ޖަޕާން ކަނޑުގައި ރަޝިއާގެ މަނަވަރަކުން ދިން އިންޒާރާއެކު އެމެރިކާގެ މަނަވަރެއް ފަހަތަށް ޖެހިއްޖެ

ރަޝިއާގެ މަނަވަރު އެޑްމިރަލް ޓްރައިބަޓްސް

މޮސްކޯ (އޮކްޓޯބަރު 17) : ޖަޕާން ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް ރަޝިއާ ގެ މަނަވަރަކުން އިންޒާރު ދިނުމުން އެމެރިކާގެ މަނަވަރު ފަހަތަށް ޖެހިއްޖެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާގެ މަނަވަރެއްކަމަށްވާ "ޔޫއެސްއެސް ޗާފީ" ރަޝިއާގެ ކަނޑުގެ ސަރަހައްދާ ގާތްވާން ފެށުމުން އިންޒާރު ދިނީ ސަބްމެރިންތަކަށް ހަމަލާދިނުމަށް ޚާއްސަ ރަޝިއާގެ މަނަވަރެއްކަމަށްވާ "އެޑްމިރަލް ޓްރައިބަޓްސް" އިންނެވެ. އިންޒާރު ދިންއިރު އެމެރިކާގެ މަނަވަރުއޮތީ ރަޝިއާގެ މަނަވަރާ ގާތްގަނޑަކަށް 60 މީޓަރުގެ ދުރުމިނެއްގައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ގެ ބަޔާނެއް ބުނާގޮތުން ރަޝިއާގެ މަނަވަރުން އެމެރިކާގެ މަނަވަރަށް ދިނީ އިންޒާރެއް ނޫންނެވެ. އެންގީ ޕްރޮފެޝަނަލް އެންގުމެކެވެ. އެ އެންގުން އެންގީ އެމެރިކާގެ މަނަވަރު ރަޝިއާގެ ކަނޑުގެ ސަރަހައްދާ ގާތްވެގެން ނޫންކަމަށާ އެވަގުތު އެމެރިކާގެ މަނަވަރު އޮތީ ޖަޕާން ކަނޑުގައިވާ ބައިނަލްއަގްވާމީ ސަރަހައްދުގައި ކަމަށްވެސް އެމެރިކާގެ ބަޔާން ބުނެއެވެ.

އެމެރިކާގެ މަނަވަރު ޔޫއެސްއެސް ޗާފީ

މީގެއިތުރުން ރަޝިއާގެ މަނަވަރުން އެމެރިކާގެ މަނަވަރުގެ ސަމާލުކަމަށް ގެނައީ ރަޝިއާއާއި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން އެސަރަހައްދާ ކައިރީ ހިސާބެއްގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށްގެންދާތީ އެކަންކަމަށާ އެއީ އަސްކަރީ ފަރިތަކުރުުންތައް ކުރިޔަށްގެންދާއިރު އެއްގައުމުން އަނެއް ގައުމަށް އަންގާ އެންގުމެއްކަމަށްވެސް އެމެރިކާގެ ބަޔާން ބުނެއެވެ. އެމެރިކާގެ ބަޔާނުގައި އެމެރިކާއަކީ ބައިނަލްއަގްވާމީ ގާނޫނަށް އިހްތިރާމް ކުރާ ގައުމެއްކަމާއި ރަޝިއާގެ މަނަވަރުން އެންގި އެންގުމާ ގުޅިގެން އެސަރަހައްދާ ދުރަށް ދިޔައީވެސް ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތްވާތީކަމަށް ބުނެ އެމެރިކާގެ މަނަވަރަށް ދިނީ އިންޒާރެއްކަމަށް ބުނެ ރަޝިއާއިން ނެރުނު ބަޔާނާ ގުޅިގެން އެމެރިކާ ލަދުވެތިވެފައިވާ މިންވަރު އެމެރިކާގެ ބަޔާނުން އެނގޭކަމަށް މުރާސިލުން ބުނެއެވެ.

ޖަޕާން ކަނޑަކީ ޖަޕަނާއި ރަޝިއާއާ އަދި ޗައިނާ އާ ވަރަށް ކައިރި ހިސާބަކަށްވާއިރު އެއީ އެމެރިކާއާ އެތަށް ހާސް ކިލޯމީޓަރުގެ ދުރުގައިވާ ކަނޑެކެވެ. ނަމަވެސް އެމެރިކާ ގެންދަނީ ޖަޕާން ކަނޑާ އަދި ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ އެސަރަހައްދަށް ގިނަ އަދަދެއްގެ އަސްކަރީ މަނަވަރުތައް ފޮނުވައިގެން ހަރަކާތްތަކެއް ހިންގަމުންނެވެ.

އީރާން، ރަޝިއާ އަދި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން ދާދިފަހުން ގަލްފުގައި ބޭއްވި އަސްކަރީ ތަމްރީންތަކެއްގައި އެތިން ގައުމުގެ ކަނޑުގެ މަނަވަރުތައް ހަރަކާތްތެރިވަނީ

ޗައިނާއިން އެމެރިކާގެ މި ހަރަކާތްތައް ސިފަކުރަނީ އެސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ހިންގާ އަމަލުތަކެއް ގެ ގޮތުގައެވެ. ޗައިނާއިން އެތަށްފަހަރަކުވަނީ ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން އެސަރަހައްދުގެ ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރާއިރު އެކަނޑަށް އައްސޭރިވާ އެހެން ގައުމުތައްކަމަށްވާ މެލޭޝިއާ، ވިއެޓްނާމް، އަދި ފިލިޕީސް ފަދަ ގައުމުތަކުންވެސް އެކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ. މިމައްސަލާގައި އެގައުމުތަކާއި ޗައިނާއާ ދެމެދު ކަނޑުގެ ސަރަހައްދީ ރޮނގުގެ އަރާރުންތައް އޮވެއެވެ.

އެސަރަހައްދާ އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ އެމެރިކާ ގެންދަނީ އެމެރިކާގެ ބައިވެރިންކަމަށްވާ އެސަރަހައްދާ ދުރު ދެގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ވެސް ބައިވެރިކޮށްގެން ޗައިނާއާއި އެގައުމުގެ އަވަށްޓެރިންގެ މެދުގައި އުފެދިފައިވާ މިއަރާރުމުގެ ތެރެއަށްވަންނަން މަސައްކަތް ކުރަމުންނެވެ.

އަދި މެލޭޝިއާ، ވިއެޓްނާމް، އަދި ފިލިޕީސް ފަދަ ގައުމުތަކާ ޗައިނާއާ ޖައްސައި މައްސަލަ ހޫނުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމުގެ ތުހުމަތު ޗައިނާވަނީ އެމެރިކާގެ މައްޗަށް ކޮށްފައެވެ. ޖަޕާން ކަނޑުގައި ރަޝިއާގެ މަނަވަރުން އެމެރިކާގެ މަނަވަރަށް އިންޒާރުދިން ސަރަހައްދާ ގާތުގައި ރަޝިއާއާއި ޗައިނާ ގެންދަނީ އަސްކަރީ ތަމްރީންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް