ލޯންޗު ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާގެ މަންމަ މަރުވެއްޖެ

މާލެ އިން ފެލިދޫ އަށް ދަތުރުކުރި ޑްރީމް ސްޕީޑް2: އެ ލޯންޗުން މޫދައް ވެއްޓުނު އަންހެނަކު ވަނީ މަރުވެފައި --- ފޮޓޯ: ސަން

ދިޔަވަމުންދިޔަ ލޯންޗަކުން ކަނޑަށް ވެއްޓި ކުޑަ ކުއްޖަކު ގެއްލިފައިވާއިރު އޭނާގެ މަންމަ މަރުވެއްޖެއެވެ.

މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ޑްރީމް ސްޕީޑް2 ނަމަކަށް ކިޔާ ލޯންޗު, އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 17:06 ގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުކު ވިދާޅުވީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށެވެ. އަދި ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި ތިން މީހުން ވެސް މޫދަށް ވެއްޓުނީ ވިއްސައިގެންގޮހެވެ. ތިން މީހުންގެ ތެރޭގައި ކުޑަ ކުއްޖާއާއި އޭނާގެ މަންމަ ހިމެނެއެވެ.

މޫދަށް ވެއްޓި ގެއްލިފައިވަނީ ހަތަރު އަހަރު ކުޑަ ފިރެހެން ކުއްޖެކެވެ. ކުޑަ ކުއްޖާ އަދި ފެނިފައިނުވާއިރު, މަންމަ ވަނީ ފެނިފައެވެ.

އެ ލޯންޗުން ދަތުރުކުރި މީހުންނާއި އެކު ލޯންޗު ވެސް މިހާރު ވަނީ ކ. ގުރައިދޫއަށް ގެންގޮސްފައެވެ.

ގުރައީދޫ ސިއްހީ މަރުކަޒުގެ އޮފިޝިލަކު 'ސަން' އަށް ވިދާޅުވީ, އެ ހާދިސާއާ ގުޅިގެން ފަސް މީހަކު މަރުކަޒަށް ގެނައި ކަމަށާއި އޭގެ ތެރެއިން 33 އަހަރުގެ އަންހެނަކު ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އެއީ ގެއްލުނު ކުޑަކުއްޖާގެ މަންމައެވެ.

މަރުޒަކަށް ގެނައި ފަސް މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ އެންމެ މީހަކަށް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް