކީ މަހުމޫދުގެ ގާތިލު ހެއްޔެވެ؟ އެހެންކަމަށްވާނަމަ މަހުމޫދު މަރާލުމުގައި ސާލިމްގެ މަގުސަދަކީ ކޮބާ ހެއްޔެެވެ؟ އެކަމުގައި ސާލިމާ ބައިވެރިވީ ކޮންބައެއް ހެއްޔެވެ؟
މި ހުރިހާ ސުވާލެއްގެ ޖަވާބަށް ދަނގެތީ ރައްޔިތުން ތިބީ އިންތިޒާރު ކޮށްގެންނެވެ. ރަށު ތެރޭގައި އަދިވެސް ވަނީ ބިރުވެރިކަމާއި މަޑުމޮޅިކަމެވެ. މުޅި ރަށް ވެސް މަހުމޫދުގެ މަރާއެކު ވަނީ ހިތާމައިގައެވެ. އަދި ސާލިމް ހައްޔަރު ކުރުމާއެކު ކުރި ފެޅި އާ ވާހަކަތަކުން މުޅި ރަށް ވަނީ ހައިރާންކަމެއްގެ ތެރޭގައެވެ.