އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރަނީ ސިޓީ ކައުންސިލުން: ވެމްކޯ

ސެޕްޓެމްބަރ 16، 2021" ކުނީގެ މައްސަލައިގައި ވެމްކޯއިން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މާލޭ ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރަނީ ސިޓީ ކައުންސިލުން ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވެމްކޯއިން މާލޭގެ މަގުތައް ސާފުނުކުރާ ކަމަށް ބުނެ، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވެމްކޯއާއެކު އެ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ ނޯޓިސް ދީ، އިންޒާރުދީފައެވެ.

މިކަމާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް "ސަން" އަށް ވިދާޅުވީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި އެ ކުނި އުކާލުމަށް ހެދި އެއްބަސްވުމެއް ކަމަށެވެ.

އާދަމް ވިދާޅުވީ ވެމްކޯއިން ސާފުކުރަން ހަވާލުވާ މާލެއާއި ވިލިމާލޭ މަގުތަކާއި އާންމުތަންތަނަށް ގަވާއިދާ ޚިލާފަށް އަޅާފައި ހުންނަ ކުނި ނަގައި ނައްތާލަން ވާނޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއާ ޖެހިގެން ދެން އަންނަ ޖުމްލައިގައި އެކަން ކުރެވޭނޭ އަގުތައް ވެސް ބަޔާން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރުމަށް އެދި ކައުންސިލަށް ރަސްމީކޮށް ހުށަހަޅައި ސިޓީ ވެސް ފޮނުވައިފައިވާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

"އެ އަގުތަކަށް ރިފަރެންސްދީފަ، ކުނި ނަގަން ޖެހެނީ އެ ކޮޅަށް ބިލް ކުރާ ގޮތަށް. އެހެންނަމަވެސް އަޅުގަނޑުމެން ފޮނުވި ސިޓީއަކަށް ވެސް ޖަވާބެއް ނުދެއްވާ. ނުދެއްވާ މި ހައްދަވާ ގޮތަކީ އެ އެގްރީމެންޓް އެކްޓިވޭޓް ކުރާށޭ. އެގްރީމެންޓް އެކްޓިވޭޓް ކުރަން މި އަންގަނީ ސިޓީއަށް ޖަވާބު ނުދެއްވާ. ދެން އަންގަނީ މާލޭ ސިޓީ ކައުންސިލުން އެދޭ ގޮތަށް ނަގާފަ އަޅުގަނޑުމެންނަށް އަންގައިދޭށޭ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ އެގްރީމެންޓާ ގުޅިގެން ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތަކަށް ގާނޫނީ ގޮތުން ޖަވާބުދާރީވާނެ ކަމަށެވެ.

ވެމްކޯގެ ހަށިފާރަވެރިން މަގުމަތި ސާފުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުމަތި ސާފު ނޫން ވާހަކަ މުއިއްޒު ދައްކަވަމުން އަންނަ ކަން ފާހަގަކުރައްވައި އާދަމް އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ސާފުކަން ކޮންމެ ރެއަކު ހެން މަގުތަކަށް ބަލާލުމުން އެނގޭނެ ކަމަށެވެ. އަދި މައްސަލައަކީ އެއީ ނޫން ކަމަށާއި ސިޓީ ކައުންސިލުން އުޅެނީ ވެމްކޯއަށް ޖެއްސުން ކުރަން ކަމުގައި އާދަމް ތުހުމަތު ކުރެއްވިއެވެ.

"މާލެ ސިޓީ ކައުންސިލުން އެންކަރޭޖު މި ކުރަނީ މަގުތައް މަތީ ހަމަ ކުނިތައް ބަހައްޓަން. އެހެން ހެދީމަ ރައްޔިތުންގެ ތެރެއިން ބަޔަކު ހަމަ ރެޖިސްޓްރީ ނުކޮށް އެކަން ކުރަނީ،" އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ވިދާޅުވީ އެގްރީމެންޓުގައި ސަރުކާރު އޮފީސްތައް ހުޅުވިފައި ހުންނަ 15 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން ދައްކަން ޖެހޭ ބިލްތައް ދައްކަން އޮތް ނަމަވެސް މިހާރު ވެސް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. އަދި އެއީ ކުރީގެ ކައުންސިލުން ނުދައްކާ ހުރި ފައިސާ ކަމަށް މިހާރުގެ ކައުންސިލުން ބުނި ނަމަވެސް މި ދައުރުގައި ނުދައްކާ ގިނަ ބިލްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ވިދާޅުވީ ދިމާވީ އެގްރީމެންޓަށް އަމަލުނުކުރި މައްސަލައެއްނޫން ކަމަށާއި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް އުފައްދައިގެން، ވިޔަފާރި އުސޫލުން ކުނީގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ ޖެއްސުންތަކަކީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ކުރަމުން އަންނަ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް