މަހުމޫދުގެ މަރުގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

ބިދޭސީ މީހާ ދިރިއުޅުނު ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ---

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު، 57 ގެ މަރުގެ މައްސަލައިގައި, އދ. ދަނގެތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރި ބިދޭސީއަކީ ފުލުހުން މިއަދު އެ ރަށުން ބަލާ ފާސްކުރި ގޭގައި ދިރިއުޅޭ ބިދޭސީއެކެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުރަތަމަ މީހާއެވެ.

ދަނގެތިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން މިއަދު ފާސްކުރަމުން އަންނަ ގެއަކީ އުމުރުން ދުވަސްވީ މީހެއްގެ ގެއެއް ކަމަށެވެ. އެ ގޭގައި އޭނާއާއެކު ދެން ދިރިއުޅެނީ އޭނާ ބަލަމުން އަންނަ ބިދޭސީ މީހާއެވެ.

އެ މީހާ ކިޔައިދިން ގޮތުގައި އެ ގެ ބަލައި ފާސްކުރަން ފަށައިފައިވަނީ މަހުމޫދު ގެއްލުނު ރޭ އެ ގޭތެރެއިން ގޮތް ނޭނގޭ އަޑެއް ބައެއް މީހުންނަށް އިވުމާ ގުޅިގެންނެވެ.

ފުލުހުން ބަލަމުން އަންނަ ގެއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ފަޅު ގެއާއި 100 ވަރަކަށް މީޓަރު ކައިރީގައި ހުންނަ ގެއެކެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތައް ހޯދަމުން ދަނިކޮށް 3:15 ހާއިރު އޭނާ ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި ވަނިކޮށެވެ.

ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ފައިސާ ގެންގުޅޭ މީހެއް ކަމަށް އެރަށު މީހުން ބުނެއެވެ. އެހެންކަމުން އޭނާ މަރާލީ ވައްކަމެއްގެ ތެރެއިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ކުށްވެރިވާ ކަމަށް ރަށުގެ ރައްޔިތުންނަށް ތުހުމަތު ކުރެވޭ ދެ މީހަކު، އެ ރަށުގެ ރައްޔިތުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މީހުންނަށް ވަނީ ފުލުހުންގެ ހިމާޔަތް ދީފައެވެ.

މީގެ އިތުރުން އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ވެސް ފުލުހުން ވަނީ ހިމާޔަތް ދީފައެވެ.

comment ކޮމެންޓް